މާލޭ މޭޔަރުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ސަލްޓަންޕާކުގައި އެމްޑީޕީ އިން ބޭއްވި ހަފްލާގެ ތެރެއިން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އާ މޭޔަރު ހުވާ ކުރުން ކުރިއަށް އޮތް 3 ދުވަސް ތެރޭ ބާއްވަން މަސައްކަތް ކުރަނީ

ޒުލްފާ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޮޑުކޮށް ބާއްވަން ކަމަށް

މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލޭ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް މިދިޔަ އަހަަރުގެ ނޮވެމްބަރު 17ގައި އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ އާޒިމް އެވެ. އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މިއަދު 'ދައުރު'އަށް ވިދާޅުވީ، އާޒިމް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ބޭއްވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބުނީ ކީކޭ؟ - ޒުލްފާ ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޭޔަރު ބައި-އިލެކްޝަނުގެ ދާއިމީ ނަތީޖާ އިއްޔެ ލިބުމާ އެކު، ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

ޒުލްފާ ވިދާޅުވި ގޮތުން:

  • ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް، ބޮޑުކޮށް

  • ރަސްމިޔާތު ބާއްވަން ނިންމާފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގައި

"ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ރަސްމިއްޔާތު ބޭއްވޭނެ ކަމަށް މި ލަފާކުރަނީ. ފަހަރެއްގައި އެއަށް ވުރެ އެއް ދުވަސް ލަސް ވެސް ވެދާނެ. އެކަމަކު އަޅުގަނޑުމެން އުންމީދު މި ކުރަނީ ދެތިން ދުވަސް ތެރޭ ހުވާ ކުރުމުގެ ކަންކަން ނިންމާލެވޭނެ ކަމަށް،" އަދި ވަކި ތާރީހެއް ފައިނަލް ނުކުރެވޭކަން ފާހަގަކުރައްވާ ޒުލްފާ ވިދާޅުވި އެވެ.

އެނގުން މުހިންމު - 'ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު'ގައިވާ ގޮތުން، ކައުންސިލުގެ މޭޔަރު ނުވަތަ ނައިބު މޭޔަރު މަގާމުން އިސްތިއުފާ ދީފި ނަމަ، އެ މަގާމެއް ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން އެއް މަސް ދުވަހުގެ ތެރޭގައި، އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަންވާނެ އެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބުކޮށްފައި ނުވާ ނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާ ބެހޭ ގޮތުން މަޝްވަރާކޮށްގެން ނުވާނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އާޒިމް މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރާ ވާދަކުރައްވައި 2000އެއްހާ ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

މޭޔަރުގެ މަގާމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓު:

  • އާޒިމަށް 7621 ވޯޓު

  • އާޒިމާއަށް 5031 ވޯޓު

  • ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހްއަށް 2،343 ވޯޓު

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން ވާދަކުރެއްވި ހުސެއިން ވަހީދަށް 1،888 ވޯޓު

  • އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއިބު އަލީއަށް 125 ވޯޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް