އައިޖީއެމްއެޗް ކުރިމަތި. އެ ހޮސްޕިޓަލުން ވަނީ ކަރަންޓު ކެނޑިފައި.
އައިޖީއެމްއެޗު ހިމެނޭހެން މާފަންނުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ
އައިޖީއެމްއެޗު އާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން މާފަންނުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް ކަރަންޓް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހަވީރު 4:20 ހާއިރު އައިޖީއެމްއެޗު އަދި ދަރުމަވަންތަ ހޮސްޕިޓަލް އިން ކަރަންޓު ކެނޑިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ މަސައްކަތްތަކަށް ބުރޫއަރައި، ބަލިމީހުންނަށް އެކިވަރުގެ ގެއްލުންތަކާއި އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ސުވާލު ކުރުމުން ސްޓެލްކޯގެ މީޑިއާ އޮފިސަރު ވަނީ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން މާފަންނުގެ ބޮޑު ސަރަހައްދަކުން މިއަދު ހަވީރު ކަރަންޓު ކެނޑިފައިވާ ކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ކަރަންޓު ކެނޑިފައިވަނީ ފީޑާ ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން
-
މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ
-
އެންމެ ފުރަތަމަ މަސައްކަތް ކުރަނީ ހޮސްޕިޓަލްތަކަށް ކަރަންޓު ދޭން؛ މާފަންނުގެ ގެތަކަށް ކަރަންޓު ދޭނީ ހޮސްޕިޓަލްތަކަށް ކަރަންޓު ދެވުމަށް ފަހު
"ވަރަށް އަވަހަށް ހޮސްޕިޓަލްތަކަށް ކަރަންޓު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މާލެ ސަރަހައްދުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތީ ދިމާވާ ދަތިތަކުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެ އެވެ. ނަމަވެސް، ހޮސްޕިޓަލަކުން މިގޮތަށް ކަރަންޓު ކެނޑުމަކީ ވަރަށް ނުވާ ކަމެކެވެ.
މާލެ ސަރަހައްދުގެ 'ޕަވާ ސެކިއުރިޓީ' ކަށަވަރުކޮށް ކަރަންޓު ކެނޑުން މަދުކުރުމަށްޓަކައި ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް'ގެ ނަމުގައި މަޝްރޫއެއް ހިންގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮމެންޓް (1)
ޢިދްރީސް