ފިނޭންސް ކުރިމަތީގައި ސަރުކާރުގެ އޮފިޝަލުން ސޫކޫތަށް ހުއްޓިގެން
ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަން ސްކޫތެއް ގެނެސްފި
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން އިމާރާތުގެ ބޭރަށް ނިކުމެ ސްކޫތެއް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަކުގެ ދުވަހަކީ، 26 ޑިސެމްބަރު 2004ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިން ދެއްކި އެކުވެރިކަމާއި އަހުވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ތަފްސީލް - ރާއްޖެއަށް ފުރަތަމަ ސުނާމީ އެެރިކަމަށް ރިކޯޑުކޮށްފައިވާ ވަގުތު ކަމަށްވާ، ހެނދުނު 9:23ގައި 1 މިނެޓުގެ ސްކޫތެއް މިއަދު ވަނީ ގެނެސްފަ އެވެ. އެ ސްކޫތުގައި:
-
މާލެ އާއި ހުޅުމާލޭގައި ވެސް ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން އޮފީސްތަކުގެ ބޭރަށް ނިކުމެ ސްކޫތުގައި ވަނީ ބައިވެރިވެފައި
-
ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ވެސް އޮފީހުން ބޭރަށް ނިކުމެ މި ސްކޫތުގައި ވެލާނާގެ ސަރަހައްދުން ބައިވެރިވެވަޑައިގެންނެވި
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސެންޓަރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ލެންގުއޭޖު، ކަލްޗަ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ދިވެހިންނަކީ އެއްލެއަކުން އެއް ބަހަކުން އެއް ނަސްލަކުން ގުޅިފައިވާ އެއް ގައުމެއްގައި ދިރިއުޅޭ އެއް އާއިލާއެއް ކަމަށެވެ. އެހެންކަމުން ދިވެހިންގެ އެއްބައިވަންތަކަން އެއްވެސް ސަބަބަކާހުރެ ބީވިޔަ ދީގެން ނުވާނެ ކަމަށެވެ.
"ދިވެހިންގެ 4000 އަހަރުގެ ގައުމީ ތާރީހެއް ދެމެހެއްޓީ އެ އަސާސްގައި ހިފަހައްޓައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިންމު - ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް މިއަދު ސަރުކާރުން ފަށާފައި ވަނީ ފަތިސް ނަމާދުގެ ބޮޑު ޖަމާއަތުގައި މިއަދު ކުރި ފަތިސް ނަމާދުންނެވެ. އެ ޖަމާއަތަށް ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ދާން އަންގައި ސާކިއުލާ ފޮނުވާފައިވެ އެވެ.