ޕާސްޕޯޓުގެ ހިދުމަތް ހޯދަން އިމިގްރޭޝަންގައި މީހުން ކިޔޫ ހަދާފައި (ފޮޓޯ/އިމިގްރޭޝަން)

ކަރުދާސް ފޯމުން ވެސް އައިޑީ ކާޑާއި ޕާސްޕޯޓަށް އެދެވޭ ގޮތް ހަދަނީ

ގިނަވެގެން ދެ ދުވަސް ތެރޭ ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވިދާޅުވި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ހައްދަން މެނުއަލް އެޕްލިކޭޝަން ނުވަތަ ކަރުދާސް ފޯމު ލައިގެން ވެސް ހުށަހެޅޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕާސްޕޯޓާއި އައިޑީ ކާޑަށް އެދި މިހާރު ހުށަހެޅެނީ އޮންލައިންކޮށް އެކަންޏެވެ. އަދި ހިދުމަތަށް ފައިސާ ދެއްކުމުގެ ކަންކަން ވެސް ކުރަން ޖެހެނީ ޕޯޓަލް މެދުވެރިކޮށެވެ.

އޮންލައިންކޮށް މި ހިދުމަތްތައް މިދިޔަ ސަރުކާރުގައި ބަދަލުކުރީ ކޮވިޑުގެ ދުވަސްވަރު ދަތިތައް ދިމާވާން ފެށުމުން އެ ހިދުމަތްތައް ގޭގައި ތިބެގެން ހޯދުމުގެ މަގުފަހިކޮށްދިނުމަށެވެ. ނަމަވެސް، ކޮވިޑުގެ ފަހުން ވެސް ގިނަ ބައެއްގެ އެދުމުގެ މަތިން އެކަން އެ ގޮތަށް ހަމަޖެއްސި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ފަސޭހަތަކެއް ހޯދައިދޭން ގެނައި އެ ބަދަލާ އެކު، އޮންލައިންކޮށް ހިދުމަތް ހޯދުމަށް ފަރިތަ ނޫން މީހުންނަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އެކަން ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އައިޑީ ކާޑަށް މެނުއަލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ހެދުމަށް ވިސްނަމުން އަންނަ ކަމަށެވެ. 

"ވަރަށް އަވަހަށް ބައެއް ފިޔަވަޅުތައް އަޅާނަން. އޭގެ ތެރެއިން ކޮންސިޑަކުރަމުން އަންނަ ކަމެއް މެނުއަލް އެޕްލިކޭޝަނަކީ، ހާއްސަކޮށް އައިޑީ ކާޑު ކަންތަކުގައި،" އިހުސާން ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި ވެސް އެ ބަދަލު ގެނައުމަށް ވިސްނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭރު އެ ބަދަލު ގެނެސްފައިވަނީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. 

ނަމަވެސް، އޭގެ ސަބަބުން، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ދަތިތަކެއް ދިމާވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮންލައިންކޮށް ފައިސާ ދެއްކުމުގެ ކަންކަން ވެސް ބަދަލުވެގެން ދިޔައީ ކޮވިޑާ ގުޅިގެން އާއްމުންނަށް ފަސޭހަކޮށްދިނުމަށް. އެކަމަކު ތިކަމަށް [މެނުއަލްކޮށް ޕާސްޕޯޓަށް އެދެވޭ ގޮތް ހެދުމަށް] އަޅުގަނޑުމެން ކޮންސިޑާ ކުރާނަން،" އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައްމާން ވިދާޅުވި އެވެ.

މީގެ އިތުރުން، ޝައްމާން ވިދާޅުވީ، ޕާސްޕޯޓު ލިބުމަށް ގިނަ ދުވަސްތަކެއް ނަގާ މައްސަލަ ހައްލު ކުރުމަށް ވެސް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި، ގިނަވެގެން ދެ ދުވަސް ތެރޭ ޕާސްޕޯޓު ލިބޭނެ ގޮތްތައް ހަދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް