ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން

ބަންގްލަދޭޝް

ރާއްޖޭގައި ތިބީ ބަންގްލަދޭޝްގެ 90،600 މަސައްކަތްތެރިން؛ ކެންސަލޭޝަން ހަދަމުންދަނީ: އިހުސާން

މިނިސްޓަރު ވިދާޅުވީ އިކޮނަމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ބަނގްލަދޭޝް މަސައްކަތްތެރިން ތިބިކަމަށް ދައްކަނީ، މިހާރު ރާއްޖޭގައި ނޫޅޭ މީހުންގެ ކޯޓާތަކުގެ ކެންސަލޭޝަން ނުހެދި ހުރުމުން ކަމަށް

ރާއްޖޭގައި މިވަގުތު މަސައްކަތް ކުރާ ބިދޭސީންގެ ގޮތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ތިބީ 90،624 މީހުން ކަމަށާއި އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެއަށް ވުރެ އިތުރުވާ ކަމަށް ދައްކަނީ ރާއްޖޭގައި މިހާރު ނޫޅޭ މީހުންގެ ކޯޓާތަކުގެ ކެންސަލޭޝަން ނުހެދި ހުރުމުން ކަމަށް ހޯމްލޭންޑް ސިކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެއަށް ބަންގްލަދޭޝް ބިދޭސީ މަސައްކަތްތެރިން ގެނައުން ހުއްޓާލާފައި އޮތުމަށް ފަހު އިއްޔެ ވަނީ އެ ގައުމުގެ 'އަންސްކިލްޑް' މަސައްކަތްތެރިން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައި، އެކަން އިއުލާންކޮށްފަ އެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް މަސައްކަތްތެރިން ގެނައުން ވަގުތީ ގޮތުން އިއްޔެ ވަނީ ހުއްޓާލައިފަ އެވެ.

ރާއްޖޭގައި މިހާރު ވެސް ގާނޫނު ބުނާ އަދަދަށް ވުރެ އިތުރަށް ބަންގްލަދޭޝް މަސައްކަތްތެރިން އެބަތިބި ކަމަށް ބުނެ، އެކަމާ ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން، އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން  މަސައްކަތްތެރިން ގެނެވޭނެ އަދަދަކީ 100،000 އެވެ. 

އިކޮނަމިކް މިނިސްޓްރީން މީގެ ކުރިން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މިވަގުތު 139،000 އަށް ވުރެ ގިނަ ބަގްލަދޭޝް މަސައްކަތްތެރިން އުޅޭ ކަމަށް ދައްކަ އެވެ. އެ ރިޕޯޓް މިހާރު ވަނީ ވެބްސައިޓުން ނަގައިފަ އެވެ. 

ބުނީ ކީކޭ؟ - މިނިސްޓަރު އިހުސާން މިއަދު 'ދައުރު'އަށް ވިދާޅުވީ އިކޮނަމިކް މިނިސްޓްރީގެ އެ ތަފާސްހިސާބުތަކުން ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ބަންގްލަދޭޝް މަސައްކަތްތެރިން ތިބި ކަމަށް ދައްކަނީ، މިހާރު ރާއްޖޭގައި ނޫޅޭ މީހުންގެ ކޯޓާތަކުގެ ކެންސަލޭޝަން ނުހެދި ހުރުމުން ކަމަށެވެ. އެ ކޯޓާތައް ކެންސަލްކޮށް، އަދަދުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ އަދަދު ކަމަށް އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލާ ސިސްޓަމުން ދައްކަނީ، 90،246 މަސައްކަތްތެރިން ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ބެލުމުގައި ބަލަނީ އެ ސިސްޓަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ނޫޅޭ، އެހެން ނަމަވެސް މިހާރު މަސައްކަތް ނުކުރާ ބިދޭސީންގެ ކޯޓާތައް ކެންސަލް ނުވެ، ގިނަ ދުވަސްތަކެއް ވެފައި ވަނީ، އެ ބިދޭސީން ގެންނަ ކުންފުނިތަކުން ކެންސަލޭޝަނަށް ހުށަހަޅާފައި ނުވާތީ އާއި ބައެއް ބިދޭސީން ޗުއްޓީއަށް ދިއުމަށް ފަހު އަނބުރާ ރާއްޖެ އައިސްފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވިފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްކޮށް ކެންސަލޭޝަންތައް ކުލިއާކޮށް، އަދަދުތައް ސާފުކުރެވޭނެއެކޭ ވެސް ނުދަންނަވާނަން. އެކަމަކު އަޅުގަނޑުމެން މިދަނީ އެ މަސައްކަތްތައް ކުރަމުން. އެ މަސައްކަތް ނިމުމުން މިހާރު ބޯޑާ ކޮންޓްރޯލާ ސިސްޓަމުން ދައްކާ އަދަދާއި މިނިސްޓްރީގައި ރެކޯޑުކުރެވޭ އަދަދުތަކާ ދިމާވާނެ. އެކަމަށް އަޅުގަނޑުމެންނަށް ފުދޭ ވަރަކަށް ވަގުތުތަކެއް ދޭންޖެހޭނެ ދެއްތޯ އަދި މިވީ ހަތަރު ހަފްތާ ސަރުކާރަށް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ އިމިގްރޭޝަނާއި ކަރެކްޝަނާ އެކު ޓާސްކް ފޯސްއެއް އުފައްދައި، ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމާއި ރެގިއުލޭޓުކޮށް، މަސައްކަތްތަށް ނެރެވެން ތިބި މީހުންނަކީ ކޮބައިތޯ ބަލައި އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށެވެ.

އިހުސާން ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ 53 ބިދޭސީއަކު މިހާރު ވެސް ރާއްޖެއިން ފޮނުވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ އަދަދެއްގެ އެފަދަ ބިދޭސީން ފޮނުވާލާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ހަމަ ގައިމު ވެސް، ގާނޫނުގައި އެ ބުނާ އަދަދު ފަހަނައަޅައި ނުދާނެ ކަމުގެ ޔަގީންކަން އަރުވަން. އެހާ ވަރަށް އަދަދުތައް މަތިވެގެން ނުވެސްދާނެ." އިހުސާން ވިދާޅުވި އެވެ.

އިތުރު ބިދޭސީން ރާއްޖެ ގެނައުމުގެ ހުއްދަ ވަގުތީ ގޮތުން ދީފައިވަނީ މިވަގުތަށް ބަނގްލަދޭޝް މަސައްކަތްތެރިން ބޭނުންވެފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ފިޒާން

18 ޑިސެމްބަރު 2023
4 ލައްކަ މީހުންގެ އާބާދީއެއް އޮތް ކުޑަ ގައުމެއްގައި، 1 ލައްކަ ބަންގްލަދޭޝް އަދި އެހެން ގައުމުތަކުގެ އެތައް ހާސް މީހުން އުޅުމަކީ މިގައުމުގެ ސަލާމަށާއި ރިސޯސްތަކަށް ނުރައްކަލެއް ކަމަކަށް ނުފެނޭތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް