ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ސާޖިދާއަށް ފުރައްސާރަ ކުރުމަށްވުރެ މުހިއްމު ކަންކަން އެބަހުރި: ޑިމޮކްރެޓްސް

އޭނާގެ މައްސަލަ މިހާރު ކޮމިޓީގައި ކުރިއަށް ދާއިރު އަނެއްކާ ވަކި ކުއްލި މައްސަލައެއް ހުށަހަޅައިގެން ބަހުސް ކުރަންވީ ސަބަބެއް ނެތް ކަމަށް ބައެއް މެމްބަރުން ބުނި
14 ޑިސެމްބަރު 2023

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހެލްތު މިނިސްޓްރީން ދީފައިވާ ވޭޖް-އެމްޕްލޯއިމެންޓް ކޮންޓްރެކްޓު ބާތިލް ކުރަން މަޖިލީހަށް އިއްޔެ ހުށަހެޅި ކުއްލި މައްސަލައަކީ ސާޖިސާއަށް ފުރައްސާރަ ކުރަން ކުރި ކަމެއް ކަމަށާއި އެއަށް ވުރެ މާ މުހިއްމު ކަންކަން މިވަގުތު ކުރަން އެބަހުރި ކަމަށް ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވޭޖް-އެމްޕްލޯއިމަންޓް އުސޫލުން ހެލްތު މިނިސްޓްރީން ސާޖިދާއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަން ގޮވާލާ، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ތަމްސީލު ކުރައްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

މައްސަލަ ހުށަހަޅުއްވާ ސަބަބުތަކުގެ ތެރޭގައި އޭނާ ވިދާޅުވީ:

  • ސާޖިދާއަށް ހަތަރު އަހަރުގެ ނޯ-ޕޭ ލީވް އެއް ދިނުމަށްފަހު ވޭޖް-އެމްޕްލޯއިމެންޓް ކޮންޓްރެކްޓް ހަދާފައިވަނީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް 

  • އެކަމާ ގުޅިގެން ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް ކަމާއި ގާނޫނުން ލިބިދޭ މަންފާތައް ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަން ޔައުގޫބު ފާހަގަކުރެއްވި އެވެ.

ބުނީ ކީކޭ؟ - އެ މައްސަލާގެ ބަހުސަށް ހުޅުވާލުމުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ޑިމޮކްރެޓްސް ތަމްސީލު ކުރައްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، އެ ކުއްލި މައްސަލަ ސިފަލކުރެއްވީ "ފުރައްސާރަ"އިގެ ގޮތުގަ އެވެ.

"ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ކަމެއް ކޮށްފިއްޔާ މި މަޖިލީހުން ވަރަށް ފަސޭހައިން ނިންމޭނެ ގޮތްތައް އެބައޮތް. އެހެން ނަމަވެސް، މިކަން މިދަނީ ސިޔާސީ ގޮތަށް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

މި ގައުމުގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރިކަން ފާހަގަކުރައްވާ، އިބްރާހިމް ރަޝީދު ސިފަކުރެއްވި ގޮތުގައި، އެ މައްސަލަތައް ހައްލު ނުކޮށް "އަންހެނަކާ ފޮށެން" މިފަދަ ކަންކަން ކުރުމަކީ "ހަޑި ހުތުރު ކަމެ"ކެވެ.

އޭނާގެ ވާހަކައަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ފަސްޓް ލޭޑީ ސިވިލް ސާވިސްގައި މަސައްކަތް ކުރަން ބޭނުންވުމުން ކުރިމަތިވެފައިވާ ހާލަތަކީ ވިސްނުމަށް ފަހު ގޮތް ނިންމަން ޖެހޭ ހާލަތެއްކަން ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، އޭނާ ވިދާޅުވީ ކޮމިޓީ އަކުން އެ މައްސަލަ މިހާރު ވެސް ބަލަމުންދާއިރު، އަނެއްކާ އަލުން ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ހުށަހަޅާ، ގައުމުގެ ސަމާލުކަމަކަށް އެކަން ގެނެސްގެން ބަހުސެއް ކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަންވީ އެއްވެސް ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.

"މިއަށް ވުރެ މާ މުހިއްމު ކަންކަން އެބަހުރި ބަލަން،" އީވާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ސީއެސްސީން ބުނެފައިވާ ގޮތުގައި ސާޖިދާއަށް ދީފައިވާ ކޮންޓްރެކްޓުގައި ވަނީ:

  • ޓެކްނިކަލް ދާއިރާގެ ފަންނީ ލަފަ އާއި މުވައްޒަަފުން ތަމްރީނުކުރުމާއި ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތުގައި ސާޖިދާގެ އެހީތެރިކަން ބޭނުންވާ ކަމަށް

  • މަހަކު 40 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއަކަށް 75ރ.ގެ މަގުން މުސާރައެއް ދިނުމަށް

އެހެންކަމުން، އެ ކޮންޓްރެޓުގެ ދަށުން ސާޖިދާއަށް މަހަކަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވާ ގޮތުގައި، ފަސްޓް ލޭޑީ މުސާރަ ނަންގަވަން ބޭނުން ނުވާ ކަމަށް ހެލްތު މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވީ ނަމަވެސް، ގަވައިދުގެ ދަށުން މުސާރަ ނުދޭ ގޮތަށް މަސައްކަތެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް، ފަސްޓް ލޭޑީއަށް ލިބޭ އެލަވަންސް ލިބޭހާ ދުވަހަކު ދައުލަތުން އިތުރު މުސާރައެއް ނުނަންގަވާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އޭނާއަށް ލިބޭ އެއްޗެއް ހަދިޔާ ކުރައްވާނެ ކަމަށެވެ.

އެނގުން މުހިއްމު - ރައީސްގެ މުސާރަ އާއި އިނާޔަތްކާ ބެހޭ ގާނޫނުގެ ދަށުން:

  • ރައީސްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އެލަވަންސެއް ދޭން ޖެހޭ 

  • އެ އެލެވަންސްގެ އަދަދަކީ ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި 

  • ރައީސްގެ މުސާރަ އަކީ 100،000ރ.؛ އެހެންކަމުން، ސާޖިދާއަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 33،333ރ. ލިބިވަޑައިގަންނަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް