އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)

އައްޑޫ

ހިތަދޫ ފިހާރައަކަށް ވައްކަން ކުރަން ވަދެ ސޭޓަށް ވަޅިން ހަމަލާދިން މީހާ ޑުރަގާ އެކު ހައްޔަރުކޮށްފި

އެ މީހާ ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބަންދުކޮށްފައި ހުރި 18 ރަބަރު ޕެކެޓު ވަނީ ފެނިފައި
10 ޑިސެމްބަރު 2023

އައްޑޫ ހިތަދޫގެ ފިހާރައަކަށް ވައްކަން ކުރަން ވަދެ، ސޭޓަކަށް ހުރި މީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި މަސްތުވާތަކެއްޗާ އެކު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު މެންދުރު ފަހު 3:10 ހާއިރު އެވެ.

ބުނީ ކީކޭ؟ - "ވައްކަން ކުރަން ވަން މީހާ ހިފަހައްޓަން އުޅުމުގެ ތެރޭގައި ފިހާރައިގެ ސޭޓަކަށް އިން މީހާއަށް އަނިޔާވެފައިވޭ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ތަފްސީލު - އިތުރު މައުލޫމާތު ސާފުކުރުމުން އޮފިޝަލް ވިދާޅުވީ ސޭޓަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެނގުން މުހިންމު - ފަހަކަށް އައިސް އައްޑޫގައި ގޭންގު މާރާމާރީ އާއި ފޭރުން ވަނީ އިތުރުވެފަ އެވެ. ސިލްސިލާކޮށް ހިންގަމުން ދާ ގޭންގު މާރާމާރީ ހުއްޓުވަން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އައްޑުއަށް ދިޔަ ނަމަވެސް، އެ ޓީމު ދިޔަ ފަހުން ވެސް މާރާމާރީތަކަށް އަދި ހުއްޓުމެއް ނާދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް