ބޮޑުކަންނެލީގެ މަސްވެރިން ކަނޑުމަތީގައި: ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަކީ އާ ސަރުކާރުގެ ވައުދެއް

މަސްވެރިން

މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލަން ނިންމައިފި

މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ނިމުމުގެ ކުރިން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރަން ހުޅުވާލާއިރު، ކަނޑު މަސްވެރިކަމުގެ އިތުރުން ފަރު މަސްވެރިކަމާއި ސްޕޯޓްސް ފިޝިން ވެސް ހިމެނޭ
10 ޑިސެމްބަރު 2023

ދިވެހި މަސްވެރިންގެ ސިނާއަތް އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވައިލަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކެޓްރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ މިއަދުގެ ހާލަތު އޮތީ، ރާއްޖޭގެ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއް ނުވަތަ ސިނާއަތެއްގެ ގޮތުގައި މާލީ އިދާރާތަކުން ނުބަލާ ގޮތަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިންނަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

"މި ދަފްތަަރާ އެކު އެ ދަތިތަކަށް، އިރާދަކުރެއްވިއްޔާ ހައްލެއް ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - އެ ދަފްތަރު އިތުރަށް ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ ދަފްތަރުގައި ހިމެނޭނީ ކަނޑު މަސްވެރިކަމުގައި އުޅޭ މީހުން އެކަނި ނޫން ކަމަށެވެ.

"މިއަދު ދިވެހި ސަރުކާރުގެ ސިޔާސަތު މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ  ކަނޑު މަސްވެރިކަމާ ދިމާލަށް. އެހެން ނަމަވެސް މަސްވެރިކަން، ދިވެހިންގެ ތެރޭގައި ވެސް އެކި ސިނާއަތްތަކަށް، އެކި ބާވަތްތަކަށް ފުޅާވެގެން ކުރިއަރަމުން އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.

"މި ދަފްތަރުގެ ތެރެއިން އިރާދަކުރެއްވިއްޔާ ކަނޑު މަސްވެރިކަމާއި ފަރު މަސްވެރިކަމާއި އަދި ހަމައެހެންމެ ސްޕޯޓްސް ފިޝިންގެ ތެރޭގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކަށް ވެސް ހިޔާވެހިކަން ލިބިގެންދާނެ."

އެ ދަފްތަރުގެ ނަތީޖާއަކީ އަދި އުންމީދަކީ، ފިރުޒުލް ވިދާޅުވި ގޮތުގައި، ދިވެހި މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމުގެ އިތުރުން ޒުވާނުން މި ސިނާއަތަށް ޝައުގުވެރިކުރުވަން ހުރި ފުރުސަތުތައް އިތުރުވުމެވެ.

އެނގުން މުހިންމު - މަސްވެރިންގެ ދަފްތަރެއް އެކުލަވައިލަން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރަން ހުޅުވާލުމަކީ މި ސަރުކާރު ފުރަތަމަ 14 ހަފްތާގެ މަގު ޗާޓު 'ހަފްތާ 14'ގައި ހިމެނޭ ކަމެކެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި އެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ކުރާނީ، މަސްވެރިންނާއި މަސްވެރިންގެ އެކި ޔޫނިއަންތަކުގެ މަޝްވަރާ އާއި ލަފާގެ މަތިން ފިޝަރީޒް މިނިސްޓްރީންނެވެ. އެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މަގު ޗާޓުގައިވާ ގޮތަށް ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް