މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ ރައީސް އޮފީސް)
25 މިލިއަން ޑޮލަރު ހޭދަކޮށްގެން ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ހަދަނީ
ތެލެސީމިއާ ބައްޔަށް ހާއްސަކޮށްގެން މާލޭގައި އާ ހޮސްޕިޓަލެއް ހަދަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މި ހޮސްޕިޓަލް ހަދަން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
ބުނީ ކީކޭ؟ - މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ ތެލްސީމިއާ ބައްޔަށް މިހާރު ދޭ ހިދުމަތްތައް ފުޅާކުރަން މިއަދު އޮތް ވަޒީރުންގެ މަޖިލީހުން ނިިންމި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ؛
-
އާސަންދައިގެ ދަށުން ހިލޭ ބޯން މެރޯ ހެދޭނެ ގޮތް ހަމަޖައްސައިދިނުން
-
ތެލެސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުން
-
ތެލެސީމިއާ ވާރުތަކުރޭތޯ ބަލަން ހަދާ ޑީއެންއޭ ޓެސްޓު ސަރުކާރުގެ ރަސްމީ ސިއްހީ ނިޒާމުގެ ތެރެއިން ހެދޭނެ ގޮތް ހަމަޖައްސައި، އެ ހިދުމަތް ވެސް އާސަންދައިން ހިލޭ ލިބޭ ގޮތަށް ހަމަޖެއްސި
-
ހަށިގަނޑުގެ ގުނަވަންތަކުގައި އަޔަން ހަރުލާފައި ހުންނަ މިންވަރު ބަލަން ދެ އަހަރުން އެއް އަހަރު ހަދަން ޖެހޭ ޓެސްޓު ވެސް އާސަންދައިން ކަވަރުކުރުން. ސަރުކާރުގެ ހޮސްޕިޓަލުތަކުން އެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސަން ވެސް ނިންމި
ތެލެސިމިއާއަށް ހާއްސަކޮށް ހަދާ ހޮސްޕިޓަލަށް ކިހާ ވަރެއް ހަރަދުވާނެތޯ 'ދައުރު'ން ސުވާލުކުރުމުން ފިރުޒުލް ވިދާޅުވީ ލަފާކުރެވެނީ 25 މިލިއަން ޑޮލަރު ކަމަށެވެ.
ތެލެސީމިއާ ހޮސްޕިޓަލުގައި:
-
ބޯން މެރޯ ހެދުމުގެ ހިދުމަތްތައް ގާއިމްކުރާނެ
-
ބޯން މެރޯ ހެދުމުގެ ކުރިންނާއި ފަހުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ލިބޭނެ
-
ހޮސްޕިޓަލު ފަރުމާކުރާނީ ރާއްޖޭގެ އެކި ހިސާބުތަކުން ފަރުވާ ހޯދަން މާލެ އަންނަ ތެލެސީމިއާ ބަލިމީހުންނަށް ހުރުމުގެ އިންތިޒާމު ހަމަޖެހޭ ގޮތަށް
ފިރުޒުލް ވިދާޅުވީ އެ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އޭގެ އަަމަލީ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް (1)
އައްޒުވީ