މާލޭގައި މީގެ ކުރިން ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި މީހެއްގެ ގައިން މަގުމައްޗަށް ލޭ ފައިބައިފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މާރާމާރީ

ހުޅުމާލޭ މޯލްގެ ލިފްޓުގައި ކުއްޖަކަށް ހަމަލާދީފައިވޭތޯ ބަލަން އާންމުންގެ އެހީއަށް އެދިއްޖެ

އެފަދަ ހަމަލާއެއް ދީފައިވޭތޯ ކަށަވަރުކުރަން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދާފައިވޭތޯ އާއި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން

ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ރޭ ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ބުނާ މައްސަލާގެ ހަގީގަތް ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ. 

ވީ ކިހިނެއް؟ - ރޭގެ ވަގުތެއްގައި ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށް ބުނެ ބައެއް ހަބަރުތައް ވަނީ ދައުރުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަަށެވެ.

ބުނީ ކީކޭ؟ - އެ މެސެޖުގައި ބުނެފައިވަނީ، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެ ކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް، އެފަދަ ކަމެއްގެ ހިނގި ކަމުގެ މައުލޫމާތު މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާތީ، އެ މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ނަންބަރު 3322111އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އެނގުން މުހިންމު -  މިދިޔަ މަހުގެ 30 އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މާރާމާރީތައް ދަނީ ހިނގަމުންނެވެ. މި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ވެގެން ރިޕޯޓުކޮށްފައި ނުވިޔަސް، މިދިޔަ ބުރާސްފަތި ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު އެ ދުވަހު ހައްޔަރުކުރި އެވެ. ނަމަވެސް، އެ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މިދިޔަ ހަފްތާގެ ހުކުރު އަދި އާދިއްތައިގައި އައްޑޫގައި ދެ މާރާމާރީއެއް ހިންގާފައި ވާއިރު، އެ މައްސަލަތަކުގައި 11 މީހަކު ހައްޔަރުކޮށް، އެކަކު ފިޔަވައި އެހެން އެންމެން ތިބީ ބަންދުކޮށްފަ އެވެ. އައްޑޫގައި ހިންގި މާރާމާރީތަކުގައި ޒަހަމްވި އެކަކުގެ ހާލު ބޮޑުވެ، އޭނާ މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.

މާރާމާރީތައް އިތުރުވެފައި ވާތީ، މާލެ އާއި އައްޑޫގައި ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް