އިންޑިއާގެ ބޯޓު، ކުޑަގިރި ފަރަށް އަރާފައި ފޮޓޯ/ ޓްވިޓާ)

ސިވިލް ކޯޓު

ކުޑަގިރިއަށް އެރި އިންޑިއާގެ ބޯޓުން ޖޫރިމަނާ އަދިވެސް ނުދައްކާ، ފުރަން ހުއްދަނުދެވޭނެ: ސިވިލް ކޯޓު

ސިވިލް ކޯޓުން ބުނީ ބޯޓު ފުރުން ހުއްޓުވާފައިވަނީ، އެ ފައިސާ މަސްދުވަސް ތެރޭ ދެއްކުމަށް މިދިޔަ ފެބްރުއަރީގައި ބޯޓުގެ ވެރިފަރާތަށް އަންގާފައިވީ ނަމަވެސް، އެ ފައިސާ މިހާތަނަށް ދައްކާފައި ނުވާތީކަން އެނގެން އޮންނަ ކަމަށް

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކ. ކުޑަގިރި ފަރަށް އިންޑިއާގެ ބޯޓެއް އަރައި ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި، 3 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ދައްކަން އަންގާފައި އޮންނަތާ އަހަރެއް ވާން ގާތް ވެފައިވާ އިރު، އަދިވެސް އެ ފައިސާ ދައްކާފައި ނުވާތީ، ބޯޓު ފުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - 'އޭއެމް އެމްއެސްވީ މާރިއާ ސިންތަޔަތިރައި ރިޔާނާ' ނަމަކަށް ކިޔާ ބޯޓެއް ކުޑަގިރި ފަރުގެ ވެލިގަނޑަށް އެރީ މިދިޔަ 31 ޖެނުއަރީގަ އެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އިޕީއޭ) އިން ނެރުނު ބަޔާނުގައިވާ ގޮތުން، އޭގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ލިބިފައިވާ ގެއްލުންތަކަށް ބަލައި ބޯޓުގެ ވެރިފަރާތަށް މިދިޔަ 28 ފެބްރުއަރީގައި އަންގާފައިވަނީ:

  • 3.9 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް

  • އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް

ވީ ކިހިނެއް؟ - މި ބޯޓު ރާއްޖެ ގެނައި ޝިޕިން އެެޖެންޓު، ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ 'ބިގްވޭވް' އިން ވަނީ، ޖޫރިމަނާ ނުދައްކަނީސް، ބޯޓު ފުރުން އީޕީއޭއިން ހުއްޓުވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި މިދިޔަ 14 މޭގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އެއީ ލަކުޑި ބޯޓަކަށް ވެފައި، ދުވަހެއް ދުވަހަކަށް ބޯޓު ހަލާކުވަމުންދާތީ ބޯޓުން ދިޔަ ހިއްކައި ފެންމަތީގައި ބޭއްވުމަށް ކުރަން ޖެހޭ ހަރަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ އެޖެންޓު ކަމުގެ ދަށުން ރާއްޖޭގައި ނުފުރި ބޯޓު އޮންނަ ކޮންމެ ދުވަހަކު މާލީ އެތައް ގެއްލުމެއް ކުރިމަތިވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މައްސަލައިގައި އެދިފައިވަނީ:

  • ބޯޓު ފުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް

  • ބޯޓު ފުރުން ހުއްޓުވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް

  • ރައްޖޭގައި ބޯޓު ހިފަހައްޓާފައި އޮންނަ އޮތުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޒިންމާ އީޕީއޭއިން ނަގަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް

ބުނީ ކީކޭ؟ - ސިވިލް ކޯޓުން މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 3.9 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އޮންނަތާ އަހަރެއްވާން ގާތްވެފައި ވާއިރު، މިހާތަނަށް އެ ފައިސާ ދައްކާފައި ނުވާކަން އެނގެން އޮންނަ ކަމަށެވެ.

އަދި ބޯޓު ފުރުން ހުއްޓުވާފައިވަނީ، އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައ ިދެއްކުމަށް މިދިޔަ 28 ފެބްރުއަރީގައި ބޯޓުގެ ވެރިފަރާތަށް އަންގާފައިވީ ނަމަވެސް، އެ ފައިސާ މިހާތަނަށް ދައްކާފައި ނުވާތީކަން އެނގެން އޮންނަ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންކަމުން، އެއީ އީޕީއޭގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނެފައިވަނީ:

  • މި ފައިސާ ދެއްކުމަށް އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، ފައިސާ ދައްކާނެ ކަމުގެ ގެރެންޓީއަކާ ނުލައި ބޯޓު ދޫކޮށްލައިފި ނަމަ، އެ ފައިސާ ނުލިބުމުގެ އިހުތިމާލު އޮތް ކަމަށް އީޕީއޭއިން ބުނޭ

  • ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެފަދަ ގެއްލުންތަކަށް ޖޫރިމަނާ ކުރުމާއި ބަދަލު ހޯދުމުގެ ބާރު އީޕީއޭއަށް ލިބިގެންވޭ

  • ޖޫރިމަނާ ދެއްކުމަށް ލުއި ގޮތްތަކެއް ފަހިކޮށްދީފައިވޭ؛ ބޭންކު ގެރެންޓީއެއްގެ ދަށުން ނުވަތަ ސެކިއުރިޓީ ޑިޕޮސިޓެއް ހަވާލުކުރުމަށް ފަހު، ފުރައިގެން ދިއުމަށް އިއުތިރާޒު ނުކުރާކަން އީޕީއޭއިން ބޯޓުގެ ވެރިފަރާތަށް އަންގާފައިވޭ

  • ރާއްޖެއަށް އަންނަ ބޯޓުފަހަރު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ، އެ ފައިސާ ނުދައްކަނީސް ރާއްޖެ ދޫކޮށް ދިއުމުގެ ހުއްދަ އަކީ ދެވޭނެ ހުއްދައެއް ނޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް