އިޝްތިހާރު

ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ރައީސް މުއިއްޒު

ހުވާކުރުމުގެ ރަސްމިއްޔާތުގެ އަގު ބޮޑެއް ނޫން: މިނިސްޓަރު ޝަފީގު

ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގަތުމަށް އެ ތަން މަރާމާތުކުރުމުގެ އަގު ކުޑަކުރެވޭ ދިމަދިމާލުން ހަރަދު ކުޑަކުރައްވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި
20 ނޮވެމްބަރު 2023

ރަައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވުމަށް ދިޔަ ހަރަދު ބޮޑު ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް، އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވައިފި އެވެ.

ވީ ކިހިނެއް؟- އަންނަ އަހަަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަމުން އަންނަ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި، ރައީސް މުއިއްޒު ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގެ ހަރަދުތަކުގެ ވާހަކަ މިނިސްޓަރު ދެއްކެވީ، ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭނާ މިނިސްޓަރާ ކުރެއްވި ސުވާލަކީ:

  • މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރަދުކުޑަކުރުން ކަމަށް ބުނަމުން ދާއިރު، ހުވާކުރުމުގެ ޖަލްސާއަށް 22 މިލިއަން ރުފިޔާ ހަރަދުކޮށް، ރައީސް މުލިއާގެއަަށް ބަދަލުވެވަޑައިގަތުމަށް ވެސް ބޮޑު އަދަދެއް ހަރަދުކުރުމާ ދެކޮޅަށް ލަފާ ނުދެއްވަނީތޯ

"އެއްވެސް ވަރަކަށް ރައީސުލްޖުމްހޫރިއްޔާއަށް އެޑްވައިސް ކުރެއްވިންތޯ ފިނޭންސް މިނިސްޓަރު، މި ހަރަދުތައް މި ގޮތަށް ނުކުރަން، ނޫނީ ކުޑަކުރަން، ނޫނީ ގައުމުގެ ހާލަތު އޮތީމަ މިއާ މެދު ދެ ވަނަ ވިސްނުމަކަށް ދިއުމަށް މިނިސްޓަރު އެއްވެސް ވަރަކަށް ލަފާފުޅު އެރުވިންތޯ ރައީސުލްޖުމްހޫރިއްޔާއަށް؟،" ޔައުގޫބް ސުވާލުކުރެއްވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތަށް ބަލާއިރު، ވަރަށް ބޮޑަށް ހަރަަދު ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ހުވާކުރުމުގެ ޖަލްސާ އެގޮތަށް ބޭއްވީ އެ ދުވަސް "ޝަރަފުވެރިކޮށް ފާހަގަކުރުމަކީ ވެސް ދިވެހި ވަރަށް ގިނަ ދަރިން އެދި ތިބި ކަމެއް" ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ވެސް މި ގައުމުގެ ޝަރަފާއި މި ގައުމުގައި އެ އަންނަ މުހިއްމު ދުވަހެއް އެ ދުވަސް ފާހަގަކުރުމުގެ ޝަރަފުވެރިކޮށް ފާހަގަކުރުމަކީ ވެސް ދިވެހި ވަރަށް ގިނަ ދަރިން އެދިތިބި ކަމެއް އޭގެ ގޮތުގައި،" ޝަފީގް ވިދާޅުވި އެވެ.

ރައީސްގެ ގެކޮޅަށް ދާނެ ކަމަށް ބެލެވޭ ހަރަދުތަކާ ގުޅިގެން ޝަފީގް ވިދާޅުވީ، އެ ކަމަށް ދާނެ ހަރަދުތައް އެނގޭނީ ބީއޯކިއު އެސްޓިމޭޓްތައް ލިބިވަޑައިގެންނެވުމުން ކަމަށެވެ. އަދި އަގުތައް ބެލުމަށް ފަހު، އަގު ކުޑަކުރެވޭ ދިމަދިމާލުން ހަރަދުކުޑަކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެނގުން މުހިންމު - މުލިއާގެ މަރާމާތު ކުރަން ޖެހޭތީ، ރައީސް މުއިއްޒު އަދި ދިރިއުޅުއްވަނީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގަ އެވެ. މުލިޔާގެއަށް ބަދަލުވެވަޑައިގަތުމަށް ދެ މަސްދުވަސް ވަރު ހޭދަވާނެ ކަމަށް ސަރުކާރުން ބުނެފައި ވާއިރު، އެ ތަނުގެ މަރާމާތަށް ދާ ހަރަދު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް