މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގެ ތަޅުމުގައި (ފޮޓޯ/ ނަޝީދު)
ފަލަސްތީނުން ކުރަނީ އުއްމަތުގެ ޖިހާދެއް؛ ހަމާސް ނައްތައެއް ނުލެވޭނެ: ނަޝީދު
އިޒްރޭލަށް ވެސް އަދި ހުޅަނގުގެ އެއްވެސް ބާރަކަށް ވެސް، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތް ނަައްތާނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނުން ކުރަމުންދާ ހަނގުރާމަ އެ މަނިކުފާނު ސިފަކުރެއްވީ، އެންމެންގެ ހަނގުރާމައެއްގެ ގޮތުގަ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިގޮތަށް ވާހަކަދެއްކެވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަމުން އަންނަ، އިޒްރޭލާ ދެކޮޅަަށް ފިޔަވަޅު އެޅުމާ ގުޅޭ ގަރާރަށް ވާހަކަދަައްކަވަމުންނެވެ.
ތަފްސީލް - ހަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ، އިޒްރޭލުން ފަލަސްތީނުގެ ހޮސްޕިޓަލުތަކަށް ބޮން އަޅަައި ކުޑަކުދިންނާއި އާއްމުން މަރަމުން ދިއުމާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ދެކޮޅު ހަދަމުންދާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެކަމަކު ވެސް އެ ބާރުތަކަށް އެ ޖަމާއަތް ނައްތާނުލެވޭނެ ކަމަށެވެ.
އިޒްރޭލުގެ ފަތުރުވެރިން މަނާކުރަން ގޮވާލައި ބަޔަކު މަޖިލިސް ދޮށުގައި މުޒާހަރާ ވެސް ކުރަމުން ދަނިކޮށް ނަޝީދު ދެއްކެވި ވާހަކައިގައި އެ މަނިކުފާނު ވިދާޅުވީ "މިނިވަންކަމުގެ ރޫހަކީ އިންސާނާ ގައިން ނައްތާލެވޭނެ އެއްޗެއް ނޫން" ކަމަށެވެ. އަދި މިނިވަންކަމަށްޓަކައި އަބަދުވެސް އިންސާނާ ނުކުންނާާނެ ކަމަށާއި އޭނާގެ ނިމުމާ ހަމައަށް ވެސް އެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރާާނެ ކަމަށެވެ.
މިނިވަންކަމަށްޓަކައި ފަލަސްތީނުން ކުރަމުންދާ ހަނގުރާމަ ނަޝީދު ސިފަކުރެއްވީ މުޅި އިންސާނިއްޔަތުގެ ވެސް ހަނގުރާމައެއްްގެ ގޮތުގަ އެވެ.
"ފަލަސްތީނުގެ ރައްޔިތުން އެ ކުރާ ޖިހާދު، އެ ކުރާ ހަނގުރާމަ، އެ މީހުންގެ ސްޓްރަގްލް އެއީ އިންސާނިއްޔަތުގެ ސްޓްރަގްލްއެއް. ފަލަސްތީނު ރައްޔިތުންގެ އެކަނި ސްޓްރަގްލްއެއް ނޫން. އެއީ އަޅުގަނޑުމެން އެންމެންގެ ވެސް އެއީ ހަނގުރާމަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަަޝީދު ވިދާޅުވީ މި ހަނގުރާމަ ނިމުމަކަށް އަންނާނީ ދެ ބައި މީހުންނަށް އެކީގައި އުޅެވޭނެ މަގެއް ހޯދައިގެން ކަމަށެވެ. އެއީ އެ މަނިކުފާނު އަބަދުވެސް ގަބޫލުކުރައްވާ ގޮތްކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، ދެ ފަރާތް ގޮނޑިތަކުގައި ބައިންދާ، މި ދެ ގައުމު ދެމެދުގައި ސުލްހަވެރިކަން ގާއިމުކޮށް، މި ދެ ބައި މީހުންނަށް އެކީގައި އުޅެވޭނެ ގޮތެއް ނުހޯދޭހާ ދުވަހަަކު މި މައްސަލަ އަޅުގނޑުމެންނަށް ކޮންމެ ދުވަހަކު ފެނިގެންދާނެ. އަޅުގަނޑުގެ ދުއާ އަކީ ފަލަަސްތީނުގެ ރައްޔިތުންނަށް ކާމިޔާބު ލިބުން،" ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް (1)
ކަރޮޕްޟަން