އާބަންކޯއިން ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްޕޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި ރޯވެފައި(ފޮޓޯ/އެމްވީ ކްރައިސަސް)

ހިޔާ ފްލެޓްތައް

ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާގެ ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެ

ޖުމްލަ 16 ޓަވަރުގެ ތެރެއިން ފަސް ޓަވަރުން ކަރަންޓު ކެނޑުނު

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި މިރޭ ރޯވެ، ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ އެވެ. އޭގެ ތެރެއިން ގިނަ ޓަވަރުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފަ އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯއިން ދެންމެ ބުނި ގޮތުގައި، ރޯވެފައިވަނީ އާބަންކޯއިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގަ އެވެ.

މި ހާދިސާގައި އެ ސަރަހައްދުގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ތަފްސީލް - އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން 'ދައުރު'އަށް ބުނި ގޮތުގައި، ރޯވީ ތިން ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގަ އެވެ. އެއާ އެކު:

  • ޖުމްލަ 16 ޓަވަރުގެ ތެރެއިން ފަސް ޓަވަރުން ވަނީ ކަރަންޓު ކެނޑިފައި

  • އެއީ ޓްރާންސްފޯމަރު ހުރި ތިން ވަނަ ޓަވަރުގެ އިތުރުން، ފަސް ވަނަ ޓަވަރުން ފެށިގެން އަށް ވަނަ ޓަވަރާ ހަމައަށް؛ އޭގެ ތެރެއިން ފަސް ވަނަ ޓަވަރުން ފެށިގެން އަށް ވަނަ ޓަވަރާ ހަމައަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި

  • ޓްރާންސްފޯމަރު ހުރި ތިން ވަނަ ޓަވަރަށް ކަރަންޓު ދޭން ދެ ގަޑިއިރު ވަރު ހޭދަވާނެ ކަމަށް ސްޓެލްކޯ އިން ބުނޭ

އެނގުން މުހިއްމު - 30،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހިޔާ ސަރަހައްދުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ އެ ތަނުގައި ދިރިއުޅޭ އާއްމުންގެ ޝަކުވާ ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް