އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ކުރިމަތިލެއްވި ތިން މެމްބަރުން (ކ-ވ): ޖާބިރު، އަބްދުލްގަނީ އަދި މުހައްމަދު ރަޝީދު.
އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ވާދަކުރައްވަނީ މުހައްމަދު ރަޝީދާއި ޖާބިރާއި ގަނީ
ހުސްވެފައިވާ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު ކަމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލްހަކީމް ކުރިމަތިލައްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމަށް ކުރިމަތިލައްވާފައިވާ މެމްބަރުންގެ ނަންތައް ތަރުތީބުކޮށް މިރޭ ވަނީ އިއުލާންކޮށްފަ އެވެ.
ތަފްސީލް - މި އިންތިހާބުގައި ވާދަކުރައްވަނީ:
-
ކެންޑިޑޭޓު ނަމްބަރު 1 - އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން
-
ކެންޑިޑޭޓު ނަންބަރު 2 - ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް
-
ކެންޑިޑޭޓު ނަންބަރު 3 - ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
އެމްޑީޕީން ކުރި އިއުލާންގައިވާ ގޮތުން، އެ ޕާޓީގެ ޕީޖީ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ބުރާސްފަތި ދުވަހުގެ 2 އިން 4 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިންތިހާބުގެ ވޯޓުުލުން އޮންނާނީ ގ. ނިއުޝާގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެމްޑީޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގަ އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުންނެވެ.
މިދިޔަ އަހަރުގެ 18 ފެބްރުއަރީން ފެށިގެން އެ މަގާމު އަދާކުރެއްވި އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުކުރީ، އެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެ މަގާމުން އެ މަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.