އީޔޫ

ޝެންގެން ވިސާއަށް އޮންލައިންކޮށް އެދެވޭ ގޮތް ހަމަޖައްސަން ފާސްކޮށްފި

ޝެންގެން ވިސާގެ އާ ގަވާއިދުތައް ތަންފީޒު ކުރަން ފެށުމުން ދިވެހިންނަށް ވެސް އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރަން އީ-ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައި
14 ނޮވެމްބަރު 2023

ޔޫރަޕް ބައްރުގައި އެއްވެސް ހުރަހަކާ ނުލާ ދަތުރުކުރެވޭ ގައުމުތައް ކަމަށްވާ ޝެންގެން ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ ޝެންގެން ވިސާއަށް އޮންލައިންކޮށް އެދެވޭ ގޮތް ހަމަޖައްސަން ޔޫރަޕިއަން ކައުންސިލުން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޝެންގެން ވިސާއާ ގުޅޭގޮތުން ޔޫރަޕިއަން ކައުންސިލުން އިއްޔެ ނިންމި މައިގަނޑު ނިންމުންތަކަކީ:

  • އީޔޫ ވިސާ އެޕްލިކޭޝަން ޕްލެޓްފޯމެއް ހެދުން؛ މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމުން ވިސާއަށް އެދި ހުށަހެޅުމާއި ވިސާ ފީ ދެއްކުން ފަދަ ހިދުމަތްތައް އެ ޕްލެޓްފޯމުން ލިބޭނެ

  • ނަމަވެސް މުޅިން އަލަށް ޝެންގެން ވިސާއަށް އެދޭ މީހުންނާއި ބަޔޯމެޓްރިކް ޑޭޓާ ސައްހަ ނޫން މީހުންނާއި އާ ޓްރެވަލް ޑޮކިއުމެންޓެއް ބޭނުންކުރާ މީހުން ކޮންސިއުލޭޓަށް ދާން ޖެހޭނެ

  • މިހާރު ބޭނުންކުރާ ވިސާ ސްޓިކާ ކްރިޕްޓޮގްރާފުން ތައްޔާރުކުރާ ބާކޯޑަކަށް ބަދަލުކުރުން

ގުޅުންހުރި - ޔޫރަޕިއަން ކައުންސިލްގެ މި ނިންމުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

"މި ނިޒާމު ފެށުމަށްޓަކައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަވުމުން ޝެންގެން ވިސާއަށް އެދޭ ދިވެހިންނަށް އީ-ވިސާ ލިބޭނެ މަގުފަހިކޮށްދެއްވާތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރަން،" ޝާހިދު މިއަދު 'އެކްސް'ގައި ވިދާޅުވި އެވެ.

އެނގުން މުހިންމު - އެތެރޭގެ ބޯޑަރުތަކުގައި ހުރި ކޮންޓްރޯލްތައް ނައްތާލައި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮންނަ ގޮތަށް ޝެންގެން އެއްބަސްވުމުގެ ދަށުން ޔޫރަޕްގެ 27 ގައުމެއް އެ ސަރަހައްދުގައި ހިމެނެ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާ އެކު ވިސާއަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް މާލޭގައި ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން (ވީއެފްއެސް މާލެ) ސެންޓަރެއް 1 މާޗު 2020ގައި ވަނީ ހުޅުވައިފަ އެވެ. 

އެ ސެންޓަރުން ޝެންގެންގެ ހަ ގައުމަކަށް ވިސާ ދޫކުރަމުން އައިސް، ހިދުމަތް ފުޅާކުރުމުގެ ގޮތުން ޝެންގެންގެ އިތުރު ތިން ގައުމެއްގެ ވިސާ ލިބޭނެ ގޮތް އިއްޔެ ވަނީ ހަމަޖައްސާފަ އެވެ.

މިހާރު ވީއެފްއެސް މާލެ މެދުވެރިކޮށް ވިސާ ނެގޭ ޝެންގެން ގައުމުތަކަކީ:

  • 1-

    ސްވިޓްޒަލެންޑް

  • 2-

    ބެލްޖިއަމް

  • 3-

    ނެދަލެންޑްސް

  • 4-

    ޕޮލެންޑް

  • 5-

    ލަގްޒެމްބޮގް

  • 6-

    ސްލޮވީނިއާ

  • 7-

    ފްރާންސް

  • 8-

    ސްޕެއިން

  • 9-

    ޕޯޗުގަލް

އިތުރު އާޓިކަލް

އިތުރު އާޓިކަލް