ޝެންގެން ވިސާ.

ޝެންގެން 9 ގައުމެއްގެ ވިސާ ރާއްޖެއިން ނެގޭ ގޮތް ހަދައިފި

މިއަދުން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާ މާލޭގައި ހުންނަ ވީއެފްސް ސެންޓަރުން ލިބޭ ގޮތް ވަނީ ހަމަޖައްސާފައި

ޔޫރަޕް ބައްރުގައި އެއްވެސް ހުރަހަކާ ނުލާ ދަތުރުކުރެވޭ ގައުމުތައް ކަމަށްވާ ޝެންގެން ސަރަހައްދުގެ ނުވަ ގައުމެއްގެ ވިސާއަށް، މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (ވީއެފްއެސް މާލެ) މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ -  ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާ އެކު ވިސާއަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވީއެފްސް ސެންޓަރެއް މާލޭގައި ހުޅުވާފައިވަނީ 1 މާޗު 2020ގަ އެވެ. 

ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ޝެންގެން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކާ އެކު ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީއެފްއެސް މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑުން މިދިޔަ 21 އޮގަސްޓުގައި ގުޅިފައިވާ ކަމަށެވެ.

އެ ސެންޓަރު މެދުވެރިކޮށް މިހާތަނަށް ވިސާ ލިބެމުން އައި ޝެންގެން ގައުމުތަކަކީ:

  • 1-

    ސްވިޓްޒަލެންޑް

  • 2-

    ބެލްޖިއަމް

  • 3-

    ނެދަލެންޑްސް

  • 4-

    ޕޮލެންޑް

  • 5-

    ލަގްޒެމްބޮގް

  • 6-

    ސްލޮވީނިއާ

މިއަދުން ފެށިގެން އިތުރު ތިން ޝެންގެން ގައުމެއްގެ ވިސާއަށް ވެސް އެ ސެންޓަރުން ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

އެ ގައުމުތަކަކީ:

  • 1-

    ފްރާންސް

  • 2-

    ސްޕެއިން 

  • 3-

    ޕޯޗުގަލް

އެނގުން މުހިންމު - އެތެރޭގެ ބޯޑަރުތަކުގައި ހުރި ކޮންޓްރޯލްތައް ނައްތާލައި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮންނަ ގޮތަށް ޝެންގެން އެއްބަސްވުމުގެ ދަށުން ޔޫރަޕްގެ 27 ގައުމެއް އެ ސަރަހައްދުގައި ހިމެނެ އެވެ.

ގުޅުން ހުރި ކަމެއް - ޝެންގެން ގައުމުތަކަަށް ވިސާ ނުނަގައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހެދުމުގެ މަޝްވަރާތައް ވެސް ފޮރިން މިނިސްޓްރީން ކުރަމުން އެބަދެ އެވެ. ނަމަވެސް، އެކަން އަދި ހަމައެއް ނުޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް