ރައްޔިތުންގެ މަޖިލީހުގެ ތަޅުން

ނަޝީދު ވަކިކުރުމުގެ ޖަލްސާ ފެށުމާ އެކު ގަރާރު ފުރިހަމަ ނޫން ކަމަށް ބުނެ ޑިމޮކްރެޓްސްގެ ނިޒާމީ މައްސަލަތައް

ޑިމޮކްރެޓްސް އިން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ ނަޝީދު ވަކިކުރުމުގެ ގަރާރު އެމްޑީޕީން ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަނުކޮށް ކަމަށް
12 ނޮވެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފަައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މިއަދުގެ ޖަލްސާ ފަށައިފި އެވެ. ޖަލްސާ ފެށިގެން ކުރިއަށް ދާއިރު، މަޖިލިސް އަދި އޮތީ ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރުންގެ ނިޒާމީ މައްސަލަތަކުގެ ތެރޭގައި ތާށިވެފަ އެވެ.

ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ އާންމު މެމްބަރަކު ރިޔާސަތު ބަލަހައްޓަވާ ގޮތަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާ އެކު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ފެށީ މިއަދު ހެނދުނު 9ގަ އެވެ. ނަމަވެސް، އެ މައްސަލަ އަދި ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.

ތަފްސީލް - މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ފެށުމާ އެކު، ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފަ އެވެ.

އެ މައްސަލާގައި އޭނާ މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ނަޝީދު ވަކިކުރުމުގެ ގަރާރު އެމްޑީޕީން ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. އެގޮތުން، ދީބާޖާ ފަދަ ގަރާރުގައި ހިމެނެން ޖެހޭ ބައެއް ބައިތައް މަދު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބައިތައް ނުހިމަނައި ހުށަހަޅާފައިވާ ގަރާރެއް ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެ ނިޒާމީ މައްސަލައަށް، ޑިމޮރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވެސް ތާއީދުކުރެއްވި އެވެ.

އެއާ އެކު، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ނިިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވި އެވެ.

ފަސް މަންޒަރު - ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލާގައި ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު، އެ މައްސަލަ އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ މަހުގެ 29 އަށެވެ. އޭގެ ފަހުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުންނެވީ ސަލާމުގަ އެވެ. އެހެންވެ އެ މައްސަލަ އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ.

  • މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ ނައިބު ރައީސް؛ އަދި ނައިބު ރައީސް ނެތް ނަމަ، މިފަދަ މައްސަލައެއްގައި ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވޭ؛ އެހެންވެ، އަމީން އާންމު ފާތުމަތު ނިޔުޝާގެ ނިންމެވުމަކީ ވެސް އީވާ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށް 

  • އެކަމާ ހިތްހަމަނުޖެހި، އެމްްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި؛ އެ މައްސަލައިގައި އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލު ކުރާ ޖަލްސާއަކަށް ނައިބު ރައީސްއަށް ވަޑައިނުގެންނެވޭ ހާލަތުގައި، އެހެން މެމްބަަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައަަޅައިދިނުމަށް

  • ސުޕްރީމް ކޯޓުން ވަނީ އެމްޑީޕީން އެދުނު ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް