ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބު ރިޔާސީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު(ފޮޓޯ/ޑިމޮކްރެޓްސް)

ްނަޝީދުގެ މައްސަލަ ދެވަނަ ފަހަރަށް ވައްދަން ސޮއި ހޯދީ މެމްބަރުން ބްލެކްމެއިލް ކޮށްގެން: އިލިޔާސް

އިލިޔާސް ވިދާޅުވީ ބައެއް އެމްޑީޕީ މެމްބަރުންގެ އާއިލާ މީހުންނަށް ފްލެޓު ދޭނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުމުން ކަމަށް ބުނެވެސް ސޮއި ހޯދާފައިވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ވައްދަން ސޮއި ހޯދާފައިވަނީ މެމްބަރުން ބްލެކްމެއިލް ކޮށްގެން ކަަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލިޔާސް ލަބީބު މިރޭ ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ނިމިދިޔަ ރިޔާސީ އިންތިހާބުގައި 'ދަ ޑިމޮކްރެޓްސް'ގެ ޓިކެޓްގައި ވާދަ ކުރެއްވި އިލްޔާސް މިރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެ ސޮއިތައް ހޯދާފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައި ބިރު ދައްކައިގެން ކަމަށެވެ.

ސޮއިކުރި ބައެއް މެމްބަރުންނާއި ހަވާލާދީ އޭނާ ވިދާޅުވީ:

  • ބައެއް މެމްބަރުން ވިދާޅުވޭ އާރަށް ގެންގޮސްފައި ސޮއިކުރަން ދިނީމަ ތިމަންނަމެން ސޮއި ކުރިއްޔޭ؛ އެއީ އެދުވަހުގެ ބައްދަލުވުމުގެ އެޓަންޑަސް މާކު ކުރަން ދިން ގަނޑެއް ކަމަށް ހީކޮށްގެން ބައެއް ސޮއިކުރި ކަމަށް ބައެއް މެމްބަރުން ބުނޭ

  • އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުމުން ނޫނީ ފްލެޓު ބޭނުންވެގެން މެމްބަރުން ދީފައިވާ ލިސްޓުގައި ހިމެނޭ އާއިލާގެ މީހުންނާއި، ރަށްޓެހިންނަށް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ބައެއް މެމްބަރުންނަށް ބިރުދައްކާފައިވާ ކަމަށް އެ މެމްބަރުން ބުނޭ

  • ފްލެޓު ލިސްޓު ނެރުން ލަސްވީވެސް އެ މައްސަލަ މަޖިލީހުގައި ކުރިއަށް ދިއުން މަޑުޖެހިފައި އޮތުމުން ކަމަށް މައުލޫމާތު ލިބޭ

  • ކޯޓުގައި އަދި ފުލުހުންގެ އިދާރާގައި ހުރި ބައެއް މެމްބަރުންނާއި ގުޅޭ މައްސަލަތަކުގެ ބިރު ދައްކައިގެންވެސް ސޮއި ހޯދާފައި އެބަހުރި؛ އޭގައި ސޮއި ކުރުމުން މައްސަލަތައް އެތަންތަނުން ނަގައިދޭނެ ކަަމަށް ބުނެފައިވޭ

"އެހެންވީމައި މި [ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް] ސޮއި ހޯދަން ހާއްސަކޮށް އެމްޑީޕީ މެމްބަރުންނަށް ނުފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކުރާ ކަމަށް މެމްބަރުން ވިދާޅުވެފައި އެބަހުރި. އަދި ރައީސް ނަޝީދު އަރިހުވެސް ބައެއް މެމްބަރުން ވިދާޅުވެފައި އެބަހުރި މި ވާހަކަތައް،" އިލިޔާސް ވިދާޅުވި އެވެ.

"އެހެންވީމައި އެބަ އެނގޭ މެމްބަރުން ބްލެކް މެއިލް ކޮށްގެން، އަދި ބިރު ދައްކައިގެން މަސައްކަތް ކުރާކަން."

9 ސެޕްޓެމްބަރ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުމުގައި އިލިޔާސް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެނގުން މުހިންމު - ނަޝީދު ވަކިކުރުމުގެ މައްސަލަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކުރި ހޯއްދެވުމުން، ދެވަނަ ބުރުގައި ނަޝީދުގެ އެހީތެރިކަން ބޭނުންވެގެން ދެ ޕާޓީގެ ދެމެދުގައި ހެދި ޑީލަކަށްފަހު އެ މައްސަލަ އަނބުރާ ނެގި އެވެ.

އޭގެފަހުން:

  • ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފެށި

  • މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ވައްދާފައިވަނީ އެ ޕާޓީގެ 49 މެންބަރުންގެ ސޮޔާ އެކު މިދިޔަ މަހުގެ 9 ގައި؛ މައްސަލަ ބަލައިގަނެ، 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ އެ މަހުގެ 12 ވަނަ ދުވަހު 

  • އެ ނޯޓިސްގެ މުއްދަތު ހަމަވެ މައްސަލަ ކުރިއަށް ގެންދަން ތާވަލުކުރި ޖަލްސާތައް ބޭއްވޭގޮތް ވެފައި ނުވަނީ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ؛ ނައިބު ރައީސް ނެތް ހާލަތުގައި އެމައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް

  • ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު އެ މަޖިލީހުގެ މެމްބަރަކަށް ބެލެހެއްޓޭ ގޮތް ހަދަން ކޯޓަށް އެމްޑީޕީން ވަނީ މައްސަލަ ހުށަހަޅާފައި

  • އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 9:30އަށް ވަނީ ސްޕްރީމް ކޯޓުގައި ތާވަލު ކޮށްފައި

  • ސްޕްރީމް ކޯޓުން އެ މައްސަލަ އަށް ގޮތެއް ނިންމުމުގެ ކުރިން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން އީވާ މިހާރު ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް