އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި ހުރި މުހިންމު ކަންކަމުގެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

'ރައީސް ޔާމީން ބަތްކައްކާ ނުކުޅޭނެ'

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޔާމީން އަމިއްލަފުޅަށް ދެއްވި ދެ ޓެސްޓުން ފާސްނުވެއްޖެ ނަމަ ދެކޮޅަށް ނުކުންނަވާނަންތޯ ސުވާލުކުރުމުން ވިދާޅުވީ 'ތިޔަ ސުވާލުނުކުރޭ!'
31 އޮކްޓޯބަރު 2023
4

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ މުހިންމުކަން ދީގެން ކުރަންވީ ކަންކަމުގެ ލިސްޓެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވި އެވެ. އެ ލިސްޓްގައި ހިމެނޭ އެންމެ މުހިންމު ދެ ޓެސްޓަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އެވާހަކަފުޅު ދެއްކެވުމަށް ފަހު އެތަނުން ނުކުމެވަޑައިގަތް ވަގުތު 'ދައުރު'ގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް ސުވާލެއްކުރި އެވެ. އެ ދެ ކަންތައް މުއިއްޒުގެ ސަރުކާރުގައި ނުކުރެވި، އެ ޓެސްޓުން ފޭލްވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް ޔާމީން ނުކުންނަވާނަންތޯ އެވެ.

"ކާކު ބުނީ ފާސްނުވާނޭ؟ ކާކު ބުނީ ފާސްނުވާނޭ؟" ކަނާތުގެ ޝަހާދަތް އިނގިލި ނޫސްވެރިޔާއާ ދިމާއަށް ދިއްކުރެއްވުމަށް ފަހު، ހަރުކަށިކޮށް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުހައްމަދު މުއިއްޒު، ރ. ފައިނުގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއަށް ފަހު ޔާމީން ވިދާޅުވީ ނޫސްވެރިން "ތިޔަ ސުވާލު ނުކުރާށޭ" އެވެ.

"ކަލޭމެން ތިޔަ ސުވާލުކުރޭ މިހާރު ހުރި ރައީސްއާ. ކަލޭމެން ވެސް ފެއާވޭ. ކަލޭމެން ގައުމީ ހައްގުގައި މަސައްކަތްކުރޭ،" ޔާމީން ވިދާޅުވި އެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެ ސުވާލުކުރަން ޔާމީން އެދިވަޑައިގެންނެވީ އަލަށް އުފެދޭ ޕީޕީއެމް-ޕީއެންސީގެ ސަރުކާރަށް އެ ޒިންމާތައް ނަގަން ޖެހުނީ މިހާރުގެ ސަރުކާރުގެ ސަބަބުން ކަމަށް ވާތީ އެވެ.

"އަހަރެމެންގެ ރައީސަށް އެ އޮތީ ބޮޑު ޒިންމާއެއް. އެއީ މި ރައީސް [ރައީސް ސޯލިހު] ހެދި ގޯހުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ރައްދުގެ މާނައަކީ އެމަނިކުފާނު އަމިއްލަފުޅަށް ދެއްވި ދެ ޓެސްޓުން މުއިއްޒު ފާސްނުވެއްޖެ ނަމަ "ޔާމީން ދެން ކުރައްވާނީ ކީއްތޯ" މި ސުވާލު ނޫސްވެރިން ކޮށްގެން ނުވާނެ ކަމެވެ.

"ރައީސް ޔާމީން ބަތްކައްކާ ނުކުޅޭނެ،" އަމިއްލަ ނަފުސަށް އިޝާރަތްކުރައްވައި ވިދާޅުވި އެވެ.

"ރައީސް ޔާމީން އާއި ރައީސް ޔާމީން [ބައިވެރިވާ] ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި."

ކޮމެންޓް (4)

އަހުސަން

1 ނޮވެމްބަރު 2023
ޔާމީން ބަތްކައްކާ ކުޅޭތަން މިދައުރުގައި ފެނުމުގެ ފުރުސަތު ހަމަ ވަރަށް ބޮޑު
7 2

މަޖިލިސް

31 އޮކްޓޯބަރު 2023
މުޒައްޔިނަށް ސާބަސް. ޔާމީނު ބޭނުންވާ ސުއާލެއްނޫން ކުރަން ޖެހޭނީ. އަސްލުކޮށްލަންވީ ޔާމީނު ސަރުކާރުން ކީއްވެތޯ އިންޑިއާއާއެކު އެމްޔޫ ތަކުގައި ސޮއިކޮށް ހެލްކޮޕްޓަރު ގެނެސް ބޭނުންކޮށް ތިބުނާ ބަޔަކު ފޮނުވާނުލީ؟ އަސްލުވެގެންއުޅޭ ގޮތަކީ 2018ގެ އިންތިހާބުން ބަލިވީ އިންޑިއާގެ ސަބަބުންނޭ އަންނި ބުނި ހިސާބުން. ބަލަ ވޯޓްދިނީ ދިވެހިން. މިފަހަރުވެސް ޔާމީނުލީނަމަ ނުހޮވޭނެ. ތިހިރީ ނޫސް ވެރިއަކު ސުވާލެއްކޮށްލީމަ މީހާއަށް ވީވަރު. ޔާމީނުވާނީ ޔާމީނަށް އަބަދުވެސް މީހަކަށް ގޮތެއް ހަދާނުލެވިގެން އުޅޭނީ.
16 1

އަހްމަދު

31 އޮކްޓޯބަރު 2023
މުޒައްޔިނު ލަދުގަންނަވާލާފި. އެހެންނުންވާނީ. ނޫސްވެރިންނޭކިޔާފާ ސުވާލު މިކުރަނީ ޣައިބުގާވާކަންތައްތައްހޯދަން އުޅޭގޮތަށް. އެހެންވެއްޖެނަމަ މިހެން ވެއްޖެނަމަ. ނަމަނަމާ ގައި ހިފާގެން ދަމަނީ . ރީތިއަޑެއް އިވިއްޖެނު. މިކޮމެންޓް ނުޖެހިއަސް މުޒައްޔިނަށް އަހަރެންގެ މިބަސްތައް ފެންނާނެ.
7 14

ސާބަހޭ

31 އޮކްޓޯބަރު 2023
@އަހްމަދު މުޒައްޔިންގެ ސުވާލު ބަރާބަރު. އެއީ ކުރަން ޖެހޭ ސުވާލެއް. މާ ގިނަ ދުވަހެއް ނުވެ، ފެންނާނެ އެ ދެ ކަމުގަ ހިފައިގެން ޔާމީން މުއިއްޒުއާ ދެކޮޅަށް ނުކުންނަތަން. ބަލަން ތިބޭ
16 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް