އާސަންދައިން ހިދުމަތް ދޭކަން އަންގައިދޭ ނިޝާނެއް އެ ސްކީމްގެ ލޯގޯއާ އެކު ޖަހާފައި:

ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދަ ހަމަޖައްސަން މަޖިލީހުން ލަފާދެނީ

ރާއްޖޭގެ ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބަލަން ދިރާސާއެއް ހެދުމަށްވެސް މަޖިލީހުން ވަނީ ލަފާދީފަ
18 އޮކްޓޯބަރު 2023

ދަރިމައިނުވުމުގެ މައްސަލައަށް ގައުމީ އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖައްސައި، ސަރުކާރު ހޮސްޕިޓަލްތަކުން އެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާ އެރުވުމަށް މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟- މިގޮތަށް މަޖިލީހުން ނިންމީ، ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވަމުންދާތީ، ގައުމީ ފެންވަރުގައި ދިރާސާއެއް ހަދައި އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް ފަސޭކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށެވެ.

އެ ކޮމިޓީ ރިޕޯޓް ފާސްކުރުމަށް 45 މެމްބަރުން ވޯޓު ދެއްވި އެވެ.

ތަފްސީލް- ގަރާރު ދިރާސާކުރި މަރުހަލާގައި ކަމާ ބެހޭ އިދާރާތައް ހާޒިރުކޮށް އެ ފަރާތްތަކުން ދިން ބައެއް މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ އާސަންދަ އިސްލާހުކޮށް، އެ ސްކީމްގެ ތެރޭގައި ދަރިމައިނުވުމުގެ މައްސަލައަށް ދެވޭ ފަރުވާ ހިމެނުމެވެ. އޭގެ އިތުރުން ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ރާއްޖޭގެ ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބަލަން ކަމާ ގުޅޭ ވުޒާރާއިން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަން ޖެހޭ

  • ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ'

އެނގުން މުހިއްމު- ދަރިމަައިނުވުމުގެ މަައްސަލަތަކާ ގުޅުގެން އާސަންދަ އިން އެ ކޮމިޓީގައި ބުނެފައިވަނީ އެ މައްސަލައަށް އާސަންދަ ހަމަޖައްސާނަމަ ދުރު ރާސްތާގައި އެކަމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުންނާއި އެހެން ގޮތްގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެ ކަމަށެވެ. އެހެންނަމަވެސް އެ ސްކީމުން އެ ފަރުވާ ލިބޭ ގޮތަށް ހަމަޖައްސާނަމަ، އާސަންދައިގެ ތެރެއިން އެކަމަށް އުސޫލުތަކެއް ހަދަން ޖެހޭ ކަމާއި އަދި އެހެން ގައުމުތަކެކޭ އެއްގޮތަށް ނޭޝަނަލް ފާޓިލިޓީ ކެއާ ފަންޑުތައް ފަދަ މާލީ އިޖްތިމާއީ އެހީ ފޯރުކޮށްދޭ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް