އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ (ފޮޓޯ/އަދާލަތު ޕާޓީ)

އަދާލަތު ޕާޓީ

އަދާލަތުން މަޖިލީހުގެ 5 ދާއިރާއަަކަށް ވާދަކުރަން ވިސްނަނީ

އަދާލަތުން ބުނީ އެކަމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް، ގޮތެއް ނިންމާނީ ގޮފިތަކާއި އިތުރަށް މަޝްވަރާ ކޮށްފައި ކަމަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ވާދަކުރަން އަދާލަތު ޕާޓީން މަޝްވަރާކޮށްފި އެވެ.

ތަފްސީލް - އަދާލަތު ޕާޓީން މި މަޝްވަރާ ފަށާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. 

އެ ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު އެކްސްގައި ވިދާޅުވީ، މަޝްވަރާ ކުރި ފަސް ދާއިރާ އަށް ކުރިމަތިލުމާމެދު ގޮތެއް ނިންމުމުގެ ކުރިން ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށެވެ. ވާދަކުރާ ދާއިރާތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެނގުން މުހިންމު - އަދާލަތު ޕާޓީން މިހާތަނަށް ވާދަކުރި މަޖިލިސް އިންތިހާބު ތަކުގެ ތެރެއިން މަޖިލީހުގެ ގޮޑިއެއް ލިބުނީ އެންމެ ފަހަރަކު އެވެ. އެއީ، މަކުނުދޫ ދާއިރާ ތަމްސީލުކުރެއްވި ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް އަށެވެ. އޭނާ ވެސް މިފަހުން ވަނީ އަދާލަތުން ވަކިވެވަޑައިގެންފަ އެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ތާއީދުކުރެއްވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށެވެ.

އަނާރާ ނައީމް

އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރިއިރު، އެއްވެސް ދާއިރާއަކުން ގޮނޑި ކާމިޔާބު ވެފައެއް ނުވެ އެވެެ. އޭރު ވާދަކުރީ:

  • ކެލާ ދާއިރާ

  • ވައިކަރަދޫ ދާއިރާ

  • ހަނިމާދޫ ދާއިރާ

  • މަކުނުދޫ ދާއިރާ

  • އިނގުރައިދޫ ދާއިރާ

  • ކާށިދޫ ދާއިރާ

  • މަހިބަދޫ ދާއިރާ

  • މުލަކު ދާއިރާ

  • ނިލަންދޫ ދާއިރާ

  • ގަމު ދާއިރާ

  • ފުވައްމުލަކު ދެކުނު ދާއިރާ

  • ފޭދޫ ދާއިރާ

  • މާފަންނު ދެކުނު ދާއިރާ

ކޮމެންޓް (1)

ހަނިމާދޫ

12 އޮކްޓޯބަރު 2023
ނޯ ތޭންކިއު. އެކަތިވެސް ނުލިބޭނެ ކީއްކުރާ ބޭކާރުކަމެއް ، ލަދުގަންނަން؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް