އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިރޭ އެ ޕާޓީގެ ގައުމީ ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ (ފޮޓޯ/އެމްއެންޕީ)

އެމްއެންޕީ

މޭޔަރު އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރާނީ ޕީޕީއެމް-ޕީއެންސީއާ އެކު: އެމްއެންޕީ

ނާޒިމް ވިދާޅުވިގޮތުގައި ރިޔާސީ އިންތިހާބަށް ހެދި ކޯލިޝަން އެއްބަސްވުމުގައި އޮތީ ކުރިއަށް ހުރި ހުރިހާ އިންތިހާބެއްގައި ތިން ޕާޓީ އެކުގައި ވާދަކުރާ ގޮތަށް

މާލޭގެ އާ މޭޔަރު ހޮވުމުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ކޯލިޝަން ޕާޓީތައް ވާދަކުރާނީ އެކީގައި ކަމަށް، ކުރިއަށް އޮތް ޕީޕީއެމް-ޕީއެންސީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ޕީޕީއެމް-ޕީއެންސީން ދެވަނަ ބުރުގައި ވަނީ، ފުރަތަމަ ބުރުގައި ވޯޓުގެ އެންމެ ޕަސެންޓެއް ވެސް ނުހޯދުނު އެމްއެންޕީއާ އެކު ކޯލިޝަން ހަދައިފަ އެވެ. 

އިންތިހާބު %54 އިން ކާމިޔާބުކުރެއްވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ތައްޔާރުވަމުން ގެންދަވާއިރު، އެމަނިކުފާނު 17 ނޮވެމްބަރުގައި ރައީސަށް ވެވަޑައިގަތުމުން މޭޔަރުކަމުގެ މަގާމު ހުސްވެ އާ އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އަދި އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެ އެވެ. 

ތަފްސީލް - އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ އިންތިހާބުގައި ވެސް މަސައްކަތް ކުރާނީ ރިޔާސީ އިންތިހާބެކޭ އެއްގޮތަށް ތިން ޕާޓީ އެކީގަ އެވެ.

ކުރިއަށް ހުރި އިންތިހާބުތަކުގައި އެމްއެންޕީ ކުރިއަށްދާނެ ގޮތަކާ މެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އިރު، ކައުންސިލް މެމްބަރަކު ވަނީ ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީއާ އެކު ހެދި އެއްބަސްވުމުގެ ތަފްސީލެއް ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ލިބުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

އެކަމާ ގުޅިގެން ނާޒިމް ވަނީ، އެ އެއްބަސްވުމުގައި ހިމެނޭ އެއް ކަމެއް ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ އިންތިހާބުތަކާ ބެހޭ މާއްދާއެއް ކަމަށާއި އެ މާއްދާގައި އޮންނަނީ:

  • ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރާނީ ޕީޕީއެމް-ޕީއެންސީ އެކުގައި ކަމަށް

  • އިންތިހާބުތަކަށް ޕްރައިމަރީގައި ވާދަކުރަންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ޕްރައިމަރީ ކާމިޔާބު ކުރާ މީހަކު ހޮވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން

"ހަމަ އެގޮތަށް ޕާލިމަންޓް އިންތިހާބުގައި ވެސް އޮންނާނީ. އަދި ދެން އޮތް އިންތިހާބެއްގައި ވެސް އޮންނާނީ. އެހެންވީމަ އެގޮތަށް އެކަން ހިނގާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ގައުމީ ކައުންސިލްގެ މިރޭގެ ބައްދަލުވުން (ފޮޓޯ/އެމްއެންޕީ)

އެ މަޝްވަރާގައި ބައިވެރިވި ބައެެއް ކައުންސިލް މެމްބަރުން ވަނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި އެ އިންތިހާބުތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް