މާލޭ ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި އަހުމަދު ނަރީޝް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަރީޝްއާ މާލޭގެ މޭޔަރުގެ ޒިންމާތައް ހަވާލުކޮށްފި

ނޮވެމްބަރު 17ގައި ހުވާކުރައްވަންދެން މޭޔަރުކަމުގެ މަގާމުގައި މުއިއްޒު ދެމިހުންނަވާނެ

މާލޭގެ މޭޔަރު ކަމުގެ ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް އިންތިހާބުވުމާ އެކު މާލޭގެ މޭޔަރުގެ ޒިންމާތައް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ، މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިފަހުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ހައިސިޔަތުން ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު ކައުންސިލް ބައްދަލުވުން މިއަދު ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި މުއިއްޒު ވަނީ، މަގާމުގެ ޒިންމާތައް ނަރީޝް އާ ހަވާލުކުރައްވާފަ އެވެ. އެކަމަކު، 17 ނޮވެމްބަރުގައި ރައީސްކަމުގެ ހުވާ ކުރެއްވުމާ ހަމަޔަށް މަގާމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - މަގާމުގައި ދެމި ހުންނެވި ނަމަވެސް، ޒިންމާތައް ނަރީޝް އާ ހަވާލުކުރެއްވި ސަބަބެއް ކަމަށް މުުއިއްޒު ވިދާޅުވީ:

  • ހުވާކުރެއްވުމާ ހަމައަށް އޮންނަ އިންތިގާލީ މުއްދަތުގެ ތެރޭގައި އެކަންކަމަށް ވަގުތު ހުސްކުރަން ބޭނުންވާތީ

  • އެ މަސައްކަތުގައި އުޅުއްވަމުން މޭޔަރުގެ ޒިންމާތައް އަދާކުރެއްވުމަށް ވަގުތު ނުދެއްވުމަކީ މާލޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ނުވާނެތީ އެ ޒިންމާތައް ނަރީޝް އާ ހަވާލުކުރެއްވީ ކަމަށް މުއިއްޒު ވިދާޅުވި

"ލޯކަލް ގަވާމަންޓް އޮތޯރަޓީ(އެލްޖީއޭ)ގެ ލީގަލް ޓީމުން ލަފާ ދެއްވާފައި އޮތީ ހާއްސަ ހާލަތެއްގެ ގޮތުގައި އެމަސައްކަތަށް[އިންތިގާލީ މުއްދަތުގެ ތެރޭ ކުރަން ހުރި ކަންކަމަކަށް] ވީއްލާ ގޮތަށް އަޅުގަނޑަށް ޗުއްޓީއެއް ދެވިދާނެ ކަމަށް. ކައުންސިލްގެ މަސައްކަތް މިއަދުގެ ބައްދަލުވުމަށް ފަހު [ޑެޕިއުޓީ މޭޔަރު ނަރީޝް] އާ ހަވާލުކުރާ ގޮތަށް މި ނިންމީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އިންތިގާލީ މުއްދަތުގައި އެ މަސައްކަތް ހިނގާގޮތް ވަރަށް ގާތުން ބަލާ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން:

  • އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީތަކާއި، ޑިރެކްޓާ ޖެނަރަލްގެ މަސައްކަތަށް އެއްބާރުލުން ދޭނެ

  • ހުރިހާ ތަނަކުން މަސައްކަތް ކުރާ ގޮތް ބަލައި، މައުލޫމާތު އެއްކޮށް ޕްލޭން ތަކެއް އެކުލަވާލާނެ ކަމަށް ވިދާޅުވި 

  • އަދި 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވަން ބޭނުންވަނީ ޕްލޭން އަކާއެކު، ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ވިދާޅުވި

މުއިއްޒު މިއަދު ވަނީ، ކައުންސިލުގެ ހުރިހާ މެމްބަރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ނޮވެމްބަރު 17ގައި ރައީސްކަމުގެ ހުވާކުރެއްވުމާ އެކު މުއިއްޒުގެ މޭޔަރު ކަމުގެ ގޮނޑި ހުސްވާނެ އެވެ. 

ފާހަގަކޮށްލެވޭ - ލާމަރުކަށީ ގާނޫނުގެ 47ވަނަ މާއްދާގެ ށގައި ބުނަނީ:

  • އެއްވެސް ހާލަތެއް މެދުވެރިވެގެން މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ ވަގުތީ ގޮތުން އެ ޒިންމާތައް އަދާކުރާނީ ޑެޕިއުޓީ މޭޔަރު 

  • ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވާތާ 14 ދުވަސް ތެރޭ އެލްޖީއޭއިން އީސީއަށް އަންގަން ވާނެ އަދި އެ އެންގުން އަންގާތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހޭ

  • އެގޮތަށް އިންތިހާބުވާ ބޭފުޅެއްގެ ޓާމްއަކީ މުޅި ކައުންސިލްގެ ދައުރުގެ ބާކީ އޮތް މުއްދަތު 

މާލޭގެ މޭޔަރުކަމުގެ މަގާމަށް މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރިމަތިލުމަށް މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. 

ކޮމެންޓް (1)

ތެފައާސާ.

5 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް، ފަސްބައި ސާފު ތައުލީމީ ބޭބޭފުޅުންނަށް ޒިންމާ ހަވާލުކުރުމުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް. ޝުކުރިއްޔާ މުއިއްޒު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް