ރިޔަސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ކޮމަންވެލްތު އޮބްޒާވަރުންގެ ތައުރީފު އިންތިހާބުގެ ދެވަނަ ބުރަށް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް އަމާންކަމާ އެކު، ދެ ފުށް ފެންނަ ގޮތަށް ކަމަށް ބުނެ، ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތަށް އިންތިހާބު އޮބްޒާވް ކުރި ކޮމަންވެލްތުގެ ޓީމުން ތައުރީފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދެ ވަނަ ބުރު އޮބްޒާވް ކުރުމުގައި ފާހަގަކުރެވުނު މައިގަނޑު ކަންކަމަށް އަލިއަޅުވާލައި ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނުގައި، ވޯޓުގެ އެއްވެސް މައްސަލައެއް ފާހަގަކުރެވުނު ކަމަށް ބުނެފައެއް ނުވެ އެވެ. އެއާ ހިލާފަށް، މުޅިން ވެސް ފާހަގަކޮށްފައި ވަނީ ރަނގަޅަށް ކުރިއަށް ދިޔަ ކަންކަމެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ޖުމްލަ ހޯދުންތަކުން ދައްކާ ގޮތުގައި، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް އަމާންކަމާ އެކު، ދެ ފުށް ފެންނަ ގޮތަށް،" އެ ކަމުގައި ދިވެހި ރައްޔިތުން އަދާކުރި ދައުރު ފާހަގަކޮށް، އިންތިހާބުގެ ފަހުން ވެސް އަމާންކަން ދަމަހައްޓަން ގޮވާލަމުން ކޮމަންވެލްތުގެ ޓީމުން ބުނެފައިވެ އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާކިޔައި އެ ޓީމުން ބުނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާ ވެސް އޮމާންކަމާ އެކު ކުރިއަށް ގެންގޮސް، ޑިމޮކްރެސީގެ ރީތި ހަމަތަކާއި އުސޫލުތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ތަފްސީލް - ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ދެ ވަނަ ބުރުގެ ވޯޓުލުމާ މެދު ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަކީ:
-
ވޯޓު ލުމުގެ ހައްގު ދިވެހިން އަދާކޮށްފައިވަނީ އަމާންކަމާއި އޮމާންކަމާ އެކު؛ އެކަން ފަހިކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި ފުލުހުން ކޮށްފައިވާ މަސައްކަތް ފާހަގަކުރި
-
ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން ވަނީ، ވޯޓު ލުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ގަޑިއަށް ވޯޓު ލާން ފަށާފައި
-
ފުރަތަމަ ބުރުގައި ފާހަގަކުރެވުނު މައްސަލަތަކަށް ރިއާޔަތްކޮށް އީސީން ވަނީ އެކަންކަން ހައްލު ކުރަން އެކަށީގެންވާ ބަދަލު ގެނެސްފައި؛ އެގޮތުން، ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް ބައެއް ފޮށިތައް ޖާގަ ބޮޑު ތަންތަނަށް ބަދަލުކޮށް، ވޯޓުލާ ބޫތުގެ ޑިޒައިނަށް ބަދަލު ގެނެސްފައިވޭ
-
ވޯޓުލާ މީހުން ވެރިފައި ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔަ
-
ވޯޓު ފޮށި އިތުރު ކުރުމުގެ ސަބަބުން ތޮއްޖެހުން ކުޑަވެ، ކިޔޫގައި ހޭދަކުރަން ޖެހުނު ވަގުތު ބޮޑުތަނުން މަދުވި
-
އަންހެން ފިރިހެން ވަކިން އެނގޭނެހެން ކޮންމެ ގަޑިއިރަކު ވޯޓުލާ މީހުންގެ ތަފާސްހިސާބު އަޕްޑޭޓް ކުރެވެމުން ދިޔަ
-
ފުރަތަމަ ބުރާ އަޅާ ބަލާއިރު ދެ ވަނަ ބުރުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އިތުރު؛ ވޯޓުލީ އާބާދީގެ ތެރޭގައި ޒުވާނުންނާއި އަންހެނުން ގިނަ ކަން ވެސް ފާހަގަކުރެވޭ
-
ބައެއް ވޯޓުލާ މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގޮނޑި ހާއްސަކޮށްފައި ހުރި؛ މާބަނޑު އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިން
-
ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވި ޕާޓީތަކުގެ މަންދޫބުންނާއި ފުލުހުންނާއި އެހެނިހެން ފަރާތްތަކުގެ އަމަލުތައް ވެސް ހުރީ އުސޫލާ އެއްގޮތަށް
-
ވޯޓު ފޮށި ބަންދުކުރުމާއި ވޯޓު ގުނުމުގެ ކަންކަން ވެސް ކުރިއަށް ދިޔައީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ދެ ފުށް ފެންނަ ގޮތަށް
ފާހަގަކޮށްލެވޭ - ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުގެ އިތުރުން، އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ދެ ވަނަ ބުރުގެ އިންތިޒާމްތަކަށް ތައުރީފުކޮށް، އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޮ އެންމެ އަމާން، އޮމާން އެއް އިންތިހާބު ކަމަށް ބުނެ، އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އީސީއަށް ޝުކުރު އަދާކޮށްފަ އެވެ. ހާއްސަކޮށް، ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މަސައްކަތަށް އެތައް ބަޔަކު ތައުރީފު ކުރި އެވެ.