އިންތިހާބީ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުއިއްޒު ފުރަތަމަ ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދޭން؛ 'އެއީ މަސްލަހަތު އޮތް ގޮތް'

ޕީޕީއެމްގެ މެމްބަރުންނާއި ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. ޖަމީލް ވެސް ވަނީ ޔާމީން ދޫކޮށްލުމަށް ގޮވާލާ މިރޭ އަޑު އުފުލާފައި
30 ސެޕްޓެމްބަރު 2023

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ވަގުތުން ގެއަށް ބަދަލު ކުރުމަކީ މިއަދު ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ، ވީހާވެސް އަވަހަކަށް އެކަން ކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން، އޭނާއަށް ކާމިޔާބު ލިބިވަޑައިގެންފިކަން ޔަގީން ވުމުން، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އޭނާ ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހ. މީރުމާގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އަދަބުވެރިކަމާ އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް،" ވެރިކަން ކަށަވަރު ވުމަށް ފަހު މުއިއްޒުގެ އެންމެ ފުރަތަމަ އެދިވަޑައިގަތުމަކީ އެއީ އެވެ.

"އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް. އެކަން ކުރެއްވުމަކީ މިއަދު މިގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ދަންނަވާލަން."

އިންތިހާބީ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފާހަގަކޮށްލެވޭ - މުއިއްޒު މިހެން ވިދާޅުވި އިރު، އިންތިހާބުގެ ކާމިޔާބާ އެކު އޭނާގެ ސަޕޯޓަރުންތަކެއް ވަނީ މިރޭ ޕީޕީއެމް އޮފީސް ދޮރުމައްޗަށް އެއްވެ، ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑު އުފުލާފަ އެވެ.

އެ އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެއްވެސް ޝަރުތެއް ނެތި ޔާމީން ގެއަށް ބަދަލުކޮށް އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އަށް ގޮވާލައްވައިފަ އެވެ.

"އިންތިހާބުގެ ނަތީޖާ އިން ރައްޔިތުންގެ ބަސް ވަރަށް ސާފު. ނަތީޖާ އިން ފެންނަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ހުކުމްތައް ވެސް ރަނގަޅު ނޫންކަން،" ޖަމީލް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމް އޮފީސް ދޮރުމަތީގައި އަޑުއުފުލަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލް - މާދަމާ ހެނދުނު 6 ޖަހަންދެން އުފާފާޅު ކުރުން ގާނޫނުގެ ދަށުން މަނާވާނެ އެވެ. އެހެން ކަމުން، އޭނާގެ ކާމީޔާބީ ފާހަގަކޮށް އުފާ ފާޅުކުރުމަށްޓަކައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއީ ވަރަށް މުހިއްމު ވަގުތުކޮޅެއްކަން ފާހަގަކުރައްވާ، ގައުމުގެ ހަމަޖެހުން ގެއްލޭކަހަލަ ކަމެއް ކުރުމަށް ހިތްވަރު ނުދިނުމަށް ވެސް މުއިއްޒުގެ ވާހަކައިގައި ސަޕޯޓަރުންނަށް ގޮވާލައްވާފައިވެ އެވެ. ރިވެތި އަހުލާގުގެ ތެރެއިން އުޅުމާއި ގުޅުން ބަހައްޓާ، ހަމަޖެހުން ގެއްލުވާލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގެން، އެމަނިކުފާނަށް އިތުބާރު ކުރައްވާ ވޯޓު ދިން ހުރިހާ ރައްޔިތުންނަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.

އެނގުން މުހިއްމު - މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް މުއިއްޒާއި ދެ ވަނައަށް ދިޔަ ރައީސް ސޯލިހާ ދެމެދު މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، 586 ވޯޓް ފޮށީގެ ތެރެއިން މިހާތަނަށް ގުނި 585 ފޮށިން %53.8 ނުވަތަ 126،252 ވޯޓް ހޯއްދަވައިގެންނެވެ. 

ދައުރު'އަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު: 

  • ރައީސް ސޯލިހު - 108،432 ވޯޓް؛ އެއީ ވޯޓްލީ މީހުންގެ %46.2

  • މުއިއްޒު - 126،252 ވޯޓް؛ އެއީ ވޯޓްލީ މީހުންގެ %53.8

މިހާރު ނަތީޖާ ނުލިބެނީ ލަންޑަނުގައި ބަހައްޓާފައި ހުރި ފޮށީގެ އެކަންޏެވެ. ރާއްޖެ ގަޑިން 10ގައި ބަންދު ކޮށްފައިވާ އެ ފޮށީގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.

ނަތީޖާ ވަގުތުން ބަލައިލުމަށް -'ދައުރު'ގެ ލައިވް ރިޒަލްޓް ސޮފްހާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް