
އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު ވޯޓުލެއްވުމަށް ފަހު، އިނގިލީގައި ޖަހާފައިވާ ފާހަގަ ދައްކާލައްވަނީ (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)
ވޯޓު ލާ މީހުންގެ އަދަދު މި ފަހަރު ރަނގަޅު؛ އިންތިހާބު ކާމިޔާބު ވާނެ: ރައީސް
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މިހާތަނަށް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށާއި، އެހެންވެ މި އިންތިހާބުގައި ފުރިހަމަ ކާބިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އެހެން ވިދާޅުވީ ޖަމާލުއްދީން ސްކޫލުގައި ހުރި ޅ. އަތޮޅު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު، އެ ތަނުގައި ތިބި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "ދެ ވަނަ ބުރުގައި ފުރިހަމަ ކާމިޔާބީއެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވި އެވެ.
"އެކަމަކު މީގައި އެންމެ ބޮޑަށް ޑިޕެންޑް ވާނީ މި ބުނާ ޓާންއައުޓް އިން. މީހުން ވޯޓުލާ އަދަދު އިތުުރު ވި ވަރަކަށް އަޅުގަނޑުމެންނަށް ތާއީދު އޮތް ޕަސެންޓް އިތުރުވެގެން ދާ ތަން އަޅުގަނޑުމެންނަށް ފެންނަނީ."

ރައީސް ވިދާޅުވީ މި މަހުގެ 9ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެމްޑީޕީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުުވުން ކަމަށެވެ. ނަމަވެސް މި ފަހަރު އެ މަންޒަރު ބަދަލުވާ ތަން ފެނިވަޑައިގަންނަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ:
-
ފުރަތަމަ ގަޑިއިރުގެ ތެރޭގައި ވެސް ވޯޓުލީ މީހުންގެ އަދަދު ރަނގަޅު
-
މިހާރު ވޯޓު ލާ ވަރަށް މީހުން ވޯޓު ލައިފި ނަމަ، ޖުމްލަ %80-85 މީހުން ވޯޓުލާނެ ކަމަށް އަންދާޒާ ކުރެވޭ
-
އެންމެ ރަނގަޅު ކަމަށް ފެންނަނީ %88 މީހުން ވޯޓު ލާން ނުކުމެއްޖެ ނަމަ
"އިރާދަކުރެއްވިއްޔާ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާއިރުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެން ދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
"މީގައި %88 ހިސާބަށް ދެވިއްޖެއްޔާ އެންމެ ރަނގަޅީ. އެކަމަކު %86 ވެސް އަޅުގަނޑުމެންނަށް ނަތީޖާ ކާމިޔާބު ކުރަން ރަނގަޅު ޕަސެންޓޭޖެއް ކަމުގައި އަޅުގަނޑު ދެކެނީ."

ޖުމްލަ ވޯޓުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާކުރައްވާ އިންސައްތައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ:
-
ސިޔާސީ ބޭފުޅުންގެ ވިސްނުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބަދަލުވޭ
-
އެހެންކަމުން، އިންތިހާބުން ލިބިވަޑައިގަންނަވާނެ އިންސައްތަ ދަންނަވަން ދަތި
-
ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ބޮޑު
"[ސިޔާސީ ބޭފުޅުން] މިކޮޅަށް ވެސް އެބަ އަރާ، ޕީޕީއެމްއަށް ބަދަލުވާ ބަޔަކު އެބަ ފެނޭ. އެހެންވީމާ، ނަތީޖާ އަކީ ވަކި ޕަސެންޓެކޭ ދަންނަވަން ނޭނގުނު ނަމަވެސް، ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް މި އިންތިހާބު ކާމިޔާބުވާނޭ ކަމުގެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މިހާތަނަށް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށާއި، އެހެންވެ މި އިންތިހާބުގައި ފުރިހަމަ ކާބިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް… pic.twitter.com/ZpkvPBTSlU
— Dhauru (@Dhaurunews) September 30, 2023
ރައީސް ވަނީ، އެމްޑީޕީން ފަައިސާ ބަހަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން އެއްވެސް އިންތިހާބެއްގައި ފައިސާ ބެހުން ފަދަ ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، މި އިންތިހާބުގައި ވެސް އެމްޑީޕީން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.