މާލޭގައި ހުންނަ އެމްޑީޕީގެ ހުވަދޫ ޖަގަހަ ޖަލްސާގައި އެ ޕާޓީއާ އަލަށް ގުޅިވައިޑައިގަތް އިލްހާމް އަހްމަދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

އިލްހާމް: 'ބޮސް' ގެއަށް ވަޑައިގަންނަވާނެ؛ ދެން އޮންނާނީ ތާރީހު ދެކޭނެ އެންމެ ނިކަމެތި ވެރިކަން'

ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ވެރިކަމުގައި ޖަލުގައި ހައްޔަރުކުރި އިލްހާމް ވިދާޅުވީ މިހާރު ވެސް ޕީޕީއެމް-ޕީއެންސީއިން ރާވަމުން ދަނީ ވެރިކަން ލިބުމުން މީހުން ހައްޔަރު ކުރުމަށާއި ވަޒީފާއިން ކެނޑުމުގެ ސަގާފަތް އަލުން އިޔާދަ ކުރަން ކަމަށް
22 ސެޕްޓެމްބަރު 2023
2

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައި، މިހާރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށާއި އޭރުން އަންނާނީ 'ރާއްޖޭގެ ތާރީހު ދެކޭނެ އެންމެ ނިކަމެތި ވެރިކަން' ކަމަށް ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީއާ އަލަށް ގުޅިވަޑައިގަތް އިލްހާމް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވުމުގެ އިތުރަށް އިލްހާމް ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފަ އެވެ. އަދި ކުރިން ދެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެސް ހުންނެވި އެވެ.

ޕީޕީއެމްއިން އިލްހާމް ވަކިކުރީ ރައީސް ޔާމީން ވެރިކަމުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް އޭރު އިދިކޮޅުން ހުށަހެޅި މައްސަލައިގައި އިލްހާމް ވެސް ސޮއިކުރައްވައި، އަނބުރާ ސޮއި ނުނެންގެވުމުންނެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ އިލްހާމު ހައްޔަރުކޮށް، ޖަލުގައި ބަންދުކުރި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީއާ އަލަށް  ގުޅިވަޑައިގަތުމަށް ފަހު އިލްހާމް ފުރަތަމަ އެ ޕާޓީގެ ޕޯޑިއަމްއެއްގައި ވާހަކަ ދެއްކެވީ ރޭ މާލޭގައި ހުންނަ އެމްޑީޕީގެ ހުވަދު ޖަގަހަ ޖަލްސާގަ އެވެ. ކުރިން ޕީޕީއެމްގެ އެންމެ އިސް ސަފުގައި އުޅުއްވި ބޭފުޅެއްގެ ހައިސިއްޔަތުން އިލްހާމް ވިދާޅުވީ، އަލުން ޕީޕީއެމް-ޕީއެންސީ ވެރިކަމަށް ގެނައުމުގެ 'މިސްޓޭކް' ހަދައިފި ނަމަ ދެން ވާނެ ގޮތުގެ ވާހަކަ އެވެ. އޭނާގެ ބަހުން ނަމަ އެގޮތަށް ވެެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭނީ ބިރުވެރި އަދި ނާމާން ދުވަސްތަކަކާ އެވެ.

އިލްހާމް އަހްމަދު އެމްޑީޕީއަށް ސޮއިކުރައްވައި، ރައީސް ސޯލިހަށް ފޯމު ހަވާލުކުރައްވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

ބުނީ ކީކޭ؟ - "ތި ރައްޔިތުން މިސްޓޭކެއް ހަދައިގެން ވެރިކަމަށް މުއިއްޒު ގެންނަވައިފިއްޔާ މި ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ނިކަމެތި، ނިކަމެތި ވެރިކަމެއް ލިބިގެންދާނީ. ކީއްވެތޯ އެހެން ވާން ޖެހެނީ؟ 'ބޮސް' [ރައީސް ޔާމީން] ގެއަށް ވަޑައިގަންނަވާނެ ނޫންތޯ؟ ބޮސް ގެއަށް ވަޑައިގަތުމަށް ފަހު ދެން ކަންތައް ހިނގާނެ ގޮތް ވިސްނާލައްވާ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި މީހުންނާ ދޭތެރޭ އަމަލުކުރި އަނިޔާވެރި ގޮތް އަލުން އިޔާދަވާނެ ކަމަށެވެ.

"މިއަދު ޕީޕީއެމްއިން ގޮވަމުންދަނީ ކޮންމެވެސް ބޭފުޅަކު، ކޮންމެވެސް މީހުންތަކެއް ޖަލަށް ލާ ވާހަކަ... ޕީޕީއެމް މެމްބަރުން ގަބޫލުފުޅު ކުރައްވާ، އެ އަނިޔާ ތަަހައްމަލު ކުރަމުންދިޔަ އެއްވެސް އާއިލާއަކުން ޕީޕީއެމްއަށް ވޯޓެއް ނުދޭނެ،" އިލްހާމް ވިދާޅުވި އެވެ.

"އެ އަނިޔާ ލިބުނު އެއްވެސް އިންސާނަކު އިބްރާހިމް މުހައްމަދު ސޯލިހަށް ނޫނީ ވޯޓެއް ނުދޭނެ."

މާލޭގައި ހުންނަ އެމްޑީޕީގެ ހުވަދޫ ޖަގަހަ ޖަލްސާ، އިލްހާމް އަހްމަދު (ފޮޓޯ/ކެމްޕޭން ޓީމް)

'ހައްޔަރު، ޓިކެޓު ނުދޭ އަދި ވަޒީފާއިން ކަނޑާ މީހުންގެ ލިސްޓު ހަދައިފި'

އިލްހާމް ވިދާޅުވި ގޮތުގައި ޕީޕީއެމް-ޕީއެންސީގައި ތިއްބަވާ ގާތް ރަހުމަތްތެރިންގެ ފަރާތުން ތަފާތު އެކި ލިސްޓުތައް ހަދާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ.

"މީގެ ދެ ރޭ ކުރިން ބައްދަލުކުރިން ޕީޕީއެމްގެ އިސް ވެރިޔަކާ. ވިދާޅުވީ މިވެނި ދާއިރާއެއްގެ، މިވެނި ދާއިރާއެއްގެ ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅާއަކަށް މުއިއްޒުގެ ވެރިކަމެއްގައި ނުލިބޭނޭ ޓިކެޓެއް. އޭދަފުށީ ދާއިރާގެ މެމްބަރު [އަހްމަދު ސަލީމް]ވެސް މިއާ ދޭތެރޭ ވިސްނަވާފައި ގޮތް ނިންމެވީމަ ހުންނާނީ ރަނގަޅަށް. އަޅުގަނޑު މީހެއްގެ ނަމެއް ނުދަންނަވަން. އެއްވެސް މީހެއްގެ ނަމެއް ދަންނަވާކަށް ނުކެރޭނެ، މިއީ ރަނގަޅު ގޮތެއް ވެސް ނޫން،" އިލްހާމް ވިދާޅުވި އެވެ.

"ވަރަށް ގިނަ މެމްބަރުން އެބަތިބި، ކުރިއަށް އޮތް ތަނުގައި މެމްބަރުންގެ ނަންތައް ދަންނަވަމުން ދާނަން. އެއީ ރިކޯޑަށްޓަކައި ތާރީހަށްޓަކައި. ނުލިބޭނެ ޓިކެޓެއް."

މިފަހުން ކިންގްސް ކޯނާ ރެސްޓޯރެންޓުގައި ޕީޕީއެމްގެ އިސް ބޭފުޅަކު އޭނާއާ ބައްދަލުކޮށް، ވަރަށް ބިރުވެރި ވާހަކަތަކެއް ދެއްކެވި ކަމަށާއި އެ ވާހަކަތައް ވެސް އާންމު ކުރައްވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

"ޕީޕީއެމްގެ އިސް މީހުންގެ ތެރެއިން އަޅުގަނޑާ ބައްދަލުކޮށްފައި، ކިންގްސް ކޯނާގައި ދެއްކި ވާހަކަ ތަފްސީލު ގެނެސްދޭނަން. ދެއްކި ވާހަކައިގައި އޮތީ ބިރުވެރިކަމާއި ނާމާންކަން. މީހުން ހިފާ ހައްޔަރުކުރުން،" އިލްހާމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އޮފާކުރި ބޮޑެތި މަގާމުތަކާ އެއްޗެހި، އަޅުގަނޑު ދެންނެވިން ސޮރީއޭ."

އިދިކޮޅުން ދެން ގެންގުޅޭ ލިސްޓުތަކަކީ،  އިލްހާމް ވިދާޅުވި ގޮތުގައި، ވަޒީފާތަކުން ވަކިކުރާ މީހުންނާއި ހައްޔަރުކުރާ މީހުންގެ ލިސްޓެވެ.

"މިއަދު ޖުޑިޝަރީގައި ތިއްބެވި ހުރިހާ ބޭފުޅުން ބޭރު ކުރުމަށްޓަކައި ޕީޕީއެމްއިން އެ ދަނީ ރާވަމުން. ފުލުހުންގެ ތެރެއިން ބޭފުޅުންތަކެއް ބޭރު ކުރުމަށްޓަކައި މިއަދު އެ ދަނީ ރާވަމުން،" އިލްހާމް ވިދާޅުވި އެވެ.

"މީހުން ހިފައި ހައްޔަރުކުރުމަށްޓަކައި އެ ދަނީ ލިސްޓުތަކެއް އެކުލަވާލެވި، އެ ދަނީ އިއުލާން ކުރަމުން."

އޭނާ ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ފުލުހުންގެ ދައުރަކަށް ވާނީ މީހުން ހިފައި ހައްޔަރު ކުރުން ކަމަށާއި ކޯޓުތަކުގެ ދައުރަށް ވާނީ ރޭގަނޑު ދަންވަރު އަމުރުތައް ނެރުން ކަމަށެވެ.

"ޕީޕީއެމްއަށް ވެރިކަން ލިބިއްޖެއްޔާ ފަނޑިޔާރުންނާއި އެތާ ތިބޭ މުވައްޒަފުންނަށް އޮންނާނީ ރޭގަނޑު ހޭލާ ތިބެ، ފަހަރަކު އަމުރެއް، ފަހަރަކު އަމުރެއް ނެރުން،" އިލްހާމް ވިދާޅުވި އެވެ.

"ދިވެހި ސިފައިންނާއި ފުލުހުންނަށް ކޮން ކަމެއްތޯ އޮންނާނީ؟ ފުރާޅުން ޓިނު ނެގުން، މީހުން ހިފައި ހައްޔަރުކުރުން، ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންތެރިވެގެން އެކަން ކުރުން. ފަހުން އޭގެ މައްޗަށް ހުކުމެއް އައުން."

އިލްހާމް ވިދާޅުވީ އެއީ ކުރިން އޮތް ޕީޕީއެމްގެ ވެރިކަމުގައި ކަން ހިނގައިދިޔަ ގޮތް ކަމަށާއި "ޓޭޕް ރިވައިންޑު ކޮށްލީމަ އޮންނާނީ ވަރަށް މުޑުދާރުކޮށް" ކަމަށެވެ.

ކޮމެންޓް (2)

އިލްހާމޫ

23 ސެޕްޓެމްބަރު 2023
ލާރީގެ ބޭނުމުގައި ހިތައްށް އެރި އެއްޗެއް ކިޔާ ނޫޅެބަލަ! އިނދެ ޖެހުނީމާ ހަދާނެ ނަހަދާނެއެއް ނޭގި ތިހެން ނޫޅެބަލަ؟
2 0

ލޯކޯ

23 ސެޕްޓެމްބަރު 2023
އަމިއްލަ ގެއިން 5 ވޯޓުވެސް ނުލިބޭ މީހުން، ދުވާލަކު ކުލައެއް ގައިގަ ހާކައިގެން، މާ ސިޔާސީ ވެގަނެގެން މިއުޅެނީ..
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް