
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ.މުއިއްޒުއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަޚާތުގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ގޯއްޗާއި ފްލެޓް ލިބިގެން މިހާރު އޮތް ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހަދާނަން: މުއިއްޒު
ވަރަށް ކުދި ކުދި ތަންތަނުގައި މީހުން ދިރިއުޅެމުން ދާއިރު، އެތަންތަން ދޫކޮށްލަން ޝަރުތުކުރުމަށް ފަހު ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި، ގާނޫނާއި ގަވައިދުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މިހާރު ދިރިއުޅެމުންދާ ކުދި ތަންތަން ދޫކޮށްލަން ނުޖެހޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - "އެހާ ދުވަސްވަންދެން ނިކަމެތި ގޮތެއްގައި ކުޑަ ތަންކޮޅެއްގައި އުޅެމުން ދަނިކޮށް މި ލައްވާލަނީ ގޯއްޗެއް ނޫނީ ފްލެޓެއް. ލައްވާލީމަ [ވެސް] އެތަން ލިބޭކަށް ނެތް. މިހާރު އުޅޭ ތަންކޮޅު އެބަޖެހޭ ދޫކޮށްލަން. އެއީކީ އިންސާފެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
"މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ [ކުއްޖަކު] ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފަ ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ."
އެހެންކަމުން، މުއިއްޒު ވައުދުވެވަޑައިގަތީ، އޭނާގެ ސަރުކާރެއްގައި "ގާނޫނަށް ގެންނަން ޖެހޭ ބަދަލެެއް ގެނެސްގެން ވިޔަސް އަދި އެއާ ގުޅިފައި ހުރި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސްގެން ވިޔަސް" ދިރިއުޅެމުންދާ ކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭގޮތް ހައްދަވައި ދެއްވުމަށެވެ.
ތަފްސީލް - މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ކުރުމަށްޓަކައި ކޮންމެހެން ގާނޫނަށް ބަދަލު ގެންނާކަށް ނުވެސް ޖެހެ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި:
-
އުޅެމުންދާ ތަންތަން ދޫކޮށްލަން ޝަރުތު ކުރަމުން ދަނީ ގާނޫނު މާނަކުރާގޮތް ހަރުކަށިވުމުން
-
ގާނޫނުގައި އޮންނަނީ އެކަކަށް ދެ ބަންޑާރަ ގޯތި ނުލިބޭނެ ކަމަށް؛ ނަމަވެސް ބަހައިގެން ލިބިފައި ހުންނަ ކުދި ކުދި ތަންތަންކޮޅަކީ ބަންޑާރަ ގޯތި ކަމުގައި ބެލިގެން ނުވާނެ
-
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތައް ދިން އިރު 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް އޮތް ނަަމަ އެތަން ދޫކޮށްލާކަށް ނުޖެހޭ؛ ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރައްވާނީ އެފަދަ ގޮތަކަށް
މިސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވަނީ، މިހާރު އުޅޭތަން ދޫކޮށްލަން ޝަރުތު ކުރުމަށްފަހު ކަން ފާހަގަކުރައްވާ، އެ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
"އަޅުގަނޑު ބޭނުންވަނީ އެ ހުރިހާ ރައްޔިތުންނަށް ވެސް މިދެންނެވި ގޮތަށް [އުޅޭ ތަން] ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުމަށް ބަދަލު އައިސް، ދޫކޮށްލަން ނުޖެހޭ ގޮތް ވާން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބިންވެރިޔާ ސްކީމްގެ އެއް ޝަރުތަކީ މާލޭގައި މިހާރު މާލޭގައި ގޯއެއްޗެއް އޮތް މީހެއް ނަމަ ނުވަތަ ގޯއްޗަކުން ވާރުތަވާ ބައެއް އޮތް ނަމަ އެ ބައި ދޫކޮށްލަން އެއްބަސްވުމެވެ. އެގޮތުން:
-
ފުރަތަމަ އޮތް ގޮތުން ގޯތި ދޫކޮށްލަން ޖެހެނީ، އެއްބަސްވުމުގައި ސޮއި ކުރާތާ ދެ އަހަރުގެ ތެރޭގައި
-
އާބާދުނުވާ ސަރަހައްދަކުން ގޯތި ލިބުނު މީހުންނަށް އެއީ އިންސާފުވެރި މުއްދަތެއް ނޫން ކަމަށް ބުނެ ބައެއް މީހުން ހިތްހަމަ ނުޖެހުން ފާޅުކުރި
އެއާއެކު، ހައުސިން މިނިސްޓްރީން ވަނީ ގޯތި ލިބުނު މީހުންގެ ނަމުގައި މިހާރު އޮތް ބަންޑާރަ ގޯތި ދޫކޮށްލުމަށް ދީފައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްފަ އެވެ.
ކޮމެންޓް