ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭޢްވި ހަރަކާތުގައި އެމަނިކުފާނު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)

ނަޝީދަށް އިންސާފު ހޯދައިދޭނީ އަޅުގަނޑުގެ ސަރުކާރެއްގައި: މުއިއްޒު

މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި ނަޝީދަށް އިންސާފު ހޯދައިދިނުމަށް މި ސަރުކާރުން އެކަށީގެންވާ ސަމާލުކަން ދީފައެއް ނުވޭ
18 ސެޕްޓެމްބަރު 2023

ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 6 މޭ 2021ގައި ދިން ބޮމުގެ ހަމަލާގައި އިންސާފު ހޯދައިދިނުމަަށް މި ސަރުކާރުން ސަމާލުކަން ދީފައި ނުވާ ކަން ފާހަގަކުރައްވައި ނަޝީދަށް އިންސާފު ހޯދައި ދޭނީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިރޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ގާއިމްކުރާނީ އިންސާފުވެރި ވެރިކަމެއް ކަން ތަކުރާރު ކުރައްވާ، ޕީޕީއެމް-ޕީއެންސީގައި އެންމެނަށް ވެސް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެރުވި އެވެ.

ބުނީ ކީކޭ؟ - "ހަމަ ފާހަގަކޮށްލަން ބޭނުން، ޑިމޮކްރެޓްސް ޕާޓީގެ ރައީސް ނަޝީދު، އެމަނިކުފާނަށް މާލޭގެ މެދުގައި، މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާ. އެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައެއް ނުވޭ. ސަރުކާރުން އެކަމަށްޓަކައި ދޭންވާ ސަމާލުކަން ދީފައެއް ނުވޭ،" މުއިއްޒު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އިންސާފުވެރި ސަރުކާރެއް އަޅުގަނޑުމެން ގާއިމްކުރަން މި އަންނަނީ. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް [ނަޝީދަށް] އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރެއްގައި."

ރާއްޖެއަށް ހަމަޖެހުން އަންނާނީ ހަމަޖެހުމާއި އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްވެގެންކަން ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެކަންކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.

އެނގުން މުހިއްމު - މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ޑރ. މުހައްމަދު މުއިއްޒު 2 ވަނަ ބުރަށް ދިޔައިރު، ދެން އެންމެ ގިނަ ވޯޓު ލިބިގެން 2 ވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެގޮތުން:

  • މި ދެ ޕާޓީން ވެސް 2 ވަނަ ބުރުގައި ކޯލިޝަން ހެދުމަށް ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްއާ އެކު އަންނަނީ މަޝްވަރާކުރަމުން 

  • ޑިމޮކްރެޓްސް އިން ކޯލިޝަން ހެދުމަށް ހުށަހަޅާ އެންމެ ބޮޑު އެއް ޝަރުތަކީ ނިޒާމީ ވޯޓެއް ނަގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމަށް އެއްބަސްވުން 

  • އެ މަޝްވަރާއަށް، ޕީޕީއެމް-ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް ޔާމީންއާ ބައްދަލުކޮށް މަޝްވަރާ ކުރަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް، މިވަގުތު މާފުށީ ޖަލުގައި ހުންނަވައިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ޔާމީން، ވަނީ އެމަނިކުފާނާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވާފައި

  • ޑިމޮކްރެޓްސްއާ އެކު އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ގިނަ ކަންކަމަށް މިހާރު ހުރީ އެއްބަސްވެވިފައި ކަމަށް ޕީޕީއެމްގެ ފަރާތުން ބުނެފައިވޭ

ފާހަގަކޮށްލެވޭ ކަމެއް - ޑިމޮކްރެޓްސްއާ އެކު އެމްޑީޕީން ވެސް މަޝްވަރާތައް ކުރަމުންދާއިރު، މިހާރު ކުރިއަށްދާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމަށް ފަހު 2 ވަނަ ބުރުގައި ޑިމޮކްރެޓްސް އޮންނާނެ ކޮޅަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާނެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް