ހުޅުމާލޭގައި "މާލެ ފެހި" އައުޓްލެޓެއް ހުޅުވުން (ފޮޓޯ/ސިޓީ ކައުންސިލް)

މާލެ ސިޓީ ކައުންސިލްގެ ގަސް ވިއްކާ ފިހާރަ ހުޅުމާލޭގައި ހުޅުވައިފި

ކޮކާ ބަގީޗާއެއް ވެސް އެ ފިހާރައާ އެކު ވަނީ ހުޅުވާފައި
18 ސެޕްޓެމްބަރު 2023

އާންމުންނަށް ގަސް ވިއްކުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާ "މާލެ ފެހި" ފިހާރައިގެ އައުޓްލެޓެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ. މި އައުޓްލެޓު ގާއިމުކޮށްފައި ވަނީ ހާއްސަ ކޮކާ ބަގީޗާއަކާ އެކު އެވެ.

ވީ ކިހިނެއް؟ - މިއަދު ހަވީރު ބޭއްވި ހަފްލާއެއްގައި ހުޅުމާލެ ސަހަރާ ކައިރީގައި ހުންނަ މި އައުޓްލެޓް ހުޅުވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާ އިންވެގެން ހުންނަ ގޯޅިތެރޭގަ އެވެ.

ހުޅުމާލޭގައި "މާލެ ފެހި" އައުޓްލެޓް ހުޅުވައިދެއްވުމަށްފަހު މުއިއްޒު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ސިޓީ ކައުންސިލް)

ބުނީ ކީކޭ؟ - "މާލެ ފެހި" ހުޅުވައިދެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެއީ މާލޭގައި ހުރި އެންމެ ބޮޑު ނާސަރީ ކަމަށެވެ. އެގޮތުން އެތަނުން ގިނަ ބާވަތްތަކުގެ ގަހާއި ކަދުރު ރުއް ވެސް ގަންނަން ލިބޭނެ ކަން ފާހަގަކުރެއްވި އެވެ.

މި އައުޓްލެޓް ހާއްސަވާ ކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވީ، އެތަނުގައި ގާއިމުކޮށްފައިވާ ކޮކާ ބަގީޗާ އެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ހާއްސަ ގަސްތައް އެ ބަގީޗާގައި ހުންނާނެ ކަމަށެވެ. އަދި އެތަނުގައި 4 ވައްތަރެއްގެ 1000 ކޮކާ އުޅޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ "މާލެ ފެހި" އައުޓްލެޓްކުރުކޮށް:

  • ގަސްކާނާ ގަންނަން ލިބޭނެ

  • އެކި ވައްތަރުގެ ގަސް ވިއްކަން ހުރޭ

  • ބަގީޗާ ހައްދާ ފަރާތްތަކަށް ހާއްސަކޮށް، އުކާލެވޭ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި ވެސް ލިބޭނެ

އެނގުން މުހިއްމު- މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ހުޅުވި ދެވަނަ އައުޓްލެޓެވެ. ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ ކާނިވާ ސަރަހައްދުގަ އެވެ.

ފާހަގަކޮށްލެވޭ - މިފަދަ އައުޓްލެޓް ހަދައިގެން ނުހިންގުމަށް އިކޮނޮމިކް މިނިސްޓްރީއިން މީގެ ކުރިން އަންގާފައިވެ އެވެ. އަދި އެކަމަށް ހުއްދަ ދީފަ ވެސް ނުވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް