ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން(ފޮޓޯ/ޕީޕީއެމް)

ބ. ގޮއިދޫ

އިގްތިސޯދު ހަރުދަނާ ކުރުމަށް އެންމެ އިސްކަމެއްދޭނީ ދަނޑުވެރިކަން ފުޅާކުރަން: މުއިއްޒު

މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރަން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުން މުހިންމު ކަމަށް

ރާއްޖޭގައި ހީނަރުވަމުންދާ އިގްތިސޯދު ހަރުދަނާ ކުރުމަށް، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެންމެ އިސްކަމެއްދޭނީ، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް އެ ސިނާއަތު ތަރައްގީކުރުމަށް ކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ޕީޕީއެމް-ޕީއެންސީ އަދި އެމްއެންޕީ ހިމެނޭ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މުއިއްޒު މިއަދު ވަޑައިގެން އުޅުއްވަނީ، ހދ. އަތޮޅުގެ ބައެއް ރަށްތަކާއި ށ. އަތޮޅުގެ ރަށްތަކުގަ އެވެ.

ށ. އަތޮޅު ގޮއިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގޮއިދުއަކީ އާބާދީ ކުޑަ ނަމަވެސް، އިގްތިސޯދީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ރަށެއް ކަމަށެވެ. އެގޮތުން އެ ރަށަކީ ބިން ބޮޑު، ދަނޑުވެރިކަމުގެ ފުރުސަތު ވަރަށް ފުޅާކޮށް ކުރަމުން އަންނަ، އަދި ކުރެވޭނެ ވެސް ރަށެއް ކަމަށެވެ.

ތަފްސީލް - ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް، ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯގައި ވަރަށް ބޮޑަށް އިސްކަމެއްދީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު އޮތް ރަށްތަކުގައި އެ ސިނާއަތު ފުޅާ ކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް މުއިއްޒު ދެއްވި އެވެ. 

"ސަބަބަކީ އަޅުގަނޑުމެން ބޭނުންވޭ އިގްތިސޯދު ހަރުދަނާ ކުރާއިރުގައި ކުރިއަށް ވުރެ ބޮޑަށް ސިނާއަތްތައް ފުޅާކުރަން. ދަނޑުވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރީމަ ރާއްޖެއަށް ބޭނުންވާ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އެ ބޭނުންވާ މަންޒިލަށް ވާސިލުވެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނަ އިގްތިސޯދީ ނަފާ ލިބޭ، ފަތުރުވެރި ކަމަށް ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ގޮއިދޫގައި މިހާރު ކުރަމުން އަންނަ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް، އެކަން ކުރުމުގައި މިހާރު ދިމާވާ ދަތިތައް ނައްތާލައި، އިންވެސްޓްމަންޓް ފުރުސަތުތައް ވެސް ހޯދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން(ފޮޓޯ/ޕީޕީއެމް)

އެނގުން މުހިންމު - ދެވަނަ ބުރުގެ ކެމްޕެއިންނަށް މުއިއްޒު މިހާރު ހުންނެވި ށ. އަތޮޅުގަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފަރަގު ކުޑަ ނަމަވެސް އެ އަތޮޅުން އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒު އެވެ. އެގޮތުން:

  • މުއިއްޒަށް؛ %46 ލިބިވަޑައިގެންނެވި

  • ރައީސް ސޯލިހަށް؛ %45 ލިބިވަޑައިގެންނެވި

ނަމަވެސް ގޮއިދޫން އެންމެ ގިނަ ވޯޓު ހެއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެގޮތުން:

  • މުއިއްޒަށް ލިބިވަޑައިގެންނެވީ؛ 107 ވޯޓު 

  • ރައީސް ސޯލިހް ލިބިވަޑައިގެންނެވީ؛ 199 ވޯޓު 

ކޮމެންޓް (1)

އެސް ޒެޑް

17 ސެޕްޓެމްބަރު 2023
ދިވެހި ތާރީޚް ދެކެފަނުވާފަދަ ބޮޑު ހިޔާނާތްތެރިއެއްގެ ކައިރިން ޓްރޭނިންގ ވެގެން ހުރި އަދި ހައުސިންގ މިނިސްޓަރ ކަމުގެ މަޤާމުގައި ހޭދަކުރި 7 އަހަރުގައި ރާއްޖެތެރޭގެ ރައްޔިތުން ނުލާހިކު ބޮޑަށް ބޭނުންވެގެން ހުށަހެޅި ހަމަ އެންމެ ކަމެއެވެސް ކޮށްނުދީ ރާއްޖެތެރޭގެ ތަރައްޤީއަށް ސީދާ ދެކޮޅު ހަދާ ހުރަސްއަޅާފައި މިހާރު ދެން ކޮން ތަރައްޤީއެއްކޮށްދޭނަމޭ ކިއާފައި ކޮންހާ ދޮގުތަކެއް ހަދާ އޮޅުވާލަން ތިއުޅެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް