
ހދ. ނޮޅިވަރަންފަރުގައި ޕީޕީއެމް-ޕީއެންސީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)
މުއިއްޒު ހުށަހަޅުއްވަނީ ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް
އާންމުންނާއި ރައީސް ގުޅުވައިދޭ ފަރާތަކީ ކައުންސިލްތައް ކަމަށާއި މިހާރަށް ވުރެ ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ވަކިން ހާއްސަ މިނިސްޓްރީއެއް އޭނާގެ ވެރިކަމެއްގައި އުފައްދަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް މުއިއްޒު މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ހއ. އާއި ހދ. އަތޮޅަށެވެ.
ތަފްސީލު - އެ ދަތުރުގެ ތެރެއިން މިރޭ ހދ. ނޮޅިންވަރަންފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ނިޒާމު އޮންނަ ގޮތުން ކައުންސިލްތައް ހަގީގީ ބާރުވެރިކަމެއް ލިބިފައި ނެތް ކަމަށެވެ.
އެ ކަމަށް މުއިއްޒު ހުށަހެޅުއްވި ހައްލަކީ، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ވަކިން ހާއްސަ މިނިސްޓްރީއެއް އުފެއްދެވުމެވެ.
"އަޅުގަނޑު މި ދަންނަވަނީ ސީދާ ކައުންސިލްތަކަށް ބާރު ދިނުމަށްޓަކައި، ކައުންސިލްތައް ހިންގާ ގޮތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ކައުންސިލްތައް ހިންގުމަށް އެހީތެރިކަންދީ، ރައްޔިތުންނާ ސަރުކާރާ ގުޅުވައިދިނުމަށްޓަކައި ވަކި ނިޒާމެއް ގާާއިމްކުރާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
"ސީދާ ސަރުކާރުގެ ހާއްސަ މިނިސްޓްރީއެއް އެ ކަމަށްޓަކައި ކަނޑައަޅާ ވާހަކަ. އޭރުން ހުންނާނެ ފުލް ޓައިމް މިނިސްޓަރެއް. އެލްޖީއޭގެ ރައީސަކަށް ހުންނާނީ އެ ބޭފުޅާ. ހުންނައިރު އެ ބޭފުޅާ ނުކުރާނެ އެހެން ކަމެއް. މިހާރު ވެއްޖެއްޔާ އެ ބޭފުޅާ ކުރަން ޖެހޭ ހޯމް މިނިސްޓްރީގައި ހުންނަ ހުރިހާ ކަމެއް ވެސް."
ތަފްސީލު - އެލްޖީއޭ އަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ނުވަތަ އެހީތެރިއެއްގެ ގޮތުގައި އޮތް ނަމަވެސް، މުއިއްޒު ވިދާޅުވީ އެލްޖީއޭ ވެސް ހަގީގަތުގައި ބާރުވެރި ނޫން ކަމަށެވެ.
"މިހާރު މި އޮންނަނީ އެއްވެސް ވަރަކަށް އަޅާލުމެއް ނޯވޭ، ކައުންސިލްތައް އޮންނަނީ. އެލްޖީއޭ ބާރުވެރިއެއް ނޫން. އެލްޖީއޭ އުޅެން ޖެހެނީ ހާލުގައި. އެލްޖީއޭ އިން ބުނާ އެއްޗެއް އަޑުއަހާ މިނިސްޓްރީއެއް ނޯވޭ ރާއްޖޭގައި. ބުނާ ގޮތެއް އަޑުއަހާ ބަޔަކު ނެތް. އެ ގޮތަކަށް ނޫން ކައުންސިލްތައް ބާރުވެރިކުރުވާނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިން ބާރު ވަކިކޮށްފައި އޮންނައިރު، ރައްޔިތުންނާ ހިސާބުން ވެރިކަން ކުރަން އުފައްދާފައިވާ ކައުންސިލްތައް ވަންނަނީ ވެރިކަމުގެ ބާރުގެ ތެރެއަށް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިދޭ ބަޔަކީ ކައުންސިލްތައް ކަމަށާއި އޭނާ ހުށަހަޅުއްވަނީ ކައުންސިލްތައް މިހާރަށް ވުރެ ވަރުގަދަކޮށް ހިންގާނެ ނިޒާމެއް ކަމަށެވެ.
އެނގުން މުހިންމު - ރާއްްޖެއަށް ލާމަރުކަޒީ ނިޒާމެއް ތައާރަފްކުރުމުގެ ކުރިން އަތޮޅުތެރޭގެ ކަންކަން ބަލަހައްޓަން އެޓޯލްސް މިނިސްޓްރީގެ ނަމުގައި ވަކި ހާއްސަ ވުޒާރާއެއް ހުރެ އެވެ. އެ ނިޒާމަށް، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ހިންގި އިސްލާހީ ހަރަކާތުގައި ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއިރު، ލާމަރުކަޒީ ނިޒާމު ގެެނެސް، އެލްޖީއޭ އެކުލަވާލީ އެ ފާޑުކިޔުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
ކޮމެންޓް (1)
ތެފައާސާ.