ޖަޕާންގެ ނަގަސާކީއަށް 1945ގައި އެމެރިކާއިން އެޓޮމިކް ބޮން އެޅުމުން ސިޓީ ފުނޑުފުނޑުވެފައި

ލީބިޔާ

ލީބިޔާގެ ފެންގަނޑު ފެތުރުނު ބާރު މިން ނަގަސާކީއަށް އެޅި އެޓޮމިކް ބޮމަށް ވުރެ ބާރު ގަދަ

ދެ ޑޭމް ފުނޑުފުނޑުވެގެން ފެތުރުނު ބިޔަ ފެންގަނޑުގައި މަރުވި މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ
16 ސެޕްޓެމްބަރު 2023

މިދިއަ އާދިއްތަދުވަހު ލީބިޔާގެ ދަރުނާ ސިޓީއަށް ފެތުރުނު ފެންގަނޑުގެ ބާރު މިން، ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ޖަޕާންގެ ނަގަސާކީއަށް އެޅި އެޓޮމިކް ބޮމަށް ވުރެ ގަދަ ކަމަށް، ތަޖުރިބާކާރަކު ބުނެފި އެވެ.

ތޫފާން ޑެނިއެލްގެ ސަބަބުން ގަދަ ވިއްސާރައާ ކުރިމަތިވި ލީބިޔާގެ ދަރުނާއަށް އެ ބާރު މިނުގައި ފެންގަނޑު ފެތުރުނީ ދެ ޑޭމެއް ފުނޑުފުނޑުވުމުގެ ސަބަބުންނެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 6،000-11،000އާ ދެމެދުގަ އެވެ. އެކަމަކު ސިޓީގެ މޭޔަރު ވިދާޅުވި ގޮތުގައި އެ އަދަދު 20،000އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ދެ ޑޭމްގެ ބޭނުމަކީ ދަރުނާއާ ގުޅިފައި އޮތް ކޯރެއްގައި އުފެދޭ ފެންގަނޑު ކޮންޓްރޯލުކުރުމެވެ. ނަމަވެސް ދުވަހަކު ވެސް ނުވެހޭވަރުގެ ބޯކޮށް ވެހުނު ވާރޭގައި ކޯރު ފުރި އަދި އެ ހާލަތުގައި ފެންގަނޑު މައިތިރިކުރަން ޖެހޭ ދެ ޑޭމްއަށް އޮބި ނޯވެ، އެ ދެ ތަން ފުނޑުފުނޑުވީ އެވެ.

ލީބިޔާގައި ދެ ޑޭމެއް ފުނޑިގެން ބޮޑުވި ފެންގަނޑުގައި ދަރުނާ ސިޓީގެ ބައެއް ހަލާކުވެފައި

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ދެ ޑޭމް ހަދާފައި ވަނީ އެފަދަ ބިޔަ ފެންގަނޑެއް ޖަމާވެ، އެ ހިފެހެއްޓޭ ފެންވަރަކަށެއް ނޫނެވެ. އަދި ތޫފާން ލައްވާލުމުގެ ކުރިން ޑޭމްގެ ހާލަތު، ކަމާ ބެހޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށް ވެސް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

ލީބިޔާގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ސާދިގު އިންސްޓިޓިއުޓްގެ ވެރިޔާ އަނަސް އަލް ގޮމާތީ ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގައި ނަގަސާކީއަށް ވައްޓާލި އެޓޮމިކް ބޮމުގެ ބާރުމިނަކީ 88 ޓެރަޖޫލެސް ކަމަށާއި ލީބިޔާގެ ދެ ޑޭމް ފުނޑުކޮށްލި ފެންގަނޑުން އުފެދުނު ބާރު 100 ޓެރަޖޫލެސްއަށް އަރާ ކަމަށެވެ.

އަލް ގޮމާތީ ވިދާޅުވި ގޮތުގައި ދެ ޑޭމްގެ ހާލަތު ކަމާ ބެހޭ ފަރާތްތަކުން ޗެކްކުރި ނަމަ މިހާ ބޮޑު ގެއްލުމަކާ ކުރިމަތިނުވެ ސަލާމަތްވުމުގެ ފުރުސަތު އޮތީ ހެވެ.

"އަހަރެމެން މި ބަލަނީ ގުދުރަތީ ކާރިސާއެއްގެ ގޮތަކު ނޫން...މީގެ ތެރޭގައި ޖިނާއީ ފަރުވާކުޑަކަމުގެ މައްސަލައެއް ވެސް އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

ދަރުނާގެ ތެރެއަށް ފެތުރުނު ފެންގަނޑުން ބައެއް މީހުން ސަލާމަތްވީ އިމާރާތްތަކުގެ ފަހެއް ނޫނީ ހަ ވަނަ ބުރިއަށް އަަރައިގެންނެވެ. މަރުވަމުން ދިޔަ މީހުންނާއި މަރުވެފައި ތިބި މީހުންގެ ހަށިގަނޑު އޮޔާ ދިޔައީ އެތައް ބައެއްގެ ކުރިމަތީގަ އެވެ. 

މި ކާރިސާ ދިމާވި އިރު ދަރުނާގައި ގާތްގަނޑަކަށް 90،000 މީހުން ދިރިއުޅުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް