ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާނެ ގޮތް އީސީގެ އޮފިޝަލަކު ކިޔާދެނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޓެމްޕްލޭޓް ބޭނުންކޮށްގެން 45 ލޯފަން މީހުން ވޯޓްލި: އީސީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު މި އިންތިހާބުގައި ވޯޓު ލެވޭ އިންތިޒާމް ހަމަޖައްސާފައި ވާތީ ބައިނަލްއަގްވާމީ އޮބްޒާވަރުން އީސީއަށް ތައުރީފްކޮށްފައިވޭ
14 ސެޕްޓެމްބަރު 2023

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ލޮލަށް ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓުލާން ޖެހެނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ. އެހެން ނަމަވެސް މިއަހަރު ގާނޫނަށް ގެނެވުނު އިސްލާހާ އެކު ޕްލާސްޓިކް ޓެމްޕްލޭޓެއް ބޭނުންކޮށްގެން އެ ފަރާތްތަކަށް އަމިއްލައަށް ވޯޓުލެވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

އެނގުން މުހިއްމު - ލޯފަން މީހުންގެ ޖަމިއްޔާއިން ދިޔައީ ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލުމުގެ ހައްގު ހޯދައިދިނުމަށް 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ނެވެ.  ލޯފަން މީހުންގެ ޖަމިއްޔާއިން 'ދައުުރު' އަށް މީގެ ކުރިން ބުނެފައި ވަނީ އެ ޖަމިއްޔާއިން ދިޔައީ ކޮންމެ އިންތިހާބަކާ ދިމާކޮށް އީސީއާ ބައްދަލުކޮށް، އެކަމަށް ވަކާލާތު ކުރަމުން ކަމަށެވެ.

އެންމެ ފަހުން އިންތިހާބުތަކާ ގުޅޭ އާއްމު ގާނޫނަށް އެ އިސްލާހު ހުށަހަޅައި ލޯފަން މީހުންނަށް އެހީތެރިއަކާ ނުލާ ވޯޓުލެވޭ ގޮތަށް ކަނޑައެޅީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު މި އިންތިހާބުގައި ވޯޓު ލެވޭ އިންތިޒާމް ހަމަޖައްސާފައި ވާތީ ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ އީސީއަށް ތައުރީފްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް