ކޮމަންވެލްތުގެ އޮބްޒާވަރުން އިންތިހާބު އޮބްޒާވް ކުރަނީ (ފޮޓޯ/ އިލެކްޝަންސް ކޮމިޝަން)

ހޭލުންތެރިކަން އިތުރުކުރަން ގޮވާލައި ކޮމަންވެލްތުން އިލްތިމާސްކުރީ ވީހާ ވެސް ގިނަ ބަޔަކު ވޯޓުލުމަށް

11 ސެޕްޓެމްބަރު 2023

ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ބުނެ، ވޯޓުލުމުގެ ހައްގު ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރުމަށް ކޮމަންވެލްތުން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ 11 އޮފިޝަލަކު ރާއްޖޭގެ އެކި ހިސާބުތަކުގައި ހަަރަކާތްތެރިވި އެވެ. އިންތިހާބާ ގުޅޭ ގޮތުން ހޯދި ހޯދުންތައް އެ ގްރޫޕުން ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމަންވެލްތުގެ އޮބްޒާވާ ގްރޫޕްގެ ޗެއާޕާސަން، ސީޝެލްސްގެ ކުރީގެ ނައިބު ރައީސް ޑެނީ ފައުރޭ ވަނީ އިންތިހާބުގެ އިންތިޒާމްތައް ރަނގަޅުކަން ފާހަގަކުރައްވައި އިލެކްޝަންސް ކޮމިޝަނަށް ތައުރީފްކުރައްވާފަ އެވެ. އަދި ސުލްހަވެރި އިންތިހާބެއް ކުރިއަަށް ގެންދިއުމަށް ރައްޔިތުން ދިން އެއްބާރުލުން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، ވޯޓުލުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުން އިތުރުކޮށް، އެ މަސައްކަތް ފުޅާކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަން ވެސް އޭނާ ހާމަކުރެއްވި އެވެ. ވޯޓުލުމާ ގުޅޭ ގިތުން ހޭލުންތެރިކުރުވަން ޖެހެނީ ފައުރޭ ވިދާޅުވި ގޮތުގައި:

  • ބައެއް ފޮށިތަކުގައި ބާތިލް ވޯޓު ގިނަވުން

  • ވޯޓުލާން ދިޔަ މީހުންގެ އަދަދު އެހެން އިންތިހާބުތަކާ އަޅާބަލާއިރު މަދުވުން

އެހެން އިންތިހާބުތަކާ އަޅާބަލާއިރު މި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވި މައްސަލަ ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރަައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރަން ޖެހޭނީ މީޑިއާ އާއި ސިޔާސީ ޕާޓީތަކުން ކަމަށެވެ.

"އެކި ފަރާތްތަކާ ބައްދަލުކުރިއިރު އެ ބޭފުޅުން ވެސް ފާހަގަކުރި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް. އެކަން ކުރެވިއްޖެ ނަމަ، އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ،" ފައުރޭ ވިދާޅުވި އެވެ.

ފައުރޭ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ އިންތިހާބުގެ ދެވަނަ ދައުރުގައި ކޮންމެ ރައްޔިތަކު ވެސް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް