މިދިޔަ 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ. (ފައިލް ފޮޓޯ/ޕީއެސްއެމް)

ވޯޓަށް 16 ގަޑިއިރު: އެނގެން ޖެހޭ މުހިއްމު ކަންތައްތައް

ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް މަދު ގަޑިއިރުތަކެއް އޮތްއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ކުރިން ކޮންމެ މީހަކަށް ވެސް އެނގުން މުހިއްމު ކަންތައްތަކެއް އެބަހުރި
8 ސެޕްޓެމްބަރު 2023

ރާއްޖޭގެ ގިނަ ބަޔަކު އެންމެ އިންތިޒާރުކޮށްގެން ތިބި ދުވަހަށް މިހާރު 16 ގަޑިއިރު ވެސް ނެތެވެ. ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މި އިންތިހާބުގައި މުޅިން އަލަށް 27،000އަށް ވުރެ ގިނަ މީހުން ވޯޓުލާނެ އެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް މަދު ގަޑިއިރުތަކެއް އޮތްއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ކުރިން ކޮންމެ މީހަކަށް ވެސް އެނގުން މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ.

މި އިންތިހާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓު ފޮށި ބަހައްޓާނެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ވޯޓު ފޯށިތައް ހުޅުވައި ވޯޓުލުން މާދަމާ ހެނދުނު ފަށާނެ އެވެ.

  • ވޯޓުލުން ފަށާނީ ހެނދުނު 8ގައި

  • ކިއު ބަންދުކުރާނީ ހަވީރު 4ގައި؛ ކިއު ބަންދުކުރާއިރު ކިއުގައި ތިބޭ އެންމެންނަށް ވޯޓު ލެވޭނެ

ވޯޓުލާއިރު ސަމާލުވާންވީ ކޮން ކަންތައްތަކަކަށް؟

  • ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން - އީސީން ހަމައެކަނި ގަބޫލުކުރާނީ މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު އަދި ލައިސަންސް؛ ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ

  • ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް؛ އެއީ އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް

  • ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަމެއް ހިފައިގެން ދާ މީހާގެ ގަލަން އީސީގެ އޮފިޝަލުން ބަލާނެ؛ އެހެން ކުލައެއްގެ ގަލަަމެއް ހިފައިގެން ހިނގައްޖެ ނަމަ، އެ ގަަލަން ވޯޓުލާ ބޫތަށް ވެއްދުމުގެ ހުއްދައެއް ނުދޭނެ 

  • ވޯޓު ކަރުދާހުގައި ޖަހަންވާނީ އެންމެ ފާހަަގައެއް؛ ކަރުދާހުގައި އިތުރު އެއްވެސް ފާހަގައެއް ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ، އެއީ ބާތިލު ވޯޓެއް

މަނާ ކަންކަމަކީ ކޮބާ؟

  • ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް ކެމްޕޭން ކުރުން؛ ނުވަތަ ރިޝްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ދިނުން

  • ވޯޓު ކަރުދާހުގެ ފޮޓޯ އަދި ވީޑިއޯ ނެގުން

  • ވޯޓު ކަރުދާސް ދެއްކުން

  • ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިޝަލުންގެ ވާޖިބަށް ހުރަސްއެޅުން

  • ވޯޓުލާ މަރުކަޒުގައި އަޑުގަދަކޮށް ހަމަނުޖެހުން އުފެއްދުން

  • އެހެން މީހެއްގެ ނަމުގައި ވޯޓުލުން

  • ވަކި މީހެއްގެ ކެމްޕޭނާ ގުޅޭ ބެޖާއި ޕޯސްޓަރު ނުވަތަ އެ ނޫން ވެސް އެއްވެސް އެއްޗެއް ބޭނުންކުރުން

ވޯޓުލާން ދާން ޖެހޭ ތަން ބަލާނީ ކިހިނެއް؟

އެ މީހަކު ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށި އީސީގެ ވެބްސައިޓުން ބަލާލެވޭނެ އެވެ. އޭގެ އިތުރުން:

  • އެސްއެމްއެސްކޮށްގެން - ވީއާރު (ސްޕޭސް) އައިޑީ ކާޑު ނަންބަރު؛ ފޮނުވާނީ 1414އަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް