ރިޔާސީ އިންތިހާބަށް މާލޭގެ މަގުތަކުގައި މިއަދު ދިދަތަކާއި ފޮތި އަދި ކެމްޕެއިން ޕޯސްޓަރުތައް ހަރުކޮށްފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރިޔާސީ ކެމްޕޭނު ފޯރިގަދަ ހަރަކާތްތަކަކާ އެކު ނިމުމަކަށް

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަދު އިރުއޮއްސި 6އަށް ވަނީ ނިންމާލާފައި. ކެމްޕޭން ނިންމާލުމަށް ހުރިހާ ޕާޓީތަކަކާއި ކެންޑިޑޭޓުން ކަހަލަ ގޮތަކަށް އެކި ހަރަކާތްތައް ވަނީ ހިންގާފައި.
8 ސެޕްޓެމްބަރު 2023
 
17:59 Sep 8, 2023

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ނިންމަވާލެއްވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ނިންމަވާލެއްވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
 
17:51 Sep 8, 2023

ގާސިމް ވިދާޅުވީ، ނުހޯދިގެން މަރުތަކުގެ ހަގީގަތް ވެސް ހޯދައިދޭނެ ކަމަށާއި ނުހޯދިގެން އުޅޭ އެމްއެމްޕީއާރްސީގެ ފައިސާ ވެސް ހޯދައިދޭނެ ކަމަށް. ވާހަކަ ނިންމާލައްވަމުން ގާސިމް އެދިވަޑައިގަތީ މާދަމާ ހެނދުނު ހެނދުނާ ނުކުމެ ސުލުހަވެރިކަމާ އެކު، ހަމަނުޖެހުމެއް ނުހިންގާ ވޯޓުލައި ނިންމާލުމަށް.

 
17:50 Sep 8, 2023

މުއިއްޒުގެ ވާހަކަ ނިންމަވާލެއްވުމަށް ފަހު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވައި ދުއާއެއް ކުރައްވަމުން އެބަގެންދަވާ. އެ ދުއާގައި ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންގެ އިތުރުން ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުން ބައިވެރިވޭ.

 
17:49 Sep 8, 2023

އިލްޔާސް ވިދާޅުވީ ވެވަޑައިގަންނަވާ ވައުދުތައް ނުފުއްދައި ރައްޔިތުންގެ ކުރިމައްޗަށް ނުނުކުންނަވާނެ ކަމަށް. އޭނާ މިސާލެއް ނަންގަވަމުން ވިދާޅުވީ ވެރިކަމަށް ހޮވިވެވަޑައިގެންފި ނަމަ، ކުރިއަށް އޮތީ އާމްދަނީ އިތުރުވާނެ ފަސް އަހަރު ކަމަށް.

 
17:48 Sep 8, 2023

އޭނާގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް އަލިއަޅުވާލެއްވުމަށް ފަހު، މި ގައުމަށް ތަރައްގީ ގެނެސް، ދިވެހި ބަސް ހިމާޔަތްކޮށް، މިނިވަންކަން ކަށަވަރުކޮށް، ދިވެހިންނަށް ކުރިއެރުން ލިބޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވާނެކަން ފާހަގަކުރައްވައި މުއިއްޒު އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުން ވެސް އޭނާއަށް ވޯޓު ދިނުމަަށް.

 
17:46 Sep 8, 2023

ކެމްޕެއިން ނިންމާލުމުގެ ގޮތުން ޑިމޮކްރެޓްސް އިން ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ރައްޔިތުން ވޯޓު ލާންވީ މުސްތަގުބަލަށް ވިސްނުމަށް ފަހު ކަމަށް. އެގޮތުން، އިންތިހާބާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުން ރައީސް ސޯލިހުގެ ނަން ފޮހެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި.

 
17:45 Sep 8, 2023

ގާސިމް އިބްރާހިމް:

  • ޖޭޕީގެ ހިނގާލުން ނިންމާލުމަށް އެޕާޓީގެ ކެންޑިޑޭޓު ގާސިމް ދެއްކެވި ވާހަކައިގައި ވިދާޅުވީ، އޭނާ ކުރިމަތިލެއްވީ ޖޭޕީއަށް ވެރިކަން ކޮށްދޭން ނޫން ކަމަށާއި މުޅި ގައުމަށް ވެރިކަން ކޮށްދޭން ކަމަށް

  • ރާއްޖޭގައި ބޭރު ސިފައިން ތިބުމާއި ކަނޑު "ވިއްކާލުމު"ގެ މައްސަލަ އާއި މަޖިލީހުގައި މަރު ތަޅު އެޅުވިފައި އޮތް މައްސަލާގައި ވެސް ކަންބޮޑުވުން ފާޅުކުރައްވައި ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި

  • ބައެއް ވައުދުތަކުގެ ވާހަކަވެސް ވިދާޅުވެދެއްވި؛ އެގޮތުން، ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ސިއްހީ ދާއީރާ އޮންނާނީ ޖަރުމަނުގެ ފެންވަރަށް ކަމަށާއި، ގެންނާނީ ވެސް ޖަރުމަނުގެ ބޭސް ކަމަށް ވިދާޅުވި. އަދި ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީކުރާނެ ކަމަށް ވިދާޅުވި.

  • ކަންކަން ހިލޭ ކޮށްދޭނަމޭ ވިދާޅުވީ ކިޔާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، ކަންކަން ކުރަން އެނގޭނީ އެކަންކަން ކުރަން ދަންނަ މީހަކަށް ކަމަށާއި، ތަނަކުން އަންނަ "ސޯލިހަކަށް، ލޯލަކަށް، މަރުމޯލަކަށް" ކަންކަން ކޮށްދެންވީ ގޮތް ނޭނގޭނެ ކަމަށް.

  • ގާސިމް ވިދާޅުވީ، މިހާރު ދިވެހިންނަށް އޮތް ޗޮއިސް އަކީ އާ ބޭފުޅަކު ހޮވުން ކަމަށް

 
17:40 Sep 8, 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭން ނިންމުމަށް އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭން ނިންމުމަށް އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
 
17:35 Sep 8, 2023

ފައިސާ ޗާޕުކުރުން މުޅިން ހުއްޓާލައި ބޭކާރު ހަރަދުތައް ނުކޮށް، ހަރަދުތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ބުރައެއް ނުޖައްސައި ދައުލަތުގެ ދަރަނި ދައްކައިދީ، އިގްތިސޯދު ކޮޅަށް ޖަހައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި.

 
17:33 Sep 8, 2023

ރައީސް ގެންދަވަނީ ސަޕޯޓަރުންނާ އެކު ފޮޓޯ ނަންގަވަމުން. ކެމްޕޭނު ހަރަކާތް ނިންމާލާނީ ހާއްސަ ދުއާއަކުން. ރައީސް ވިދާޅުވީ ކެމްޕޭނުގައި އެ މަނިކުފާނު ނެންގެވި ސެލްފީގެ އަދަދުން ބެލިިޔަސް އިދިކޮޅު ކެންދިޑޭޓު ބަލިވާނެ ކަމަށް.

 
17:32 Sep 8, 2023

މާދަމާ ނިންމާ ނިންމުމަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ނިންމާ ނިންމުމެއް ކަމަށް ވިދާޅުވެ، މުއިއްޒު ގޮވާލެއްވީ ކޮންމެ ރައްޔިތަކު ވެސް "ތިމަންނައަކީ ފަހުރުވެރި ދިވެއްސެއް"ގެ ގޮތުގައި ދެކިގެން ގޮސް މާދަމާ ވޯޓު ލާން. އޭނާއަށް ވޯޓު ލައިފި ނަމަ، ދިވެހިންގެ މިނިވަންކަން ދިފާއުކޮށްދޭނެ ކަަމަށް މުއިއްޒު ވިދާޅުވި.

 
17:30 Sep 8, 2023

 
17:29 Sep 8, 2023

ރައީސް ސޯލިހް: ފަންނާނުންނަށް ފުރުސަތު ދެވިއްޖެ. އޮލިމްޕަސް ޒަމާނީ ކޮށްދިނީ މި ސަރުކާރުން. ކުޅިވަރު ކުޅުންތެރިންނަށް ތަފާތު ކުރުމެއް ނެތި އެލަވެންސް ދޭން ފެށީ ވެސް މި ސަރުކާރުން. ތަކުރާރުކޮށް ރައީސް ވިދާޅުވީ އިންތިހާބު ނިމެއްޖެ ކަމަށާއި މާދަމާ ރޭ އުސްފަސްގަނޑަށް އެއްވާނީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ކަމަށް.

 
17:28 Sep 8, 2023

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިވަގުތު އަންނަނީ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން.

 
17:27 Sep 8, 2023

ރައީސް ވަނީ މި ސަރުކާރުގެ ފަސް އަހަރު ތެރޭ އަންހެނުން ބާރު ވެރިކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާފައި.

 
17:26 Sep 8, 2023

ރައީސް ސޯލިހް: ހަރުކަށި ފިކުރާއި ދީނާ ހިޔާލު ތަފާތުވާ މީހުންނަށް ނަސޭހަތް ދިނުމަށް ދީނީ އިލްމުވެރިންނަށް މި ފަސް އަހަރު ފުރުސަތު ދެވިއްޖެ. ސަތޭކައަށް ވުރެ ގިނަ ދިވެހިން ސީރިޔާއަށް ގޮސް އަމިއްލައަށް މަރުވެފައި ވާއިރު، އެ ތަނުގައި ހާލުގައި ޖެހިފައި ތިބި ކުޑަކުދިންނާއި އަންހެނުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން.

 
17:23 Sep 8, 2023

ރައީސް ސޯލިހް: ވާދަވެރިން އިއްޔެ ކެމްޕޭނު ދޫކޮށްލައިފި. ހަމައެކަނި ކެމްޕޭނު ކުރަމުން އަންނަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން. މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އެންމެ ބުރަ މަސައްކަތް ކުރެވުނު ފަސް އަހަރު.

 
17:21 Sep 8, 2023

ރައީސް ސޯލިހް މާލެ ވަޑައިގެން އުސްފަސްގަނޑަށް ވަޑައިގެންފި. އެ މަނިކުފާނު ގެންދަވަނީ އުސްފަސްގަނޑަށް އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން. ރައީސް ޖޯޝާ އެކު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް.

 
17:12 Sep 8, 2023

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެމްޕޭން ނިންމުމަށް ރަސްފަންނުގައި ކުރިއަށްގެންދާ ހަރަކާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
 
17:10 Sep 8, 2023

ކެމްޕޭނު ނިންމުމުގެ އެއްވުމުގައި ބައިވެރިވެވަޑައިގެން، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވީ އެމްޑީޕީ އަކީ ބޮޑު ޕާޓީއެއް ކަމަށާއި ޕާޓީގެ މެންބަރުގެ ޖޯޝާއި ފޯރި އެބައޮތް ކަމަށް. ވީހާ ވެސް ހެނދުނަކާ ވޯޓު ލުމަށް ރައީސް ސޯލިހުގެ ސަޕޯޓަރުންގެ ކިބައިން މާރިޔާ އެދިވަޑައިގެންނެވި.

 
17:07 Sep 8, 2023

އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ހިންމަފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)
އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ހިންމަފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)
 
17:02 Sep 8, 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ނިންމުމުގެ ހަރަކާތަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އުސްފަސްގަނޑު ސަރަހައްދަށް އެއްވެފައި. ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭނު ދަތުރުފުޅަށް ފަހު ރައީސް ވެސް އެ ސަރަހައްދަށް ވަޑައިގަންނަވާނެ.

 
16:56 Sep 8, 2023

 
16:53 Sep 8, 2023

ޕީޕީއެމް-ޕީއެންސީ އާ ޖޭޕީ ވެސް މިވަގުތު ތިބީ މަޖީދީމަގުގައި. އެހެންވެ، ދެ ޕާޓީގެ ހަރަކާތަށް ފުރުސަތު ދިނުމަށް އެސްއޯ ފުލުހުންގެ އެހީތެރިކަމާ އެކު، މަޖީދީ މަގުގެ ދެ ފަޅިން ކުރިއަށް ދިއުމަށް ޖޭޕީން އަންނަނީ އެ ޕާޓީގެ ސަޕޯޓަރުންނަށް އިރުޝާދު ދެމުން.

 
16:52 Sep 8, 2023

 
16:49 Sep 8, 2023

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ރަސްފަންނުގައި އެއްވުމެއް ފަށައިފި. މި އެއްވުން ފެށުމުގެ ކުރިން 'ދައުރު'އާ ވާހަކަދައްކަވަމުން އިލްޔާސް އިލްތިމާސްކުރެއްވީ މާދަމާ ލަސްނުކޮށް ވޯޓުލާން ދިއުމަށް.

 
16:48 Sep 8, 2023

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ކެންޑިޑޭޓް ނަންބަރު 6، ފާރިސް މައުމޫން ވެސް ކެމްޕޭނުގެ ފަހު ހަރަކާތް ފައްޓަވައިފި. ކެމްޕޭނުގެ ޕޯސްޓަރުތައް ހަރުކޮށްފައިވާ ޕިކަޕެއްގައި ލަވަ ޖަހަމުން ފާރިސް ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވާއިރު، ރެލީގައި ބައިވެރިވާ އޭނާގެ ސަޕޯޓަރުން ވެސް ޕިކަޕު ފަހަތުން ހިނގާފައި ދާ މަންޒަރު ފެނޭ.

 
16:41 Sep 8, 2023

 
16:39 Sep 8, 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ކެމްޕެއިން ނިންމާލުމަށް  ބާއްވާ ހިނގާލުން ފަށައިފި. މި ހިނގާލުން ފެށީ އާޓިފިޝަލް ބީޗު ސްޓޭޖާއި ހެންވޭރު ދަނޑާ ދެމެދުން މަޖީދީ މަގުން. މި ހިނގާލުން، ގާސިމްއާ އެކު ލީޑު ކުރައްވަނީ އޭނާގެ އަނބިކަނބަލުން، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމްގެ ރަނިން މޭޓް އަމީން އިބްރާހިމް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު.

 
16:29 Sep 8, 2023

ރައީސް ސޯލިހް މި ވަގުތު ހުންނެވީ ކ. ހިންމަފުށީގައި. ނަމަވެސް، އެމްޑީޕީން އުސްފަސްގަނޑުގައި ބާއްވާ ހަރަކާތް ވަނީ ފެށިފައި. ރައީސް ހިންމަފުށިން މާލެ ވަޑައިގެން، އުސްފަސްގަނޑަށް ވަޑައިގަންނަވާނެ.

 
16:20 Sep 8, 2023

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން އެމްޑީޕީން ބާއްވާ ހަރަކާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީޕީއެމް-ޕީއެންސީން ބާއްވާ ހަރަކާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
 
16:15 Sep 8, 2023

 
16:03 Sep 8, 2023

  • އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ނިންމުމުގެ ހަރަކާތް އޮތީ އުސްފަސްގަނޑުގައި

  • މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ނިންމުމުގެ ހަރަކާތް ފެށީ އާޓިފިޝަލް ބީޗުން

  • ޖޭޕީގެ ކެންޑިޑޭޓުގެ ގާސިމް އިބްރާހިމްގެ ކެމްޕޭން ނިންމާލަން ބާއްވާ ހިނގާލުން ވެސް ފަށަން ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުން

  • ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބުގެ ކެމްޕޭން ނިންމުމުގެ ހަރަކާތް ފަށާނީ ރަސްފަންނުން

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަދު އިރުއޮއްސި 6އަށް ނިންމާލާނެ އެވެ. ކެމްޕޭން ނިންމާލުމަށް ހުރިހާ ޕާޓީތަކަކާއި ކެންޑިޑޭޓުން ކަހަލަ ގޮތަކަށް އެކި ހަރަކާތްތައް ވަނީ ރާވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް