ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ޕީޕީއެމް)

މަތިވެރީގައި ހަމަނުޖެހުން ހިންގައިފި؛ މުއިއްޒަށް ހަމަލާއެއް ނުދޭ

އެ ހަމަަނުޖެހުމުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނޭ

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރިއަށް މިއަދު ވަޑައިގަތް ވަގުތު، ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިންގައިފި އެވެ. ނަމަވެސް، މުއިއްޒަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ދެކެވޭ ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. 

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހެނދުނު މަތިވެރިއަށް ވަޑައިގެން، މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ސަލާން ކުރައްވަމުން ގެންދަވަނިކޮށް، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ހަމަނުޖެހުން ހިންގީ މުއިއްޒަށް އަމާޒުކޮށް ހަމަލާއެއް ދޭން ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ބުނީ،  މިހާތަނަށް ބެލިބެލުމުން އެ ހަމަނުޖެހުމުގައި މުއިއްޒަށް ހަމަލާ ދޭން އުޅުނު ކަމަށް ނުބެލެވޭ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރިއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި ބައެއް ސަޕޯޓަރުން. (ފޮޓޯ/ޕީޕީއެމް)

ތަފްސީލް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ ހަމަަނުޖެހުން ފެށުނީ، އެ ތަނުގައި ހުރި މީހަކު އަތުން ބޭއަދަބީ އިޝާރާތްތަކެއް ކުރުމުންނެވެ. އެ ހަމަަނުޖެހުމުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި:

  • އެ މީހާ އަތުން ބޭއަދަބީ އިޝާރާތްތަކެއް ކުރަން ފެށުމުން ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ވަނީ އޭނާ އެ ތަނުން ދުރުކޮށްފައި 

  • އެ ކަމުގެ ތެރޭގައި އޭނާ އާއި ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގި

އެނގުން މުހިންމު - މިހާރު މުއިއްޒު ހުންނެވީ. އއ. ރަސްދޫގަ އެވެ. މިއަދު މުއިއްޒު ދެން ވަޑައިގަންނަވާނީ:

  • އއ. ތޮއްޑޫ

  • ކ. ކާށިދޫ

  • ކ. ގާފަރު

  • ކ. ތުލުސްދޫ

  • އައްޑޫ؛ މިއީ ރިޔާސީ ކެމްޕެއިނަށް މުއިއްޒު އައްޑުއަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރު

ކޮމެންޓް (1)

ސަލީމު

5 ސެޕްޓެމްބަރު 2023
ބަލަ ނުފެނޭތަ ...އެމަންޒަރުގައި މީހަކު ކޮއްޕާލި ތަނެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް