ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)
240 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ 5 މަޝްރޫއު ހަވާލުކޮށްފި
ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ހިމެނޭ ގޮތަށް، ފަސް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން، ޖުމްލަ 240 މިލިއަން ރުފިޔާއަށް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަސް ރަށެއްގައި ފަސް މަޝްރޫއުއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި، މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ:
-
ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ
-
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ތަފްސީލް - އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތަކަކީ:
-
ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު - 43.98 މިލިއަން ރުފިޔާއަށް، 480 ދުވަސް ނުވަތަ އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް
-
ހއ. ތަކަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު - 46.59 މިލިއަން ރުފިޔާއަށް، 420 ދުވަސް ނުވަތަ އެއް އަހަރާއި ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމުމަށް
-
ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއު - 53.75 މިލިއަން ރުފިޔާއަށް، 390 ދުވަސް ނުވަތަ އެއް އަހަރާއި މަސްދުވަހުގެ ތެރޭގައި ނިންމުމަށް
-
އއ. ރަސްދޫ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްގީކުރުމުގެ މަޝްރޫއު - 27.6 މިލިއަން ރުފިޔާއަށް، 250 ދުވަސް ނުވަތަ ހަތް މަސްދުވަހުގެ ތެރޭގައި ނިންމުމަށް
-
ގއ. ގެމަނަފުށީ ބަނދަރު ހެދުމުގެ މަޝްރޫއު - 70.17 މިލިއަން ރުފިޔާއަށް 570 ދުވަސް ނުވަތަ އެއް އަހަރާއި ބައިގެ ތެރޭގައި ނިންމުމަށް
މި ހުރިހާ މަޝްރޫއުއެއްގެ ޖުމްލަ އަގު 242.09 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފަސްމަންޒަރު - ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އިންތިހާބާ ދިމާކޮށް މަޝްރޫއުތައް އިއުލާނުކުރާ ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.