އައްޑޫގައި ބޭއްވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވާހަކަދައްކަވަނީ. (ފޮޓޯ/ ޕީޕީއެމް)

ޑރ. މުނައްވަރު

އަޅުވެތިކަމުގައި އޮވެގެން އުފާވެރި، އަމާން ރާއްޖެއެއް ނުހޯދޭނެ: މުނައްވަރު

މި ސަރުކާރުން އެހެން ދައުލަތެއްގެ ދަށަށް ރާއްޖެ ގެންދަނީ ބާރު ސްޕީޑުގައި ކަމަށް މުނައްވަރު ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެ އަޅުވެތި ކަމުގެ ތެރެއަށް ގެންގޮސްފައިވާ ކަމަށާއި، އެެހެންވެ އެ މަނިކުފާނުގެ ކެމްޕޭން ޝިއާރުގައި ވިދާޅުވާ 'އުފާވެރި، އަމާން ރާއްޖެ'އެއް ހޯދައިނުދެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމަވައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގެންނެވި މުނައްވަރު އެހެން ވިދާޅުވެފައިވަނީ، އޭނާ ނިސްބަތްވެވަޑައިގަންނަވާ އައްޑޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "ގައުމެއްގެ ވެރިކަމުގައި ހުރެގެން [އެކަން] ކުޅިވަރަކަށް ހަދައިގެން، ގައުމިއްޔަތެއް، އެކައްޗެއް ވެސް ނޭނގި، މިއީ އުފާވެރިކަމޭ، އަމާންކަމޭ ބަޔަކަށް ގައުމު ދީފައި [ބުނަން] ހެޔޮނުވާނެ،" އެމްޑީޕީ އުފެއްދުމުގައި ވެސް އުޅުއްވި މުނައްވަރު ވިދާޅުވި އެވެ.

ވެރިކަމުގެ އިތުރު އެންމެ ދުވަހެއް ވެސް ދޭން ރައީސް ސޯލިހު އެދިވަޑައިގަތުމަކީ، މުނައްވަރު ސިފަކުރެއްވި ގޮތުގައި، ލަދުވެތި ކަމެކެވެ. ރައީސް ސޯލިހުގެ ކެމްޕޭން ޝިއާރު ކަމަށްވާ 'އުފާވެރި، އަމާން ރާއްޖެ'އަށް ފާޑުވިދާޅުވެ، އެ ޝިއާރުގައި 'އުފާވެރި' އަދި 'އަމާން' ބޭނުންކޮށްފައިވުމުން "ބޮލަށް އުނދަގޫ"ވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އެ ދެ ލަފްޒު މި ނިސްބަތް ކުރަނީ މި ދިވެހިރާއްޖެއަށް. ބުނެދޭން އުޅޭ ކަހަލަ ތިމަންނަމެން، މިވެނި ކަމެއްގައި ތިބެއްޖެއްޔާ ދިވެހިރާއްޖެއަކީ އުފާވެރި ތަނަކަށް ވާނެއޭ އަދި އަމާން ތަނަކަށް ވާނެއޭ،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު މިސާލު ނެންގެވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރި މަންޒަރުތަކުންނެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ފަލަސްތީނަކީ ބޮޑު މުސްލިމް އާބާދީއެއް އުޅޭ، ނަމަވެސް އަޅުވެތިކަމުގައި ދުވަސްތައް ވޭތުކުރާ އަދި ދައުލަތަކަށް ނުވާ ގައުމެއް؛ ފަލަސްތީނަކީ އަމާން ތަނަކަށް އަދި އުފާވެރި ތަނަކަށް ވެސް ނުވާނެ

  • ބައިބައިވެފައިވާ އިންޑިއާގެ ކަޝްމީރުގެ އެއް ބައި އިންޑިއާގެެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އިރު، އެ ތަނުން ލިބޭ ހަބަރުތަކަށް ބަލާއިރު، އެއީ ވެސް އުފާވެރި އަދި އަމާން ތަނަކަށް ނުވޭ

  • ސީރިޔާ އަކީ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް އެ ގައުމު ގެންދިއުމަށްޓަކައި ކުރެވެމުންދާ ހަނގުރާމައިގައި ވީރާނާ ވެގެން ގޮސްފައިވާ ގައުމެއް

"އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ތެރެއަށް ގެންދަމުން، މި ބޭފުޅުން ވިދާޅުވާ ކަހަލަ، އަޅުވެތި ވެއްޖެއްޔާ އަމާން ވާނޭ، އުފާވެރި ވާނޭ،" ސަރުކާރުން އިންޑިއާއާ އެކު ސިއްރު އެއްބަސްވުންތައް ހަދައި އެ ގައުމުގެ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ފަހިކޮށްދީފައިވާ ކަމަށް އިދިކޮޅުން ބުނާ ބުނުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

"މިއަށް ވުރެ ބޮޑު ދޮގެއް ނުހެދޭނެ. އެއްވެސް ގައުމެއް، އެއްވެސް ދައުލަތެއް، އެހެން ދައުލަތެއްގެ އަޅުވެތިކަމުގެ ދަށުގައި އޮންނަ އިރުގައި، އެއީ އަމާން ތަނަކަށް ވެސް ނުވާނެ، އުފާވެރި ތަނަކަށް ވެސް ނުވާނެ."

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ސަލާން ކުރައްވަނީ. (ފޮޓޯ/ ޕީޕީއެމް)

މުނައްވަރު ވިދާޅުވީ، ދުނިޔެ ހިނގާ ގޮތް އެނގިވަޑައިނުގަތުމުގެ ސަބަބުން ނުވަތަ ގަސްތުގައި ނަމަވެސް، ރައީސް ސޯލިހު "އެހެން ދައުލަތެއްގެ ދަށަށް ދިވެހިރާއްޖެ ގެންދަނީ ބާރު ސްޕީޑުގައި" ކަމަށެވެ.

"ގެންދަވަމުން މި ވިދާޅުވަނީ އަދި ތިމަންނައަށް ދުވަސްކޮޅެއް ދޭށޭ. އުފާވެރި، އަމާން ރާއްޖެއަކަށް ހައްދަވައިދެއްވާނަމޭ. އަޅުވެތިކަމަށް ގެންގޮސްގެން އުފަލެއް ނުވާނެ، އަމާނެއް ވެސް ނުވާނެ،" މުނައްވަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން އެހާ މޮޔައެއް ނުވާނެ. ދިވެހި ރައްޔިތުންނަކީ ވިސްނުން ތޫނު، ހިކުމަތްތެރި ބައެއް. އެ ވެރިންނަށް އެނގޭނެ އަޅުވެތިކަމަކީ އުފާވެރިކަމެއް ނޫންކަން."

އެނގުން މުހިއްމު - އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އިތުރުން، އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ގެންދަވަނީ ރައީސް ސޯލިހް ހުންނެވީ އަވައްޓެރި އިންޑިއާގެ ނުފޫޒުގެ ދަށުގައި ކަމަށް ތުހުމަތުކުރައްވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ޕީޕިއެމް-ޕީއެންސީން 'އިންޑިއާ އައުޓް'ގެ ނަމުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ މުނައްވަރު އަހަރުތަކެއް ވަންދެން ސިޔާސީ ދާއިރާއާ ދުރުގައި އުޅުއްވުމަށް ފަހު، އެ ދާއިރާއަށް އަލުން ނުކުމެވަޑައިގެން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު އީއީޒެޑް ކަނޑައެޅި މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން މުނައްވަރު އިއުލާނު ކުރެއްވި ނަމަވެސް، އޭނާ ފަހުން ވަނީ އެ ނިންމުން ބަދަލުކުރައްވައި ވާދަނުކުރަން ނިންމަވާފަ އެވެ.

ކޮމެންޓް (1)

އިއްސެ

22 އޯގަސްޓު 2023
މީ ކީއްކުރަން އަސްލު އުޅޭ ބޭފުޅެއް! ހަދާނެ ނަހަދާނެ އެއްޗެއް ނޭގިގެން އުޅޭ ބޭފުޅެއް ..... އެބޭފުޅާއަށް ވެސް ނޭގޭ އެބޭފުޅާ ބޭނުންވަނީ ކޮންކަމެއްކަން!!
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް