އއ. މާޅޮހުގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ސޯލިހު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭން ޓީމް)

މިއީ އެންމެ ކުށް މަދު ފަސް އަހަރު؛ ކުރިން މަހަކު ކުއްޖެއް ކަތިލި: ރައީސް ސޯލިހު

ރައީސް ވިދާޅުވީ ވެރިކަމުގެ މި ދައުރު އެންމެ ކުށް މަދު ފަސް އަހަރަށް ވީ ވެރިކަމަށް އައުމުގައި ގޭންގުތަކުގެ އެހީ ނުހޯދުމުން ކަމަށް

މީގެ ކުރިން އޮތް ޕީޕީއެމްގެ ސަރުކާރުގައި ގޭންގް މާރާމާރީތައް ކޮންޓްރޯލް ކުރަން ދަތިވެ، ކޮންމެ މަހަކު ޒުވާނަކު ކަތިލާ ހިސާބަށް މުޖުތަމައުގެ ހާލަތު ގޯސްވި ކަމަށާއި އެއާ ހިލާފަށް މިއީ އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ސޯލިހު ކެމްޕޭން ކުރައްވަން މިހާރު ވަޑައިގެން އުޅުއްވަނީ އއ. އަތޮޅަށެވެ.

ބުނީ ކީކޭ؟ - އެ އަތޮޅު މާޅޮހުގައި ބޭއްވި ބައްދަލުވުމުގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ދިވެއްސަކު ވެސް ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއްގައި، އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.

"އެ އުފާވެރި ދިރިއުޅުން ހޯދުމަށްޓަކައި ކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރޭ. އެންމެ ފުރަތަމަ ކަމަކީ ހަމަޖެހޭ މުޖުތަމައެއް ގާއިމްކުރުން. މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުރިއާ އަޅާބަލާއިރު އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އާއިލާއެއްގެ ތެރޭގައި ތިބޭ ކުދިން މަގުމައްޗަށް ވީއްލިގެން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ވަނީ ރެކޯޑުކުރެވިފަ އެވެ.

"އެއާ ހިލާފަށް އޭގެ ކުރީ ފަސް އަހަރަށް ޖެހިލާއިރުގައި މާލޭގެ މަގުމަތީގެ ހާލަތު ތިޔަ ބޭފުޅުން ވިސްނާވަޑައިގަންނަވާ. މަހަކު ކުއްޖަކު، އަޅުގަނޑުމެންގެ ޒުވާނަކު ކަތިލާ، ވަޅި ހަރައި، މަރާލަމުން ގެންދިޔައީ. ފުލުހުންނަށް އެކަން ކޮންޓްރޯލް ކުރަން ދަތިވި. ސިފައިން ނެރެން ޖެހުނު މިކަން ހައްލުކުރަން. އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި މާލޭގެ މަގުތަކުގެ ހާލަތަކީ އެއީ،" ރައީސް ވިދާޅުވި އެވެ.

"ހަގީގަތުގައި އެކަން އެހެން ދިމާވަނީ އެކަން ކުރަން ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެމީހުންނަށް ބާރު ލިބޭ ކަންތައްތަކެއް ވެރިކަމުގެ ފަރާތުގައި ތިބޭ ބައެއްގެ ފަރާތުން މަދަދު ލިބޭތީ."

ތަފްސީލު - ސިޔާސީ ކަންކަމުގައި ނުކުންނައިރު، ގޭންގުތަކުން ހުރިހާ ޕާޓީތަކަށް ވެސް 'އެޕްރޯޗު' ކުރާ ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ "އެހެން ނަމަވެސް 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައީ އެއިން އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލާ" ކަމަށެވެ.

އެކަމަކު އޭގެ މާނައަކީ، ރައީސް ވިދާޅުވި ގޮތުގައި، ގޭންގުތަކަށް ނިސްބަތްވާ މީހުން ބާކީކޮށްލުމެއް ނޫނެވެ. އެ މީހުންނަށް ވެސް ދިރިއުޅެން މަސައްކަތް ކުރާނެ ގޮތްތަކެއް ހޯދައިދިނުމަކީ ސަރުކާރެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ވިދާޅުވި އެވެ.

"އާއިލާއެއްގެ ތެރޭގައި ތިބޭ ކުދިން މަގުމައްޗަށް ވީއްލިގެން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިރޭ ބާއްވާ ޖަލްސާގައި ރައީސް ސޯލިހުގެ މެނިފެސްޓޯގެ ތިން ވަނަ ބައި އާންމުކުރާއިރު، މަގުމަތީގައި ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ގޮތެއް ހޯދައިދޭން ރާވާ ކަންކަން ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެދެއް ނުބުނާތި

17 އޯގަސްޓު 2023
އެންމެ ކުށް Gina ފަސް އަހަރު. އެންމެ ގިނައީ ކޮރަޕްޝަން. ވެރިކަމުގައި ތިބީމާ އެއިން އެއްވެސް މައްސަލައެއް ކުރިއަކަށްނުދެ. ތަޙްޤީޤަށް ހުށަނާޅަ. ދެން ކިހިނެއް ދަޢުވާކުރާނީ. އެގޮތުން ކުށް މަދުވެފަ އޮތީ. ދެން ޑްރަގް Gina މައްސަލަތަކުގައި ދަޢުވާނުކުރެ. ކުދި ވައްކަމުގެ މައްސަލަތަކުގައި އެއްބަސްވުން ހަދާފަ ދަޢުވާނުކޮށް ދޫކޮށްލަނީ. ޑްރަގް ބޭނުންކުރާ މީހުން ހައްޔަރެއް ނުކުރެ ދެން kihaa ކުށް މަދުވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް