ރައީސް ސޯލިހް ހުޅުދެލީ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

އެހެން ކެންޑިޑޭޓަކު އައިސް ވާނެ އާ ވައުދެއް ނެތް: ރައީސް

ރައީސް ހުޅުދެލީގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގަތް
7 އޯގަސްޓު 2023

ދ. ހުޅުދެލި - އެހެން ކެންޑިޑޭޓަކު ރަށްރަށަށް ގޮސް ވާނެ އާ ވައުދެއް ނުހުންނާނެ ކަމަށާއި، މި ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާާން އަބްދުﷲއާ އެކު އެ މަނިކުފާނު މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ދ. އަތޮޅުގަ އެވެ. ރައީސް ވަނީ މިއަދު ހަވީރު މި ރަށަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެ މަނިކުފާނު 2018ގައި ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް މިހާރު ފުއްދަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ބަޔަކު "ނުވާނޭ" ބުނި މިނިމަން ވޭޖު ކަނޑައެޅުމާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑު އެކުލަވާލުން ފަދަ ކަންކަން ނިންމަވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެކަން ފާހަގަކުރައްވަމުން ރައީސް އުފެއްދެވި ސުވާލަކީ، އެހެން ކެންޑިޑޭޓަކު ރައްޔިތުން ކުރިމަތީ ވާނެ ވައުދެއް އޮންނާނެތޯ އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ކެންޑިޑޭޓުން ކޮންމެ ވައުދެއް ވީ ނަމަވެސް، މި ސަރުކާރުން އެކަންކަން ކުރަމުން ގެންދާ ކަމަށެވެ.

"ތިޔަބޭފުޅުންގެ ކުރިމަތީގައި ދެން ކެންޑިޑޭޓަކު އައިސް ވާނީ ކޮން ވައުދެއްތޯ އަޅުގަނޑު ހިތަށް އަރާ. ކުރީގައި ވެއްޖިއްޔާ އައިސް ބުނާނެ ސްކޮލާޝިޕް ދޭނަމޭ، ދަރިވަރުންނަށް ކިޔަވައިދޭނަމޭ، ބަނދަރު ހަދައިދޭނަމޭ، އިންޖީނުގެ އަޅައިދޭނަމޭ، ސްކޫލްގައި ކްލާސްރޫމެއް އަޅައިދޭނަމޭ،" ރައީސް ވިދާޅުވި އެވެ.

"މިއަދު އެ ވައުދެއް ވިޔަސް އެއީ އަޅުގަނޑު ދަންނަވާނީ ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑުމެން މި ދަނީ އެކަންކަން ކުރަމުން."

އެހެން ވިދާޅުވުމަށް ފަހު ރައީސް ހުޅުދެލީގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގަތެވެ. އެއީ:

  • ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދިނުން

  • އޭޓީއެމް ހިދުމަތް ފަށައިދިނުން

  • ކައުންސިލް އިދާރާއަށް އާ އިމާރާތެއް ހަދައިދިނުން

  • މަސްވެރިންނަށް ސްޕޯޓްސް ކަނދުފައްޗެއް އަޅައިދިނުން

  • އައިސް ޕްލާންޓެއް ގާއިމުކޮށްދިނުން

  • ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށްދިނުން

  • ޒަމާނީ ފެންވަރަށް މަގުތައް ހަދައިދިނުން

  • ބިން ހިއްކައިދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް