އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ނާޒިމް އަދި އޭނާގެ ރަނިންމޭޓް، ޑރ. އަދީލް ނަސީރު

ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސައިފި

އޭނާ އަކީ ތައުލީމީ ދާއިރާއިން ޕީއެޗްޑީ އެއް ހާސިލްކޮށް، ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ފަސް އަހަރު ކުރައްވާފައިވާ ބޭފުޅެއް
5 އޯގަސްޓު 2023

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އައްޑުއަށް ނިސްބަތްވާ ޑރ. އަދީލް، ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވައި، މިރޭ 8:30ގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި އެކަން އިއުލާނު ކުރާނެ އެވެ.

  • ޑރ. އަދީލް އަކީ 'ފިލޯސޮފީ އޮފް އެޑިއުކޭޝަން'ގެ ދާއިރާއިން ބްރޫނާއީގެ ދާރުއްސަލާމް ޔުނިވަސިޓީން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް

  • އޭނާ ވަނީ 2014އިން 2019އާ ހަަމައަށް ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާފައި؛ މީގެ އިތުރުން ވެސް އެކި ސްކޫލުތަކުގެ އިސް މަގާމުތައް ފުރުއްވާފައިވޭ

  • 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް އަދީލް ވަނީ ވާދަކުރައްވާފައި؛ ނަމަވެސް އެގޮނޑި ކާމިޔާބެއް ނުކުރެއްވުނު

ފަސްމަންޒަރު - ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާ އިރު، މިހާތަނަށް ފޯމު ހުށަހެޅުއްވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ނިންމީ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. 

ޔާމީން އާއި ނާޒިމްގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައި ވަނީ:

  • އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

  • ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

  • ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (އަމިއްލަ ގޮތުން)

  • ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު (އަމިއްލަ ގޮތުން)

  • އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް