މާލޭގެ ވިޔަފާރި ބަނދަރު. (ފޮޓޯ/ކަސްޓަމްސް)

ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން ރަޝިއާއަށް ޗިޕު އެތެރެކުރަން ރާއްޖެ ބޭނުންކުރޭ: ރިޕޯޓް

ނިކެއި އޭޝިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިއާ އިން ޔޫކްރެއިނަށް އަރައިގަތްތާ ޖެހިގެން އައި އަހަރު ދުވަސް ތެރޭ، އެމެރިކާގައި އުފައްދާފައިވާ 400،000 ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް އެތެރެކޮށްފައިވޭ

ރަޝިއާއިން ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން ޗިޕު އެތެރެކުރުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރަމުންދާ ކަމަށް ޖަޕާނުގެ ނޫހެއް ކަމަށްވާ ނިކެއި އޭޝިއާ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ނިކެއި އޭޝިއާ އިން، އިންޑިއާގެ ރިސާޗް ކުންފުންޏެއް ކަމަށްވާ އެކްސްޕޯޓް ޖީނިއަސް އިން ހޯދި ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ތަފާސްހިސާބުތަކަކާ ހަވާލާދީ، ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިއާ އިން ޔޫކްރެއިނަށް އަރައިގަތްތާ ޖެހިގެން އައި އަހަރު ދުވަސް ތެރޭ، އެމެރިކާގައި އުފައްދާފައިވާ 400،000 ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް އެތެރެކޮށްފައިވެ އެވެ.

ސެމީކޮންޑަކްޓަރު ޗިޕްތަކެއް: ހަނގުރާމައިގައި ބޭނުންކުރާ އާލާތްތަކާއި ހަތިޔާރު އުފެއްދުމަށް ވެސް ބޭނުންކުރޭ. (އެޑޯބީ ސްޓޮކް ފޮޓޯ)

ތަފްސީލް - ނިކެއި އޭޝިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި:

  • މި ތަކެތީގެ ޖުމްލަ އަގަކީ 53.6 މިލިއަން ޑޮލަރު 

  • ކޮންމެ ޝިޕްމަންޓެއްގެ އަގު 50،000 ޑޮލަރަށް ވުރެ މަތި ކަމަށް ރިކޯޑްތަކުން ދައްކާ

އެނގުން މުހިއްމު - އިލެކްޓްރޯނިކް އާލާތްތަކުގައި ބޭނުންކުރާ ސެމީކޮންޑަކްޓަރަކީ އަސްކަރީ ފެންވަރުގެ އާލާތްތަކާއި ހަތިޔާރު އުފެއްދުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

ރަޝިއާއިން ޗިޕު އެންމެ ގިނަ އިމްޕޯޓް ކޮށްފައިވަނީ ޗައިނާ މެދުވެރިކޮށް ނަމަވެސް، ރާއްޖެއަކީ އެ އަހަރު މިފަދަ އިމްޕޯޓްތައް ދެވަނައަށް އެންމެ ގިނައިން ކޮށްފައިވާ ގައުމު ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

ރާއްޖެއަކީ ސެމީކޮންޑަކްޓަރަށް މާކެޓެއް އޮތް ގައުމަކަށް ނުވާއިރު، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެއިން ރަޝިއާއަށް ސެމީކޮންޑަކްޓަރު ޗިޕުގެ އެއްވެސް ޝިޕްމެންޓެއް އެތެރެކޮށްފައި ނުވާކަން ނިކެއި އޭޝިއާ އިން ފާހަގަކުރި އެވެ.

އދ.ގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ހަބަރުގައި ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓްތަކުގެ ޖުމްލަ އަގަކީ 280 މިލިއަން ޑޮލަރެވެ. އަދި ރާއްޖެއިން ރަޝިއާއަށް އެކްސްޕޯޓް ކޮށްފައިވާ ސެމީކޮންޑަކްޓަރުތަކުގެ އަގު، އޭގެ %20 އާ އެއްވަރު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ނިކެއި އޭޝިއާ އިން ބުނިގޮތުގައި ސެމީކޮންޑަކްޓަރު ޝިޕްމެންޓްތަކުގެ އަދަދު 2022ގެ މެއި މަހުން ފެށިގެން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. އަދި އެއީ ހަނގުރާމައިގެ ސަބަބުން ސީދާ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު، ރަޝިއާގެ އޭރޯފްލޮޓް އެއާލައިނުން މާލެ އާއި މޮސްކޯއާ ދެމެދު ފްލައިޓް އަޅަން ފެށި މަސްކަން ހަބަރުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރަޝިއާ ކަސްޓަމްސްގެ ތަފާސްހިސާބުތަކާ ހަވާލާދީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި:

  • 14 އެކްސްޕޯޓަރުން މެދުވެރިކޮށް ރާއްޖެއިން ރަޝިއާއަށް ސެމީކޮންޑަކްޓަރު އެތެރެކޮށްފައިވޭ

  • މިއިން އެއްވެސް ކުންފުންޏަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ ކުންފުންޏެއް ނޫން

ފާހަގަކޮށްލެވޭ ކަމެއް - ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން 'ޓްރާންސިޓް ޕޮއިންޓް'އެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ރަޝިއާއިން މުދަ އެތެރެކުރާ މައްސަލަ އެމެރިކާގެ ސަމާލުކަމަށް ވެސް އައިސްފައިވާކަން ނިކެއި އޭޝިއާ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން 2022 ވަނަ އަހަރު ތުހުމަތުކޮށްފައިވާ ގޮތުގައި، ރަޝިއާއިން އެ އަހަރު ޔޫކްރެއިނަށް އެރިތާ އެންމެ ހަފްތާތަކެއް ފަހުން އެ އަހަރުގެ މާޗް މަހު އިންޓާމޯޑަލް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުން، އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް، ރަޝިއާއަށް މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުމަށް އެހީތެރިވެދީފައިވެ އެވެ. 

އެނގުން މުހިއްމު - ނިކެއި އޭޝިއާ އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ މެދުވެރިކޮށް އެހެން ގައުމަކަށް މުދާ އެތެރެކުރެވެނީ ދެ ގޮތަކަށެވެ. އެއީ:

  • 1-

    ރީއެކްސްޕޯޓް ކުރުން: މިއީ ބަނދަރަށް ނުވަތަ އެއާޕޯޓަށް މުދާ ބާލައި ކަސްޓަމްސް އިން ކްލިއާ ކުރުމަށް ފަހު އަލުން ބަރުކޮށްގެން ބޭރަށް ފޮނުވުން

  • 2-

    ޓްރާންސްޝިޕްމަންޓް: މިއީ ކަސްޓަމްސް އިން ކްލިއާ ކުރުމަކާ ނުލައި، ރާއްޖެ އެތެރެވާ އިރު ހުރި ގޮތަށް ޝިޕްމަންޓް ބޭރަށް ފޮނުވުން

ނިކެއި އޭޝިއާ އިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަނީ 2022 ވަނަ އަހަރު ރާއްޖެއިން ރަޝިއާއަށް ރީއެކްސްޕޯޓް ކޮށްފައިވާ ސެމީކޮންޑަކްޓަރުގެ އަގަކީ ގާތްގަނޑަކަށް 10 ޑޮލަރު، ނުވަތަ 169 ރުފިޔާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ކަސްޓަމްސްއާ ނޫހުން ސުވާލުކުރުމުން އެ ތަނުގެ އޮފިޝަލަކު ބުނެފައިވަނީ ޓްރާސްޝިޕްމަންޓްތަކުގެ ތަފާސްހިސާބު "އެކްސްޕޯޓް ތަފާސްހިސާބުތަކުގައި ނުހިމަނާތީ އެ މައުލޫމާތު ލިބެން ނެތް" ކަމަށެވެ.

އެހެންކަމުން ރަޝިއާގެ ކަސްޓަމްސްގެ ތަފާސްހިސާބުތަކާއި ރާއްޖޭގެ ތަފާސްހިސާބުތައް ދިމައެއް ނުވެ އެވެ.

ކޮމެންޓް (1)

އެސްޓީ

22 ޖުލައި 2023
ދުނިޔޭގަ ލެއްވިހާ މަނާ ކަމެއްގަ ރާއްޖެ އުޅޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް