
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގާނޫނު ތަސްދީގު ކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)
ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލާން ފުރުސަތު ލިބޭ ގާނޫނު ތަސްދީގުކޮށްފި
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް އަވަސްކުރަން އެ ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ކޮމިޓީން ފާސްކުރި ގޮތަށް ގާނޫނު އިސްލާހު ކުރަން 19 ޖޫންގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ.
ތަފްސީލް - ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ ބިލުގައި ހިމަނާފައިވަނީ:
-
ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުލާއިރު އެ ކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމު ހަމަޖައްސައި އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް
-
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ ޕްލާސްޓިކް ޓެމްޕްލޭޓު ހުންނަން ޖެހޭ ގޮތާއި އެ ބޭނުންކޮށްގެން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ގޮތް ވަނީ ހިމަނާފައި
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުލުމަށް ބޭނުންކުރާ ވޯޓް ކަރުދާސް ޓެމްޕްލޭޓުގައި:
-
ވޯޓު ކަރުދާހާ އެއް ވަރަށް، ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން އެ ނުގުޑާނެ ގޮތަށް ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަމްބަރު ޓެކްޓައިލްކޮށްފައި
-
އެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހުންނަން ޖެހޭ
ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން 19 ޖޫންގައި މަޖިލީހުން ފާސްކުރި ބިލު ވެސް ރައީސް ސޯލިހު މިއަދު ވަނީ ތަސްދީކުރައްވާފަ އެވެ.
އެ އިސްލާހަކީ:
-
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށައަޅަން ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުން
މި ދެ އިސްލާހު ވެސް މިހާރު ވަނީ ގެޒެޓުގައި ޝާއިއު ކޮށް، އަމަލުކުރަން ފަށާފަ އެވެ.