ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ރައީސް ސޯލިހު މިރޭ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރާއްޖެއަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ: ރައީސް
ރާއްޖެއަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ކަމަށާއި އެކަމަށް ދިވެހި ސިފައިން ތިބީ ތައްޔާރުވެ ފާރަވެރިވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ ރައީސް މިހެން ވިދާޅުވީ ކަޅުތުއްކަލާކޮށީގައި އޮތް ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ މުޅި ދުނިޔޭގައި ވެސް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޒަމާނީ ޓެރަރިޒަމް ކަމަށެވެ. ދުރާލާ ރާވައިގެން، މާ ދުރުގައި ފިލާ ތިބެގެން ހިންގާ ޓެރަރިޒަމްގެ ފިނޑި އަމަލުތަކުގެ ނުރައްކާ މުޅި ދުނިޔެއަށް މިއަދު އޮތީ ފެތުރިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަކީ ވެސް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަލާމަތީ ގޮތުން ބަލާއިރު ރާއްޖެއަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ކަމަށެވެ.
"ދެ ނަން ކިޔަސް، މިއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް އަތުކޮޅަށް ދަމާލާފައި އޮތް ކަނޑިއެއްގެ ވަރަށް ތޫނު ދެ މިޔަ. އެކަމަށް ވެސް ދިވެހި ސިފައިން ތިބީ ތައްޔާރުވެ ފާރަވެރިވެގެން. މި ނުރައްކާތަކުން ރާއްޖެ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން އަންނަނީ ދުރާލާ ގިނަ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެންމެ ކަށަވަރު ފަރުވާއަކީ އެހެން ގައުމުތަކާ ބަދަހިކުރާ ގުޅުން'
ދުޝްމަނުން މިއަދު ގައުމާ ތޮޅެން އަންނަނީ ގުރާބުތަކާއި ބަނގަލާބޯޓުތަކާއި ނައުފަހަރަކު ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ގައުމު ދިފާއުކުރުމަށްޓަކައި މިއަދު ހަދަން ޖެހެނީ ކޯއްޓޭތަކާއި ބުރުޒުތަކާއި ކިއްލާތަކެއް ވެސް ނޫން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި:
-
އަޅުވެތިކަމާ ދެކޮޅަށް 21 ވަނަ ގަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން ދޭދޭ ގައުމުތަކާ އެކުގައި ބަދަހިކުރާ އިތުބާރު ހުރި ގާތް އެކުވެރި ގުޅުން
-
އެ ގުޅުމުގައި އާރުލާ ވަރަކަށް، އެ ގައުމެއްގެ ވަށައިގެން ލެވޭ ދިފާއީ ފާރު ބޯވެގެންދާނެ
-
ގައުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގައި ވެސް، އަދި އެ ނުރައްކާތައް ދުރާލާ ދެނެގަތުމުގައި ވެސް، ގައުމުތަކަށް ކާމިޔާބު ލިބެނީ އެ ގުޅުން ދަމަހައްޓައިގެން
-
މިއަދުގެ ބައިނަލްއަގުވާމީ މުޖްތަމައުގައި އެއްވެސް ގައުމަކީ އެކަހެރިވެގެން، އެހެން ގައުމުތަކާ ނުގުޅި އުޅެވޭނެ ގައުމެއް ނޫން
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ވެސް އެ ގުޅުން ދަމަހައްޓައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ގުޅުން ބަދަހިކުރަން ގާބިލު، ހުޝިޔާރު އަސްކަރިއްޔާއެއް އޮތުމުގެ ބޭނުންތެރިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަންނަ ބަދަލުތަކާ އެކު ސިފައިންގެ މަސައްކަތްތައް ފުޅާކޮށް ތަރައްގީކުރަން ކުރާ ބައެއް ކަންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅުމާ އެކު، އަސްކަރިއްޔާގައި ޒިންމާތައް އިތުރުވެފައިވާތީ، އަންމޭންޑް އޭރިއަލް ވެހިކަލް ހޯދުމަށް ނިންމައި، އެ މަސައްކަތް އަންނަނީ ކުރަމުން
-
ޅ. މާފިލާފުށީގައި މިހާރު ހިންގާ އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކުއާޓަރު، ހދ. ހަނިމާދުއަށް ބަދަލުކުރުމަށް އެ ތަން އެޅުމުގެ މަޝްރޫއު މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައި
-
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސްޑް ވެޕަން ފަޔަރިން ސިމިއުލޭޓަރު ހޯދުން؛ މި އަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ރާއްޖެ ގެނެސް ބޭނުންކުރަން ފެށޭނެ
-
ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗާގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން، އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން