ކ. އަތޮޅުގައި އޮންނަ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ރިސޯޓް. (ފޮޓޯ/ ބުކިން.ކޮމް)

ރޭޕް

ރިސޯޓެއްގެ ބަޓްލަރަކު ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުން؛ އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ކ. އަތޮޅުގައި އޮންނަ ރިޒް ކާލްޓަން ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިޔަކު، އެ ތަނުގެ ބަޓްލަރަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި:

  • އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި މަހުގެ 6ގައި

  • އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

އެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 6ގައި ކަމަށް ފުލުހުން ބުނި ނަމަވެސް، ފަތުރުވެރިޔާ ބުނެފައިވަނީ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 11ގައި ކަމަށެވެ.

ފަތުރުވެރިޔާގެ ބަސް - އޭނާ ރޭޕްކޮށްފައިވަނީ ރިޒް ކާލްޓަން ރިސޯޓުގައި މަސައްކަތްކުރާ ދިވެހި ބަޓްލަރެއް ކަމަށް ތުހުމަތުކޮށް، ފަތުރުވެރިޔާ ވަނީ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި މެސެޖުތަކެއް ލިޔެފަ އެވެ.

ވަރަށް ތަފްސީލީ މައުލޫމާތާ އެކު އޭނާ ލިޔެފައިވާ ޕޯސްޓުގައިވާ ގޮތުން:

  • އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީގައި ކިޔަވަމުން އަންނަ ދަރިވަރެއް

  • އޭނާ ރާއްޖެ އައީ ފްރީ ޑައިވިން ގްރޫޕަކާ އެއްކޮށް؛ އެ މީހުންނާ އެކު ދަތުރު ނިންމާލުމަށް ފަހު އޭނާ ނިންމީ އަދި ދުވަސްކޮޅަކު ރާއްޖޭގައި މަޑުކުރަން

  • މި މަހުގެ 10 އިން ފެށިގެން ރިޒް ކާލްޓަންގައި އެކަނި ހުންނަން އޭނާ ނިންމީ ޕްރައިވެސީ އާއި ސަލާމަތްތެރިކަން ލިބޭނެ ކަމަށް ގަބޫލުކޮށްގެން

ރިސޯޓުގައި ހުއްޓާ ފެން އެޅިގެން އޭނާގެ ފޯނު ހަލާކުވި ކަމަށާއި ރިސޯޓުގެ އައިޓީ ޓީމަށް ފޯނު މަރާމާތު ނުކުރެވުމުން އޭނާއަށް ވަގުތީ ގޮތުން ބޭނުންކުރެވޭނެ ފޯނެއް ފޯރުކޮށްދިނުމަށް އެދުނު ކަމަށް އޭނާ ބުންޏެވެ.

ފޯނެއް ގެންނަން ޖެހޭނީ މާލެއިން ގަނެގެން ކަމަށް ރިސޯޓުން ބުނުމުން، އޭނާ ބަޓްލަރުގެ އެހީ ހޯދައި ބަޓްލަރުގެ ފޯނަށް އޭނާގެ ސިމް ލައްވައިގެން 'ވީޗެޓް' މެދުވެރިކޮށް އާއިލާއާ ވާހަކަދައްކާފައިވާ ކަމަށް ފަތުރުވެރިޔާގެ ޕޯސްޓުގައިވެ އެވެ.

ފަތުރުވެރިޔާ ބުނެފައިވާ ގޮތުގައި ބަޓްލަރު އޭނާ ރޭޕްކޮށްފައިވަނީ އޭނާ ދަތުރުކުރަމުން ދިޔައީ އެކަނިކަން ޔަގީންކުރަން އެކި ކަހަލަ ސުވާލުކުރުމަށް ފަހު، ގެސްޓަކާ މުވައްޒަފަކު އެ ގޮތަށް ވާހަކަދައްކަން ތިއްބާ ފެނިއްޖެ ނަމަ، ގޯސް ގޮތަކަށް މީހަކު ހީކޮށްފާނެ ކަމަށް ބުނެ، ދޮރުފޮތިތައް ދެމުމަށް ފަހު އެވެ.

އެ އަމަލަށް ފަހު، ވަގުތުން މައްސަލަ ހުށަހެޅުމަށް އޭނާގެ ކޮޓަރީގައި ހުރި ފޯނު މެދުވެރިކޮށް ފުލުހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ނަމަވެސް، އެ ފޯނު މެދުވެރިކޮށް ނުގުޅުމުން އޭނާ ނުކުތީ ފްރަންޓް ޑެސްކަށް ގޮސް ފުލުހުންނަށް ގުޅާށެވެ.

ފަތުރުވެރިޔާ ބުނި ގޮތުގައި، އެ މައްސަލަ ރިޕޯޓުކުރުމަށް:

  • އެހެން މުވައްޒަފެއްގެ އެހީގައި، އޭނާ ވެގެން އުޅޭ ގޮތް ރިސޯޓުގެ މެނޭޖަރަށް އެންގި 

  • އެ މީހުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން ވަނީ އެ ތަނަށް ގޮސް، ހެކީގެ ބޭނުމަށް ސާމްޕަލް ނަގާފައި؛ ރޭޕްގެ އަމަލަށް ފަހު، އެކަން ކުރިކަން ސާބިތުވާ ކަމުގެ ނިޝާންތައް ކޮޓަރީގައި ހުރި

  • ކައިރި ރަށަކަށް ގެންގޮސް ފަތުރުވެރިޔާގެ ޓެސްޓުތަކެއް ހެދި؛ ގައިގެ އެކި ތަންތަން ހުރީ ނޫފައިގެންފައި

  • ޗައިނާގެ ތަރުޖަމާނެއްގެ އެހީގައި އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދިން

އެ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ވެސް ފަތުރުވެރިޔާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި:

  • ރިޒް ކާލްޓަން ފަރި އައިލެންޑްސް ރިސޯޓުން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 11ގައި މައްސަލަ ހުށަހަޅާފައިވާ ކަމުގެ އިންފޮމޭޝަން ރަޖިސްޓްރޭޝަން ސްލިޕްތައް

  • މި މަހުގެ 11ގައި، ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކާފައިވާ ސާވިސް ރިސީޓް

ފަތުރުވެރިޔާ ބުނި ގޮތުގައި، މައްސަލަ ހުށަހަޅަން ބޭނުންވާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވަނީ މި މަހުގެ 13ގަ އެވެ.

އެ މައްސަލައިގައި ރިސޯޓުގެ ފަރާތުން އަމަލުކުރި ގޮތާ މެދު ފަތުރުވެރިޔާގެ ޕޯސްޓުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެ ގޮތުން އޭނާ ބުނި ގޮތުގައި:

  • ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނުދެވުމަކީ ބޮޑު ކަންބޮޑުވުމެއް

  • ފޯނު ހަލާކުވެގެން އާއިލާއާ ގުޅޭނެ ގޮތެއް ނެތިގެން އުޅުނު އިރު ރިސޯޓުން ފޯނެއް ފޯރުކޮށްދީފައެއް ނުވޭ

  • ބޮޑު ކަމެއް ހިނގައިގެން އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅުގައި ތަރުޖަމާކޮށްދޭނެ ފަރާތެއް ވެސް ރިސޯޓުން ހަމަޖައްސައިދީފައެއް ނުވޭ

މިކަމާ ބެހޭ ގޮތުން ރިޒް ކާލްޓަންގެ ބަހެއް ހޯދަން 'ދައުރު'ން މަސައްކަތްކުރި ނަމަވެސް، މިހާތަނަށް އެ ރިސޯޓުން ޖަވާބެއް ލިބިފައެއް ނުވެ އެވެ.

އެނގުން މުހިންމު - ރޭޕް ކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެެވެ. ރޭޕްގެ ކުށް ސާބިތުވެއްޖެ ނަމަ ކަނޑައަޅާފައިވާ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެ އަމަލު ހިންގީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމަށްވާ ނަމަ، އެ މުއްދަތު 25 އަހަރަށް ވެސް އިތުރުކުރެވިދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް