ޖިންސީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޔޫއެންއެފްޕީއޭ އިން ބައިސްކޯފާއި ސިމްބޮލިކް ރިކޯޑްސް ގުޅިގެން "ނޭނގިފާ" މިޔުޒިކް ވީޑިއޯ ނެރުމުގެ ތެރެއިން. (ފޮޓޯ/ ޔޫއެންއެފްޕީއޭ)
'ނޭނގިފާ' ވީޑިއޯއިން ދައްކުވައިދެނީ ޖިންސީ ހޭލުންތެރިކަން ބޮޑުކުރުން މުހިއްމުކަން
ކޮންމެ މީހެއްގެ ހަޔާތަކީ ވެސް ވާހަކައެކެވެ. އިހުސާސްތަކާއި، ތަޖުރިބާތަކާއި، ނިންމުންތަކެވެ. އެއް ހާލަތުން އަނެއް ހާލަތަށް ދިރިއުޅުން ބަދަލުވާން ކުރިމަތިވާ ސަބަބުތަކެވެ. އެއާ އެކު އަންނަ ގޮންޖެހުންތަކެވެ. ކާމިޔާބީ އާއި ނާކާމިޔާބީ އެވެ. މިފަދަ އެންމެ އަސަރުގަދަ ވާހަކަތައް ފޮރުވިފައި ވަނީ މުޖުތަމައުގެ އާންމު މިންގަނޑުތަކަށް ފެތޭ ގަބޫލުކުރުންތަކުގެ ފަރުދާގެ ފަހަތުގަ އެވެ.
އެއީ އަހަރެމެން ނުދައްކާ ވާހަކަތަކެވެ. 'ނޭނގޭ' ކަންތައްތަކެވެ. ނޫނީ 'ނުބެހޭ' ކަންތައްތަކެވެ. އެ ވާހަކަތަކުން ބޮޑެތި މިސާލުތަކާއި ފިލާވަޅުތައް ހާސިލްކުރެވެން އޮވެ، މަތިއަޅާ ފޮރުވާ، ނުވާކަމަކަށް ހަދާ ވާހަކަތަކެވެ.
އެފަދަ ވާހަކަތައް މެދުވެރިކޮށް ރާއްޖޭގައި ޖިންސީ ހޭލުންތެރިކަން ބޮޑުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، ޔޫއެންއެފްޕީއޭ މޯލްޑިވްސް އިން ބައިސްކޯފާއި ސިމްބޮލިކް ރިކޯޑްސްއާ ގުޅިގެން މިފަހުން ވަނީ މިޔުޒިކް ވީޑިއޯއެއް ނެރެފަ އެވެ.
"ނޭނގިފާ"ގެ ނަމުގައި އާންމުކުރި މި ވީޑިއޯއިން ދައްކުވައިދެނީ ރާއްޖެއިން ފެންނަ ބޮޑެތި އިޖުތިމާއީ މައްސަލަތަކެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި، ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ގަނާކުރުމާއި، ރޫޅިފައިވާ އާއިލާތަކާއި، ނަފްސާނީ މައްސަލަތަކެވެ.
މި ވީޑިއޯ މެދުވެެރިކޮށް ''ނޭނގިފާ'ގެ ޕްރޮޑިއުސަރު ރަފްހާން ވަހީދު ދައްކުވައިދިނީ މިފަދަ ގޮންޖެހުންތައް ކުރިމަތިވާ ހާލަތްތަކުގައި އެކަން ތަހައްމަލު ކުރަން ޖެހޭ ފަރާތްތަކަށް އިހުސާސްކުރެވޭ ނުތަނަވަސްކަމާއި އެކަނިވެރިކަމެވެ. އަދި އެކަންކަން ކުރިމަތިވާ ހިނދު، "ކޮންމެވެސް މީހަކު އެމީހުންނަށް ކުޑަ ވެސް އެހީތެރިކަމެއް ފޯރުކޮށްދީފި ނަމަ އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް ފެނިގެންދާނެ" ކަމަށް އޭނާ ބުންޏެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެންޑްރިއު ހޮޖަޒް ވިދާޅުވީ މިފަދަ މައްސަލަތައް ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ވެސް ފެންނަ ކަމަށެވެ. މިފަދަ ވީޑިއޯތަކަކީ މި މައްސަލަތަކަށް ބަދަލު ގެނެވިދާނެކަމުގެ ހެއްކެއްކަން އޭނާގެ ވާހަކަތަކުން ދޭހަވެ އެވެ.
ވީޑިއޯގައި ޓީޗަރެއްގެ ރޯލު ކުޅެފައިވާ އާއިޝަތު އިރާޝާއަކީ ލައިސަންސްޑް ސައިކޮލޮޖިސްޓެއް އަދި ލެކްޗަރާއެކެވެ. މުޖުތަމައުގެ ތެރޭގައި ހުންނަ ގަބޫލުކުރުންތަކުގެ ސަބަބުން ފިރިހެން ކުދިންގެ ނަފްސާނީ ހެދިބޮޑުވުމާއި އަހުލާގަށް ބޮޑެތި އަސަރުތަކެއް ކުރާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ގެންގުޅޭ ވިސްނުމުގެ ވާހަކަ ދައްކާއިރު، ފިރިހެންކުދިންގެ އިހުސާސްތަކާއި ތަޖުރިބާތައް ދެނެގަތުން މުހިއްމު ކަމަށެވެ.
މި ވީޑިއޯއިން ދައްކުވައިދެނީ ރާއްޖޭގެ އާބާދީގެ އެތައް ބައެއް ތަހައްމަލު ކުރަމުންދާ ކަންކަމެވެ. ދޭ މެސެޖަކީ، އަހަރެމެން ގަބޫލުކުރިޔަސް ނުކުރިޔަސް، މިފަދަ ވާހަކަތަކުގައި އަހަރެމެން އެންމެން ވެސް ބޮޑު ރޯލެއް އަދާކުރާ ކަމެވެ.
ސްކޫލުގައި ގަނާ ކުރުމުގެ ޝިކާރައަކަށްވާ ކުއްޖާ ބާކީކޮށްލުމުގެ ބަދަލުގައި އެ ކުއްޖާއަށް އެހީތެރިވެދީ ހިއްވަރުދީފި ނަމަ، އެކުއްޖާ މަގުން ކައްސާލުމުގެ ފުރުސަތު ކުޑަކުރެވިދާނެ އެވެ. ރައްކާތެރި ނޫން ގޮތުގައި ޖިންސީ އަމަލެއް ހިންގައިގެން ބަލިވެ އިންނަ އަންހެނާ ދަށްކޮށްލާ، އެއްޗިހިކިޔުމުގެ ބަދަލުގައި އޭނާއަށް އަޅާލުމާއި ރައްކާތެރިކަން ދީފި ނަމަ، އެތައް ވޭނަކާއި އަނިޔާއަކުން އޭނާ ސަލާމަތްކުރެވިދާނެ އެވެ. ރޫޅިގެންދާ އާއިލާތަކުގެ ޝިކާރައަކަށް ވާ ކުޑަކުދިންގެ އަދަދު މަދުކުރެވިދާނެ އެވެ. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލަން މަސައްކަތް ކުރާ މީހަކަށް ހިއްވަރު ދެވިއްޖެ ނަމަ، އޭނާ ރަނގަޅުކޮށް އަލުން އަނބުރާ މުޖުތަމައުއަށް ނެރެވިދާނެ އެވެ.
ޔޫއެންއެފްޕީއޭއިން ގަބޫލުކުރާ ގޮތުގައި ހޭލުންތެރިވުމަކީ ރަނގަޅު ނިންމުންތައް ނިންމަން ލިބޭ ބާރެކެވެ. އަދި ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ރާއްޖޭގައި ކޮމްޕްރިހެންސިވް ސެކްޝުއަލިޓީ އެޑިއުކޭޝަން (ސީއެސްއީ)ގެ ރަނގަޅު ބިންގަލެއް އެޅިއްޖެ ނަމަ، ޒުވާން އުމުރުގައި ރައްކާތެރި، ރަނގަޅު ގޮތްތައް ހިޔާރުކޮށް، ޔަގީންކަމާއި ބާރުވެރިކަމާ އެކު ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ އެވެ.
ސީއެސްއީ ފޯރުކޮށްދިނުމުގެ ބޭނުމަކީ ޖިންސީ އަމަލުތަކަށް ހިތްވަރު ދިނުން ނޫންކަން ޔޫއެންއެފްޕީއޭ އިން ފާހަގަކުރި އެވެ. އޭގެ ބަދަލުގައި ސީއެސްއީ މެދުވެރިކޮށް ފޯރުކޮށްދެނީ ކުރިމަތިވާ އުނދަގޫ ކަންކަމާ ކެރުންތެރިކަމާ އެކު ކުރިމަތިލާ، އެމީހެއްގެ ޕޮޓެންޝަލްއަށް ވާސިލުވުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތެވެ. ނުރައްކަލަށް ހުށަހެޅިގެންދާ އަމަލުތަކުން ދުރުވެ، ނުރަނގަޅު ނަތީޖާތަކުން ދުރުވާނެ ގޮތެވެ.
އެންމެ މުހިއްމީ ހޭލުންތެރިކަމާއި އެހީތެރިކަމެވެ. ކޮންމެ މީހަކު ވެސް ނުރަނގަޅު އާދަތަކަށް ހުށަހެޅިގެން ދަނީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް ސަބަބުތަކެއް ހުރެގެންކަން ދެނެގަތުމެވެ. އިޖުތިމާއީ އާންމު މިންގަނޑާ ހިލާފު ކަމެއް ކުރެވޭ މީހާއާ މެދު ގޯސްކޮށް ދެކި ބާކީކޮށްލުމުގެ ބަދަލުގައި، އެހީތެރިކަން ފޯރުކޮށްދީ އެ ހާލަތުން އަރައިގަތުމަށް ހިތްވަރު ދިނުމެވެ. ދުޅަހެޔޮ، އުފާވެރި މުޖުތަމައެއް ބިނާ ކުރެވޭނީ އެންމެންގެ ވެސް މަސައްކަތުންނެވެ.