އާޓް ގެލަރީ މާލޭގައި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ބޭއްވި އިވެންޓެއްގައި ކުދިންތަކެއް ކުރަހަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ކުޑަކުދިންގެ މައުލޫމާތު އާންމުކުރެވޭނެ ގޮތުގެ އުސޫލު ހާމަކޮށްފި

މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޗިލްރަންސް އޮމްބަޑްސްޕާސަން އެކުލަވާލާފައިވާ އުސޫލެއް

ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ވެސް ސަބަބަކަށްޓަކާ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު އާންމުކުރުމަށް ޗިލްރަންސް އޮމްބަޑްސްޕާސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލު މިއަދު ގެޒެޓުކޮށްފި އެވެ.

އެނގުން މުހިއްމު - 2019ގައި ތަސްދީގުކުރެވުނު ކުޑަކުދިންގެ ހައްގުތައް ރައްކާކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، ވަކި ހާލަތްތަކެއްގައި ޝަރުއީ ކޯޓުތަކުން ނުވަތަ ޗިލްރަންސް އޮމްބަޑްސްޕާސަން ހުއްދަކުރާ މިންވަރަކަށް އާންމުކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ އިދާރާގެ މެންޑޭޓުގައި ހިމެނިފައިވާ ގޮތުގެ ދަށުން، މިއަދު އާންމުކުރި އުސޫލުގައި، ކުޑަކުދިންގެ މައުލޫމާތު ހާމަކުރެވޭނެ ކަމަށް އޮމްބަޑްސްޕާސަން ހުއްދަކުރާ ހާލަތްތަކާއި މިންވަރު ވަނީ ތަފްސީލުކޮށްދީފަ އެވެ.

ތަފްސީލް - މި އުސޫލުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ވެސް ސަބަބަކަށްޓަކާ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ޒާތީ މައުލޫމާތު އާންމުކުރެވޭނެ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވަނީ:

  • ކުރިމަތިވާ ހާއްސަ ހާލަތެއްގެ ސަބަބުން ކުއްޖާގެ މަސްލަހަތަށްޓަކާ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށްވާ ނަމަ

  • އެ ހާލަތުގައި ކުއްޖާގެ ތަސްވީރެއް ނުވަތަ މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި އާންމުކުރާ ނަމަ، މައިންބަފައިންގެ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާގެ ހުއްދަ ހޯދަން ވާނެ؛ އެފަދަ ހާލަތުގައި ކުއްޖާއަށް އަމިއްލަ ރައުޔެއް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ނަމަ، ކުއްޖާގެ ރައުޔު ވެސް ހޯދަންވާނެ

  • ނަމަވެސް، އެކަން ކުރެވެން ނެތް ހާލަތުގައި ކުއްޖާގެ މަސްލަހަތަށް ބަލައި ދަތުލަތުގެ ކަމާ ބެހޭ އިދާރާއަކުން މައުލޫމާތު އާންމު ކުރެވިދާނެ

މި އުސޫލުގައި ބަޔާންކުރާ "ހާއްސަ ހާލަތު"ގެ ގޮތުގައި ބެލެވޭނީ:

  • ކުޑަކުއްޖަކު ގެއްލިގެން ހޯދާ ހާލަތެއް

  • އެއްވެސް ސަބަބަކަށްޓަކައި ކުއްޖާއަށް އެހީތެރިކަމެއް ބޭނުންވެ، އާންމުންގެ އެހީތެރިކަން ބޭނުންވެ، އާންމުންގެ އެހީތެރިކަން ލިބިގެން ނޫނީ އެކަން ކުރެވެން ނެތް ހާލަތެއް

މި ދެ ހާލަތުގައި ހުރިހާ ޝަރުތެއް ފުރިހަމަވެގެން ވެސް ހާމަކުރެވޭނެ ހަމައެކަނި މައުލޫމާތަކީ:

  • ފުރިހަމަ ނަން

  • އާންމުކޮށް ކިޔާ ނަން

  • ވަނަން

  • ދާއިމީ އެޑްރެސް

  • ފޮޓޯ ނުވަތަ ތަސްވީރު

  • އުމުރު

  • އެންމެ ފަހުން ފެނުުނުއިރު ލައިގެން ހުރި ހެދުމުގެ މައުލޫމާތު

  • އެންމެ ފަހުން ފެނުނު ސަރަހައްދުގެ މައުލޫމާތު

  • އައިޑީ ކާޑު ނަންބަރު

  • އާންމުންގެ އެހީތެރިކަން ބޭނުންވާ ސަބަބާ ގުޅުން ހުރި ލިޔުންތައް

މިފަދަ އެއްވެސް މައުލޫމާތެއް އާންމުކުރާ ނަމަ، އެކަން ކުރި މިންވަރާއި ސަބަބު، ބެލެނިވެރިޔާގެ ހުއްދަ ހޯދާފައިވާކަން ނުވަތަ ނޫންކަން، އެކަމާ މެދު ކުއްޖާ ދެކޭ ގޮތް، މައުލޫމާތު އާންމުކުރި އިދާރާއަކުން ރިކޯޑް ލިޔުމުން ރިކޯޑު ކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން، އެ ހުއްދަތައް ނުހޯދާ މައުލޫމާތު އާންމުކުރި ނަމަ، އެކަމުގެ ފަހަތުގައިވާ ސަބަބު ވެސް ލިޔުމުން ރިކޯޑް ކުރަން ޖެހެ އެވެ.

އުސޫލާ ހިލާފަށް މީޑިއާއަކުން ކުއްޖެއްގެ މައުލޫމާތު އާންމުކޮށްފި ނަމަ:

  • އެ މައުލޫމާތެއް ނުވަތަ ތަސްވީރެއް ނުވަތަ ވީޑިއޯއެއް މީޑިއާއިން ނެގުމަށް ނުވަތަ ނުފެންނަ ގޮތް ހެދުމަށް އެންގޭނެ

  • އެ މީޑިއާއަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އެންގޭނެ

ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ އާންމު ފަރާތަކުން އެކަން ކުރި ނަމަވެސް، އެ މައުލޫމާތެއް ނަގައި އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލެއް އެމްއެމްސީން 2021ގައި ގެޒެޓުކޮށްފައިވެ އެވެ.

ނަމަވެސް، އެ އުސޫލުގައި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނާ ބެހޭ މައުލޫމާތު އާންމުކުރުމުގައި މީޑިއާއިން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް